23 އޯގަސްޓް 2025 - 12:36

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު ހއ. އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ޝަރަފު އެރުއްވުމަށް ރައީސް ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓުމަށް އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެ ކަމަށް ދޭ އަހައްމިއްޔަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނާއި އެ ރަށު ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާ އެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީ ކަމަށެވެ.
އެ ޝަރަފު އަރުވާނީ މާދަމާ ފާހަގަކުރާ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، އުތީމުގައި ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. އެ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 10 ޖަހާއިރު އެވެ.
ރައީސް މުއިއްޒު ޝަރަފުވެރި ކޮށްދެއްވާ އެ ހާއްސަ ހަފުލާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ދޭނެ އެވެ.
ރައީސް އޮފީހުން ބުނީ މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އެ ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ އެ ބޭފުޅާގެ ހަނދާނަށެވެ.
މި އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށާއި ކުންފުންޏަކަށް ސަރުކާރުން ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގައުމީ އިނާމަށް ބޭފުޅުން ހޮވާފައިވަނީ ރައީސް އުފައްދަވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ ޝަރަފުގެ އައްޑަނައަކާއި ޝަރަފުގެ ބެޖާއި ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.