22 އޯގަސްޓް 2025 - 13:47

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު 11,191.95ރ. އަށް އިތުރުވެއްޖެ އެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އެ އިދާރާއިން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، އިއްޔެއިން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 11,191.95ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މި އަހަރު މުދަލު ޒަކާތުގެ ނިސާބު އެންމެ ފަހުން ކަނޑައެޅިއިރު ހުރީ 9,264.15 ގަ އެވެ. އެއީ މިދިޔަ އެޕްރީލް މަހު އެވެ.
މުދަލު ޒަކާތުގެ ގޮތުގައި ނެގުން، ދީނީ ގޮތުން ވާޖިބު ވަނީ ނިސާބު ހަމަވާ ވަރަށް ހިޖުރީ އެއް އަހަރުގެ މުއްދަތަށް ފައިސާ ހުރުމުންނެވެ. މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އޭގެ 40 ބައިކުޅަ އެއްބަ އެވެ. އެއީ 2.5 ޕަސެންޓެވެ.
ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
ޒަކާތު ހައުސް އިން ބުނި ގޮތުގައި، މިހާރު ބާޒާރުގައި ރިހީގެ އަގު ހުރީ ގްރާމަކަށް 18.81ރ. އަދި ރަނުގެ އަގު ހުރީ ގްރާމަކަށް 1,652.10ރ. އަށެވެ. ރިހީގެ ނިސާބަކީ 595 ގްރާމް އަދި ރަނުގެ ނިސާބަކީ 85 ގްރާމެވެ.
މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށެވެ.