22 އޯގަސްޓް 2025 - 12:12

އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތަށް 260 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ އިއުލާންކޮށްފި އެވެ.
އީސީގެ ވެބްސައިޓުގައި ބުނީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ 260 އަށް ވުރެ ގިނަ މުވައްޒަފުން ހޯދުމަށް ސަރުކާރުގެ ގެޒެޓުގައި މިހާރު އިއުލާންކޮށްފައިވާ ކަމަށެވެ.
ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ފަހިކުރުމުގެ ގޮތުން ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އީސީން ބުންޏެވެ.
އީސީން ބުނީ ވޯކް-އިން އިންޓަވިއު ބާއްވަނީ މި މަހުގެ 29 ވަނަ ދުވަހު ކަލާފާނު ސްކޫލްގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކަމަށެވެ. އަދި މި މަހުގެ 30 ވަނަ ދުވަހު ހުޅުމާލެ 2 ގެ ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކަމަށް އީސީން ބުންޏެވެ.
ވޯކް-އިން އިންޓަވިއުއަށް ފަހު އެ މަގާމުތަކަށް މުވައްޒަފުން ހަމަނުވާ ނަމަ، އެ މަގާމުތަކަށް އިއުލާނުގައިވާ އަދަދަށް މުވައްޒަފުން ހަމަވަންދެން، އަންނަ މަހު އެކަކުން ފެށިގެން ކޮންމެ 15 ދުވަހަކުން މަގާމަށް ކުރިމަތިލާފައިވާ މީހުން އިވެލުއޭޓްކޮށް މީހުން ނަގަމުން ދާނެ ކަމަށް އީސީން ބުންޏެވެ.
އީސީން ބުނީ މި ވަޒީފާތަކުގެ އިންޓަވިއު އާއި އިމްތިހާނު ކުރިއަށް ގެންދާނީ އަންނަ މަހު އެކަކުން ފެށިގެން އަންނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ކޮމިޝަންގެ އިދާރާގައި ކަމަށެވެ.
އީސީން ކޮންމެ އިންތިހާބަކާ ދިމާކޮށް ވެސް އެ ކޮމިޝަންގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ނަގަ އެވެ.