22 އޯގަސްޓް 2025 - 00:55

މި ސަރުކާރުގެ ތެރޭގައި ބޮޑެތި ކޮރަޕްޝަންތަކާއި ވައްކަންތައް އޮތް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

ފުރަތަމަ ފަހަރަށް ޕީއެންއެފްގެ އޮފީހުން ބޭރުގައި ބޭއްވި "ވޭކްއަޕް" ޖަލްސާގައި ޔާމީން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއް ވެސް ދިވެހިން ދެކެފައިވާ ކަމަށާއި އޭރު ފެނުނީ ފިނިފެންމަލާއި އަސުރު މަލުގެ ޖާދުވީ އަސަރު ކަމަށެވެ. އެކަމަކު ބަޔަކަށް އެ މަންޒަރު ބަލަން ކެތްނުވެގެން އެ އަސަރު ކަނޑުވާލައި ފަނޑުނޫ ކުލަ ގެނެސްފައިވާ ކަމަށް އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.

ޕީއެެންސީއަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވި، ޅެން ބައިތުގައިވާ ގޮތުން، މި ސަރުކާރުން ގެނައީ ބަނޑުހައި ހޫނުކަމާއި ކޮރަޕްޝަނެވެ.
"ފަނޑުނޫކުލައިން ގެނުވައިފިއޭ ބަނޑުހައިކަމާއި ހައިހޫނުކަން،
ބަނޑުބޮޑުނުކޮށް ފައްކާވިޔޭ ވައުދާއި ކޮރަޕްޝަން ގައިގޯޅިކޮށް،"
ޔާމީން ވަނީ ބައެއް ކުންފުނިތަކުން ކުރަމުން އައި މަސައްކަތްތައް ބަދަލުކުރަމުންދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ވެމްކޯ އިން ޓޫރިޒަމް ދާއިރާ އަށް ވަނުމާއި އެމްއޭސީއެލުން ކިއްލި ތެޅުމާއި ޖިމް ހެދުމުގެ މަސައްކަތްކުރާ ކަމަށް ވިދާޅުވެ އެއީ އެސްއޯއީތަކުގެ "ތްރެޑު ކެނޑުން" ކަމަށް ސިފަ ކުރެއްވި އެވެ. އަދި މަގު ހެދުމުގެ މަސައްކަތްކުރާ އާރުޑީސީ އަށް ހޮސްޕިޓަލު ތަރައްގީކުރަން ހަވާލުކުރުމުން ވެސް އެކަމަށް ފާޑުވިދާޅުވި އެވެ.
"ބޮޑު ސޯބު އެނބުރި ތްރެޑު ކެނޑުނީމަ ހުރިހާ ކުންފުނިތަކެއް މި ތްރެޑު ކެނޑިގެންދަނީ ދެއްތޯ. މިއީކީ އަޅުގަނޑުމެންގެ މުސްތަގުބަލަކަށް އޮތް އުފާވެރި ފާލެއް ނޫން އެއްގޮތަކަށް ވެސް."
ޔާމީން ވިދާޅުވީ މިއަދު ރާއްޖޭގައި ހިނގާ އެއްވެސް ތަނެއް ނެތް ކަމަށެވެ. ކޯޓުތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް ވެސް ކޮރަޕްޝަންގެ މައްސަލަތައް ހައްލު ކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވި އެވެ.
"މި ހުރިހާ ތުހުމަތުގެ ވާހަކަ އުޅޭއިރު ކީއްތޯ ވާނީ ޕްރޮސެކިއުޓާ ޖެނަރަލް، އޭނާގެ މައްޗަށް ލާޒިމުކުރާ ކަމެއް މިއީ ފުލުހުންނަށް އަންގަން، އޭސީސީއަށް އަންގަން، މިކަމުގެ ހަގީގަތް ބަލާބަލާށޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ސިއްރު ސިއްރުން އެސްޓީއާރެއް ނެރުނަސް ނުފުދޭ ކަމަށާއި އެއީ އެ އަށް ވުރެ ބޮޑު ވައްކަން ކަމަށެވެ. އެހެންވެ، މިހާރު ތޮށިގަނޑަކަށް ވެފައި ވަނީ ހަމައެކަނި ކުންފުނިތައް ނޫން ކަމަށާއި މުޅި ރާއްޖެ ވެސް ތޮށިގަނޑަކަށް ވެފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މިއަދު ސިޔާސީ ލީޑަރުންނަށް ރައްޔިތުންގެ ހައްގުގައި ނުނިކުމެވޭނެ ކަމަށާއި އެ ހުރިހާ ބޭފުޅުން ތިބީ "ނަގޫ ފިތިފައި" ކަމަށެވެ. މިސާލެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނަންގަވައި ޔާމީން ވިދާޅުވީ ކޮންމެ ސަރުކާރެއް އަޔަސް ކާޑެއްދޫ އެއާޕޯޓަކީ ގާސިމްގެ ތަނެއް ކަމަށާއި އެއީ އޭނާއަށް "ލިޔުއްވާފައިވާ" ތަނެއް ކަމަށެވެ.
އެކަމަކު ހިންގަން އުޅެއުޅެ ނުހިންގިގެން އެތަން އެންމެ ފަހުން ސަރުކާރާ ހަވާލުވީ 30 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ މާފުކޮށްފައި ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.
"ކޮން ކަހަލަ ލަދު ހުތުރު ކަމެއްތޯ މިއީ. ސަރުކާރުން އެ އެއާޕޯޓުގަނޑާ ހަވާލުވެފައި އަދި ދައުލަތަށް ވަންނަން އޮތް ޓެކްސް ފައިސާގެ 30 މިލިއަން ޑޮލަރު އެ މާފުކޮށްދިނީ. ދެން މީގެ ތެރޭގައި ކޮރަޕްޝަން އެކުނުލެވޭނެތޯ. މީގެ ތެރޭގައި ކޮންމެވެސް މީހަކު ލޯންޑާކުރާނެ މަނީ ދެއްތޯ،" ޔާމީން ވިދާޅުވި އެވެ.
"އެހެންވީމަ ލީޑަރުންނަށް ނިކުމެ އެބަ އޮތްތޯ ވާހަކަ ދެއްކެން."
އެ ޖަލްސާގައި ޔާމީން ވަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ. އެއީ ކައުންސިލުތަކުގެ ބާރުކަނޑުވާލުން ކަމަށް ޔާމީން ވެސް ސިފަ ކުރެއްވި އެވެ.