21 އޯގަސްޓް 2025 - 17:15

މާލޭ ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ތާރު އަޅައި ޒަމާނީ ފެންވަރަކަށް މަގު ހެދުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އެ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ސަތޭކަ ސާޅިސް ހަތަރު މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވާ އެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގެ މަގު ތަރައްގީކުރާނީ މަގު ފުޅާކޮށް ހަތަރު ލޭނަށެވެ. މުޅި އެ މަޝްރޫއަށް ހޭދަވާނީ 455 ދުވަހެވެ.
މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ މި މަޝްރޫއުއަކީ މާލޭގެ ތޮއްޖެހިފައިވާ ވެހިކަލްތަކުން ދަތުރުފަތުރަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ އެންމެ މުހިއްމު ބައިގެ ފެށުން ކަމަށެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި މަޝްރޫއު ކުރިއަށް ދާނީ އެކި ސެގްމެންޓްތަކަށް ބަހާލައިގެން ރައްޔިތުންނަށް ދަތިތައް އެންމެ ކުޑަވާނެ ގޮތަށެވެ.
"މި މަސައްކަތާ އެއްކޮށް އެންމެ ބޮޑަށް އުއްމީދުކުރަނީ ބޮޑު ފާލަމާއި އަދި މާލޭގެ މާރުކޭޓު ސަރަހައްދަށް ދަތުރުކުރާ އުޅަނދުތަކަށް ދަތިތައް ފިލައިގެން ދާނެ ކަމަށް. ދެން ހުރި ސެގްމެންޓްތައް ނިމުމުން އެ މަގުން ދިމާވާ ދަތުރުފަތުރުކުރުމުގެ އުނދަގޫތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ،" މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެކަމުގެ ޓެކްނިކަލް މަސައްކަތްތަކުގެ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ވެސް ޗައިނާގައި ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މާލޭގެ ހުރިހާ މަގެއްގެ މަސައްކަތް ފެށުމުން މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އެ މަސައްކަތުގެ ދަށުން މުއްތަލިބު ވަނީ ސަރުކާރުން ޖުމްހޫރީ މައިދާން ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެ މަސައްކަތް ވެސް ފެށޭނެ ކަމަށް ވިދާޅުވެފަ އެެވެ. އަދި ސަލްޓަން ޕާކު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ރަސްފަންނު ވެސް އިތުރަށް ތަރައްގީކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ރައްޔިތުންނަށް އުނދަގޫ ނުވާ ގޮތަކަށް މަސައްކަތްތައް ކުރުމަކީ ދަތި ކަމަކަށްވާނެ ކަމަށެެވެ. އެހެންވިޔަސް މާލޭގެ ތޮއްޖެހުން ބޮޑުވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެދިވަޑައިގަތެވެ.
"ހަމަ ހަގީގަތުގައި ވެސް ރައްޔިތުންނަށް އުނދަގޫ ނުވާ ގޮތަކަށް މަސައްކަތެއް ފަށައިގެން ކުރިއަށް ދިއުމަކީ ދަތި އުނދަގޫ ކަމެއް. އެެހެންކަމުން އެ ވަރަށް ޕްލޭންކޮށްގެން ރާވައިގެން މަސައްކަތް ކުރިއަށް ގެންދަން މި ޖެހެނީ."
އެ މަޝްރޫއުއާ ގުޅިގެން އަންނަ އޮކްޓޫބަރު މަހުގެ 13 އާ ހިސާބަށް އެ މަގު ބަންދުވާނެ އެވެ. އެ މަގު ފުޅާކުރާއިރު، އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާތީ އެ ސަރަހައްދުގެ ފަޅު ވެސް އެ މުއްދަތަށް ބަންދުވާނެ އެވެ.
އެ މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމާއި ދުވާރު ގާއިމްކޮށް، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނީ އެމްޓީސީސީންނެވެ.