21 އޯގަސްޓް 2025 - 16:27

މީޑިއާ ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާ ގުޅިގެން ހަމަނުޖެހުން އުފައްދަން ގޮވާލި ކަމަށް ބުނެ ރޭ ހައްޔަރުކުރި ޒުވާނާ ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ އައްޑޫ ހިތަދޫ، އަތަމާވިލާ، އަލީ އާނިމް މުފީދެވެ.
ފުލުހުން ދެންމެ ބުނީ އާނިމްގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ރޭގައި ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ މީހުން ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް އެކްސްގައި ކުރި ޕޯސްޓުތަކަކާ ގުޅިގެން ކަމަށެވެ.
ނޫސްވެރިކަން ރެގިއުލޭޓްކުރުމާ އެކު ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ހުށަހެޅީ އިއްޔެ އެވެ. ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ވަނީ އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި ބަހުސް ފެށިއިރު، ބިލުގައި ބަޔާންކުރާ ކަންތައްތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ މަޖިލީހާއި މަޖިލިސް ބޭރުގައި ވެސް އިހުތިޖާޖުކޮށްފަ އެވެ.
އެ ބިލުގައިވާ ގޮތުގައި، ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނުގައި މަޖިލީހުގެ ރުހުމާ އެކު ތިން މެމްބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު ރައީސަށް އޮތް ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑަޅުއްވަނީ އެ ބިލުގައިވާ ގޮތުން ރައީސެވެ.
އެ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީީޑިއާތައް ބޮޑެތި އަދަދަކުން ޖޫރިމަނާކުރުމާ އެކު ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. އަދި ވަކިވަކި ނޫސްވެރިން 5،000-25،000ރ. އާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000ރ. އާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.