24 މާޗް 2017 - 23:05

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ބަދަލުހިއްޕެވުމަށް ކަމަށް ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ވަހީދު ވިދާޅުވީ ގައުމު ސަލާމަތްކޮށް، މުއައްސަސާތައް މިނިވަންކޮށް، އަދުލު އިންސާފު ގާއިމުކުރަން ޕީޕީއެމްގެ ހުރިހާ މެމްބަރުން ނިކުންނަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން އަންނަ ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގާއިރު، މަސީހުގެ އިތުބާރު އޮތް ކަމަށް ފާސް ކުރަން މެމްބަރުން ދެއްވާ ވޯޓަކީ އަމިއްލަ ނަފްސަށާއި ގައުމަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ޗިސްޗިސްކޮށްލިޔަސް، ފިސްފިސްކޮށްލިޔަސް، ޖަލަށް ގެންގޮސް މަރާލަން ޖެހުނަސް، ރައީސް މަސީހާ ދެކޮޅަށް މި ވޯޓު ޔަގީން ކުރާނަން،" ވަހީދު ވިދާޅުވި އެވެ.
ވަހީދު ވަނީ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ރައްދު ދެއްވައި ފާޑު ވިދާޅުވެފަ އެވެ. އެ ގޮތުން ނޫހުގެފާނު އަރާވަޑައިގެންނެވި ނައުކޮޅާ ބެހޭ ގޮތުން ރައީސް ދެއްކެވި ވާހަކައަކީ މަޖާޒީ ގޮތުން ބޭނުން ކުރެވޭނެ މިސާލެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ނޫހުގެފާނު ނާކޮޅަށް އަރާވަޑައިގެންނެވި އިރު ސަލާމަތް ކޮށްދެއްވީ ﷲ، މި އޮޑި (ޕީޕީއެމް) އަށްއަރާވަޑައިގަންނަވާ މީހުންނަކީ ސަލާމަތްވާނެ މީހުން ކަމަށް މަޖާޒީ ގޮތަށް ބޭނުމެއް ނުކުރެވޭނެ ...،" ވަހީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް "ނަގާ ހޫރާލާފައި"ވާ ކަމަށާއި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރެއްވި މައުމޫން ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. އެހެންކަމުން ރައީސް ޔާމީން އެއްވެސް މީހަކަށް ރަހުމެއް، ކުލުނެއް ހުންނާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.
ހަމަ އެއާއެކު، ރައީސް ޔާމީންގެ ގާތް އެކުވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން މިއަދު ޖަލުގައި ތިއްބެވިކަން ވަހީދު ފާހަގަކުރެއްވި އެވެ. ހާއްސަކޮށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނަން އޭނާ ފާހަގަކުރެއްވި އެވެ.
ވަހީދު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖަލަށްލީ ރައީސް ޔާމީން އެކަންޏެއް ނޫނެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ޖަލަށްލިއިރު، އެ މައްސަލަ ތަހުގީގުކޮށް ދައުވާ ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަޝީދު ވެރިކަމުގައި ހަމައެކަނި ޖަލަށްލީ ރައީސް ޔާމީން އެކަންޏެއް ނޫން، ގާސިމް ވެސް ޖަލަށްލީ، އެކަމަކު ދައުވާކޮށް ހިނގަނީ ރައީސް ޔާމީން ހައްޔަރު ކުރި މައްސަލާގައި އެކަނި. މި މިސާލުން އެނގޭ މިއީ ބަދަލު ހިފަން ކަން މިއުޅެނީ،" ވަހީދު ވިދާޅުވި އެވެ.
ވަހީދަކީ ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ހައްދަވައި، މަޖިލިހުގެ ރައީސް މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އިސްކޮށް ހުންނެވި މެމްބަރެކެވެ. ވަހީދު ސަރުކާރަށް ފާޑު ވިދާޅުވާތީ އެ މައްސަލަ ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަނުން ބަލަން ވަނީ ފަށައިފަ އެވެ.