21 އޯގަސްޓް 2025 - 14:10

ކާރިސާތައް ކުރިމަތިވުމުގެ ކުރިން އެކަމަށް ތައްޔާރުވުމަށް އެހީތެރިވެދޭ މަލްޓި-ހަޒާޑް އާލީ ވޯނިން ސިސްޓަމެއް ފުވައްމުލަކުގައި ގާއިމް ކުރުމުގެ ޕްރޮޖެކްޓެއް އިފްތިތާހުކޮށްފި އެވެ.

އެ ޕްރޮޖެކްޓަކީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އިސްނަގައިގެން ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަންގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
އެކަމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ ރާއްޖެ ފަދަ ގައުމުތަކަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ގުދުރަތީ ކާރިސާތަކަށް ހުށަހެޅިފައިވާ ގައުމެއް ކަމަށާއި މޫސުމަށް އަންނަ އެކި ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި ރަށްގިރުމާއި އުދަ އެރުން އިތުރުވެފައިވާ ކަމަށެވެ. އަދި އެފަދަ ހާދިސާތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް އެކި އަސަރުތައް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ފުވައްމުލަކުގައި ގާއިމުކުރާ މަލްޓި-ހަޒާޑު އާލީ ވޯނިން ސިސްޓަމަކީ އިނގިރޭވިލާތުގެ ސަލްފޯޑް ޔުނިވާސިޓީއާ ގުޅިގެން އުފައްދާފައިވާ ސިސްޓަމެކެވެ.
ޑރ. ކިނާނަތު ވިދާޅުވި ގޮތުގައި އެ ސިސްޓަމަކީ ކާރިސާއެއް ކުރިމަތިވުމުން އެކަމަށް ރިއެކްޓް ކުރުމުގެ ބަދަލުގައި އެ ހާދިސާއަކަށް ދުރާލާ ތައްޔާރުވުމަށް އެހީވެދޭނެ ސިސްޓަމެކެވެ.
"މިއީ ހަމައެކަނި ޓެކްނޮލޮޖީގެ ގޮތުން ލިބޭ ކުރިއެރުމެއް ނޫން. މިއީ އަޅުގަނޑުމެންގެ މުޖުތަމައު ރައްކާތެރިކުރެވޭނެ އާ ގޮތެއް ވެސް މެ. މިއީ ގިނަ އިދާރާތަކެއް ގުޅިގެން ރިއަލް-ޓައިމް ޑޭޓާ އާއި ސަރަހައްދީ ރިސްކް ޕްރޮފައިލިންގެ މަސައްކަތް ކުރެވޭނެ ގޮތެއް،"
ކިނާނަތު ވިދާޅުވީ އެ ސިސްޓަމްގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ފަހުގެ ޒަމާނީ ފޯކާސްޓިން މޮޑަލްތަކާއި އިންޒާރުދޭ ނިޒާމުތަކާއި ކަމެއް ދިމާވެއްޖެ ހާލަތެއްގައި ފިޔަވަޅު އެޅުމަށް ބޭނުންވާނެ ނިންމުންތައް ނިންމުމުގެ ވަސީލަތްތައް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ސިސްޓަމަކީ މިވަގުތަށް ޕައިލެޓް ސިސްޓަމަކަށް ވިޔަސް އެ ސިސްޓަމް ފަރުމާކޮށްފައި ވަނީ އިތުރަށް ފުޅާކޮށް ފުރިހަމަކުރެވޭ ގޮތަށެވެ. އަދި ގުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގެ ގައުމީ ޕްލޭނެއް ކަމަށާއި އެ ޕްލޭން އެކުލަވާލާފައިވަނީ ލާމަރުކަޒީ ގޮތުންނާއި ޑިޖިޓަލް އުފެއްދުންތަކާއި ހުރިހާ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
ކިނާނަތު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ މޯލްޑިވްސް 2.0 ގައި ހިމެނޭ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގައިވާ ގޮތަށް، އާ ޓެކްނޮލޮޖީގެ އެހީގައި މޫސުމަށް އަންނަ ބަދަލުތައް ދިރާސާކޮށް ބެލުމަށް އެ މަޝްރޫއު އިން އެހީވެދޭނެ ކަމަށެވެ.