އާމިރުގެ ކޮއްކޮގެ ގިނަ ތުހުމަތުތަކެއް؛ އެއީ ނުބައި މީހެއް!
އާމިރުގެ ކޮއްކޮގެ ގިނަ ތުހުމަތުތަކެއް؛ އެއީ ނުބައި މީހެއް!

ބޮލީވުޑްގެ އެކްޓަރު އާމިރް ޚާން އާއި އާއިލާއިން އޭނާއާ މެދުގައި ވަރަށް އިހާނެތިކޮށް ހިތި ކަމަށް ބުނެ އާމިރުގެ ކޮއްކޮ ފައިސަލް ޚާންގެ ގިނަ ތުހުމަތުތަކެއް ކޮށްފި އެވެ.

ފައިސަލްގެ މި ސީރިއަސް ތުހުމަތުތަކާ ގުޅޭ ވާހަކަތައް ސޯޝަލް މީޑިއާގައި ދެކެވެން ފެށީ ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ "ޕިންކް ވިލާ"އަށް މި މަހުގެ 8 ވަނަ ދުވަހު ދިން އޭނާ އިންޓަވިއުއަށް ފަހުގަ އެވެ. އެ އިންޓަވިއުގައި އޭނާ ތުހުމަތުކުރި ގޮތުގައި، އާމިރް އާއި އާއިލާގެ އެހެން މީހުން ބައިވެރިވެގެން އޭނާ ގޭގައި ބަންދުކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅުނެވެ. އަދި އޭނާއަކީ މޮޔައެއް ކަމަށް ދުނިޔެއަށް ދައްކަން އާއިލާއިން މަސައްކަތްކުރި އެވެ.

މި ތުހުމަތުތަކާ ގުޅޭ ގޮތުން ފައިސަލް ވަނީ އެހެން ބައެއް މީޑިއާތަކަށް ވެސް އިންޓަވިއު ދީފަ އެވެ.

"ހިންދުސްތާން ޓައިމްސް"އަށް ފައިސަލް އިއްޔެ ދިން އިންޓަވިއުއެއްގައި ބުނީ އާއިލާއިން އޭނާއަށް އަނިޔާކުރަން ފެށީ 2003 ވަނަ އަހަރު ކަމަށާއި އެ އަނިޔާގައި އޭނާ އެތައް އަހަރެއް ހޭދަކޮށްފައިވާ ކަމަށެވެ. އާއިލާއިން އޭނާއަށް އެއްވެސް އިހުތިރާމެއް ނުކުރާ ކަމަށް ބުންޏެވެ.

އާއިލާއިން އޭނާއާ މެދު އަނިޔާވެރި ވާތީ، އާއިލާގެ އެންމެނަށް އެކަން އަންގައި، އެހެން ނުހަދަން އެދި 2000ގެ ކުރީކޮޅު އާއިލާގެ އެންމެނަށް ސިޓީއެއް ފޮނުވި ކަމަށާއި އޭގެ ފަހުން އޭނާއަކީ "މޮޔައެއް" ކަމަށް އާއިލާގެ މެމްބަރުން ކިޔަން ފެށި ކަމަށް ވެސް ފައިސަލް ބުންޏެވެ.

"2005 ވަނަ އަހަރު، އާމިރް އައީ ފުލުހުންނާއި ޑޮކްޓަރެއް ގޮވައިގެން. އޭނާގެ ބާރުގެ ބޭނުންކޮށްގެން އަހަންނަށް ގަދަކަމުން ބޭސް ކާންދީގެން، ނާސިން ހޯމްއެއްގައި އަހަރެންގެ ހިތާ ދެކޮޅަށް ގެންގުޅުނީ. 2006 ވަނަ އަހަރު އަހަރެން އާމިރުގެ އެހެން ގެޔަކަށް ދިޔާމަ އެ ގޭގައި ބެހެއްޓި. ދުވަސްކޮޅަކު ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް. އެކަމަކު، 2007 ވަނަ އަހަރު ކުއްލިއަކަށް އާމިރް ބޭނުންވީ އަހަރެންގެ ސިންގެޓޯރީ ރައިޓް [އޭނާގެ ފަރާތުން ލިޔުންތަކުގައި ސޮއިކުރުމުގެ ހައްގު] އޭނާއަށް ދޭން،" ފައިސަލް ބުންޏެވެ.

"އެ ހައްގު އޭނާއަށް ދޫކޮށްލުމަކީ އަހަރެންގެ ހުރިހާ ހައްގެއް ގެއްލުން ފަދަ ކަމެއް."

ފައިސަލް މި ތުހުމަތުތައް ކުރުމުން އާމިރް އާއި އާއިލާއިން ވެސް ވަނީ މި ވާހަކަތައް ދޮގުކޮށް، މިއީ އާއިލާގެ އަގުވައްޓާލަން އޭނާ ކުރާ ކަމަށް ބުނެ ބަޔާނެއް ވެސް ނެރެފަ އެވެ.

"އެ މީހުން ކުރާހާ ވެސް ކަމަކީ އަހަރެން ފަލީހަތްކުރުން. އަހަރެން އާންމުންނަށް އޮޅުވާލަނީއޭ ބުނެ ބަޔާނެއް ވެސް ނެރެފި. އެކަމަކު އަހަރެންގެ އަތުގައި މި ވާހަކަތައް ސާބިތުކޮށްދެވޭނެ ހެކި އެބަހުރި،" އާއިލާއިން އެ ބަޔާން ނެރުނު ފަހުން ހިންދުސްތާން ޓައިމްސްއަށް ފައިސަލް ދިން އިންޓަވިއުގައި ބުންޏެވެ.

"މިފަހަރު އަހަރެން އާއިލާއާ ދެކޮޅު ހަދައި، އެ މީހުންނާ ހުރިހާ ގުޅުމެއް ކަނޑާލީ އަމިއްލަ ނަފުސަށްޓަކާއި އަހަރެންގެ އަމިއްލަ ހަމަޖެހުމަށްޓަކާއި އަމިއްލަ މީހާގެ ގަދަރު ހިފަހައްޓަން."

އެ ނޫން ވެސް ވަރަށް ގިނަ ތުހުމަތުތައް ފައިސަލް ވަނީ އާއިލާއަށް ކޮށްފަ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި، ފައިސަލް އާއި އާއިލާއާ ދެމެދުގައި ޖެހިގެން އުޅޭ އަސްލު މައްސަލައަކީ އެމީހުންގެ ބައްޕަގެ މުދާ ބެހުމުގައި ހިނގައިގެން އުޅޭ ދެބަސްވުންތަކެއްގެ މައްސަލަތަކެކެވެ.