ތެލަސީމިއާ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކުރައްވައި، އަނބުރާ މަޖިލީހަށް
ތެލަސީމިއާ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކުރައްވައި، އަނބުރާ މަޖިލީހަށް

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި، މަޖިލީހަށް އިއްޔެ އަނބުރާ ފޮނުވާލައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި މަހުގެ ހަވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ތަސްދީގުކުރައްވަން ފޮނުވާފައިވާ ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ފުރަތަމަ އިސްލާހުގެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލައްވަން ރައީސް ނިންމެވީ، އެ ބިލަށް އިތުރު އިސްލާހުތަކެއް ގެންނަން މޯލްޑިވިއަން ބްލަޑް ސާވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ މީހުންނާއި އެ މީހުންގެ އާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބުމުން ކަމަށެވެ.

ރައީސް އެ ބިލު އަނބުރާ ފޮނުވާލެއްވީ ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ވަށާޖެހިފައިވާ ގައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ހިދުމަތަކަށް ހެދުމަށް ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ވީހާ ވެސް ފުރިހަމަކަމާ އެކު ހާސިލުކުރެވޭނެ ގޮތަށް އެ ބިލު މުރާޖާކޮށް، ބިލަށް އިސްލާހު ގެންނަންޖެހޭ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ހުށަހެޅުއްވި އެ ބިލަކީ 2012 ވަނަ ވަނަ އަހަރު އަމަލުކުރަން ފެށި ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ހުށަހެޅި ފުރަތަމަ އިސްލާހެވެ.

އެ ބިލަކީ ރާއްޖޭގައި ތެލަސީމިއާ އިތުރުވަމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށާއި ތެލަސީމިއާއަށް ފަރުވާ ދިނުމަށް ކަނޑައަޅާ ދައުލަތުގެ އިސްވެރިޔާގެ ޝަރުތުތައް ކަނޑައެޅުމާއި ތެލަސީމިއާއާ އެކު އުޅޭ މީހުންނަށް ބޭނުންވާ ފަރުވާ ފުރިހަމަ ގޮތުގައި ދިނުމުގެ އުސޫލުތައް ކަނޑައެޅުމާއި ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރާ މީހުންގެ ދަފްތަރެއް ތައާރަފުކޮށް ބެލެހެއްޓުމުގެ ނިޒާމެއް ތައާރަފު ކުރުމަށް ހުށަހެޅި އިސްލާހެކެވެ.