24 މާޗް 2017 - 22:53

އެއާ އިންޑިއާގެ މުވައްޒަފެއްގެ ގައިގައި ތަޅައިގަތް އިންޑިއާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ގޮވައިގެން ދަތުރުނުކުރަން އިންޑިއާގެ އެންމެ ބޮޑު ފަސް އެއާލައިނުން ނިންމައިފި އެވެ.
ވެރިކަން ކުރާ ބީޖޭޕީއާ ގުޅިފައިވާ، ހިންދޫންގެ ހަރުކަށި ޕާޓީ، ޝިވް ސެނާގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހޮވިފައިވާ ރަވިންދުރަ ގައިކްވާދުގެ އަމަލުގެ ސަބަބުން އިންޑިއާގެ ވައިގެ އިންޑަސްޓްރީގެ އިތުރުން އާންމުން ވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.
އިއްޔެ އެއާ އިންޑިއާގެ ފްލައިޓަކަށް އަރުއްވާފައި އޭނާ އެދިވަޑައިގަތީ ބިޒްނަސް ކްލާހުގެ ގޮނޑިއަކަށެވެ. އެކަމަކު އެއީ ހަމައެކަނި އިކޮނޮމީ ކްލާހުގެ ފްލައިޓަކަށް ވާތީ އެކަން ކުރެވޭ ގޮތެއްނުވި އެވެ. މައްސަލަ ގޯސްވީ ޕޫނޭ އިން ދިއްލީ އަށް ދަތުރުކުރި ފްލައިޓް ދިއްލީ އަށް ޖެއްސި ފަހުންނެވެ. ފްލައިޓުން ފައިބައިވަޑައިގަންނަވަން އޭނާ ދެކޮޅުހެއްދެވި އެވެ. އެހެންކަމުން އެވަގުތު ޑިއުޓީ މެނޭޖަރު ބޯޓަށް އަރައި، ކަމުގެ ހަގީގަތް އޮޅުންފިލުވައިދިނެވެ. އެކަމަކު ގައިކްވާދު އިސްކުރެއްވީ އަތެވެ.
އޭނާގެ ފައިވާނުން "25 ފަހަރު ޖެހި" ކަމަށް، ގައިކްވާދު އަމިއްލަ އަށް ވަނީ މީޑިއާގައި ވިދާޅުވެފަ އެވެ.
"އަހަންނަކީ ބީޖޭޕީގެ އެމްޕީއެއް ނޫން، އަހަންނަކީ ޝިވް ސޭނާގެ އެމްޕީއެއް. އަހަންނަކަށް އެއްވެސް ކަހަލަ މަލާމާތަކަށް ކެތެއްނުކުރެވޭނެ. އެ މުވައްޒަފު ޝަކުވާކުރިޔަދީ. އަހަރެން ޝަކުވާކުރާނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި އެހެން އިދާރާތަކަށް،" މީޑިއާ އަށް އޭނާ ވިދާޅުވި އެވެ.
އެއާ އިންޑިއާގެ 60 އަހަރުގެ މުވައްޒަފާ މެދު އެގޮތަށް އަމަލްކުރެއްވުމުން ފެޑެރޭޝަން އޮފް އިންޑިއަން އެއާލައިންސް (އެފްއައިއޭ)ގައި ހިމެނޭ ހުރިހާ އެއާލައިންތަކުން ގައިކްވާދު ގޮވައިގެން ދަތުރުނުކުރަން ނިންމާފައިވާ ކަމަށް، އެއާ އިންޑިއާ އިން ބުނެ އެވެ.
އެފްއައިއޭގެ މެމްބަރުންގެ ތެރޭގައި އެއާ އިންޑިއާގެ އިތުރުން ހިމެނެނީ ޖެޓް އެއާވޭސް އާއި ސްޕައިސް ޖެޓާއި ގޯ އެއާ އަދި އިންޑިގޯ އެވެ.
އެއާލައިންތަކުގެ އިތުރުން އިންޑިއާގެ ޕައިލެޓުން ތަމްސީލްކުރާ ކޮމާޝަލް ޕައިލެޓް އެސޯސިއޭޝަނުން ވަނީ، ގައިކްވާދު އިންނަ އެއްވެސް ފްލައިޓެއް ނުދުއްވަން ވެސް މެމްބަރުންގެ ކިބައިން އެދިފަ އެވެ.
އޭނާގެ އަމަލާ މެދު މައާފަށް އެދިވަޑައިނުގަންނަވާނެ ކަމަށް މިއަދު ވެސް ގައިކްވާދު ވިދާޅުވި އެވެ.
އަނިޔާ ލިބުނު މުވައްޒަފު ބުނީ ތަޅައިގަތުމުން އޭނާގެ އައިނު ވެސް ހަލާކުވި ކަމަށެވެ.
"އަހަރެން ބުނީ އޭނާ އެދިވަޑައިގެންނެވި ކަންތައް އެއީ ކޮށްދެވެން އޮތް ކަމެއް ނޫނޭ. އެހެން ބުނުމާ އެކު އަހަންނާ ދިމާއަށް ނުބައި އެއްޗެހި ގޮވަން ފެށީ،" މުވައްޒަފު ބުންޏެވެ.
"އަހަރެމެން ތަމްސީލްކޮށްދޭ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ފެންވަރަކީ އެއީ ނަމަ، މި ގައުމު ސަލާމަތްކޮށްދޭން ކަލާނގެ ކިބައިން އެދެން."
ކަމާ ބެހޭ ރަސްމީ ފަރާތްތަކުން ވެސް ގައިކުވާދާ މެދު ފިޔަވަޅު އަޅަން އެފްއައިއޭ އިން ގޮވާލި އެވެ.
"އަހަރެމެންގެ މުވައްޒަފަކަށް ދޭ ހަމަލާއަކީ އަހަރެމެން އެންމެންނަށް ވެސް އަމާޒުވާ ހަމަލާއެކެވެ. އަދި އެއީ ރަނގަޅު ދިރިއުޅުމެއް ހޯދަން ބުރަކޮށް މަސައްކަތްކުރާ، ގާނޫނަށް ތަބާއަވާ އާންމު ރައްޔިތުންނަށް ވެސް ދޭ ހަމަލާއެކެވެ،" އެފްއައިއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު އަޝޯކް ގަނަޕަތީ ރާޖޫ، ރައްޔިތުންގެ މަޖިލިހުގައި ރިޕޯޓަރުން ކައިރީ ވިދާޅުވީ އެއްވެސް ރައްޔިތަކު އެގޮތަށް އަމަލްކޮށްގެން ނުވާނެ ކަމަށެވެ.
"ގަޔަށް އަތްލުމަކީ ހިތްވަރުދޭ ކަމެއް ނޫން، އެފަދަ އަމަލްތައް އަބަދުވެސް ކުށްވެރިކުރަން،" އޭނާ ވިދާޅުވި އެވެ.