16 ޖޫން 2016 - 07:50

- އަބްރަހަމް ލިންކަން
(ޖޫން 14 ގައި ޖެހި ބަޔާ ގުޅޭ)
ގެއިން ނުކުމެ ދޮރު ތަޅުލާފައި، ޒައްލޭ އިން ސައިކަލާ ހަމައަށް ދާން ޔާސިރު ހިނގައިގަތް އިރު މަގުމަތީގައި އެކަކު ވެސް ނެތެވެ. މަރުތެޔޮ ހިފައިގެން އޭނާ ސައިކަލަށް އެރުމާ އެކު ޒައްލޭ ވަރަށް ބާރަށް ދުއްވާލި އެވެ.
ލޯންޗު އޮތީ ދެކުނު ފަރާތު ބަނދަރުގައި، ގިނަ ފައްތިޔާތަކެއް ހިމެނޭ ސަރަހައްދުގަ އެވެ. އެއްގަމު ތޮށިގަނޑު ކައިރީ ރަނގަޅަށް ސައިކަލް ޕާކްކޮށްފައި ތޮށިގަނޑު މައްޗަށް އެރިއިރު ބަންގްލަދޭޝްގެ ފަޅުވެރިޔާ އިނީ ކުޑަ ބޮއްކުރާގަނޑެއް ކަހަލަ އެއްޗެއްގައި ޒައްލޭގެ އިންތިޒާރުގަ އެވެ. އޭނާ އާއި ޔާސިރު އަވަހަށް އެއަށް އެރި އެވެ. ދެން ކަނޑު ތޮށި ކައިރީގައި އޮތް ލޯންޗާ ދިމާއަށް ދާން ބަންގާޅު ފަޅުވެރިޔާ ފަލި ޖަހަން ފެށި އެވެ.
ލޯންޗުގެ ފަހަތު ކޮޅަށް ކައިރިކޮށް ފުރަތަމަ އެރީ ޒައްލޭ އެވެ. އޭގެ ފަހުން މަރުތެޔޮ ދިއްކޮށްލަން ވެގެން ޔާސިރު ތެދުވެ، އުޅުނު ގޮތުން ބޮއްކުރާ ކުޑަކޮށް އަރިއަޅާލައި، އެ ވެއްޓުނީ މޫދަށެވެ. ޔާސިރު ނިންމައިގެން ހުރީ ދަތުރުމަތީގައި ކަނޑަށް އެ ދޫކޮށްލާށެވެ.
"އެ ކަންތައް އެދިޔައީ. އަވަހަށް ހިނގާ ނައްޓާލަން. ޖަލަށް ވަންނަން ޖެހޭނެ ކުރިއަށް އޮތް އެއް ގަޑިއިރުގެ ތެރޭގައި. ލޯންޗަށް އަރާ،" މަރުތެޔޮ ވެއްޓުނު ތަން ފެނިފައި ޒައްލޭ ބުންޏެވެ.
އެ މަރުތެޔޮ އޮތީ 30 ހަކަށް ފޫޓު އަޑީގައި، މަޑު ވެލިތަކުގެ ތެރޭގައި، ކުޑަކޮށް ފޮރުވިފަ އެވެ.
ޔާސިރުގެ ވާހަކަތައް މިފަހަރު ކިޔައިދީ ނިމުމުން، އެތެރޭގައި އިން މީހާ އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. ބިއްލޫރިގަނޑު ކައިރިން ދުރަށް ހިނގައިގަތް ތަން ފެނުނެވެ. އޭނާ ދިޔައީ މޭޒުގެ އެއް ކަނާ ދިމާއަށެވެ. ދެން މޭޒު ކޮޅުގައި އޮތް އެއްޗެއް ނަގައި، ބިއްލޫރިގަނޑާ ދިމާއަށް އައިސް ހުއްޓުނެވެ.
"މި ގެންގޮސް އޭނާގެ ކުރިމަތީގައި ބާއްވާ،" އޭނާ ބުންޏެވެ. އެއާ އެކު ޔާސިރުގެ އަރިމަތީގައި ހުރި މީހާ ގޮސް އެތަނަށް ވަދެ އޭގައި ހިފި އެވެ. އެ ބައިން ނުކުމެ ޔާސިރުގެ ކުރިމައްޗަށް އައިސް ދަގަނޑު މޭޒުމަތީގައި ބޭއްވި އެވެ. އެއީ ބައިންޑްކޮށްފައި އޮތް ކަރުދާސްތަކެކެވެ. އެންމެ ފުރަތަމަ ސަފުހާގައި ޖަހާފައި އޮތީ "ކޭސް ނަންބަރު 1: އެއްވެސް ކުށެއް ނެތް ރަހުމާގެ ނިމުން" މިހެންނެވެ.
މިއީ އާދައިގެ ބައެއް ނޫންކަން ޔާސިރަށް ކަށަވަރެވެ. އެ މީހުން ހުރިހާ ކަމެއް ވެސް ކުރަމުން އެ އަންނަނީ ރޭވުންތެރިކަމާ އެކު އެވެ. އެމީހުންގެ އަތްދަށުގައި އޭނާ އާއި ޒައްލޭ ޖެހުނީ އޮޅުމަކުންނެއް ނޫނެވެ. އޭނާގެ ސިކުނޑީގައި މިހާރު ވެސް އެ ވަގުތުކޮޅު ހަނދާން އެބަ ހުއްޓެވެ. އޭނާގެ ގެ ހުރި ގޯޅިގަނޑުން ބޮޑު މަގަށް ނުކުމެ، ޓެކްސީއަކަށް މަޑުކޮށްގެން ހުރި އިރު ތަންކޮޅެއް ދުރުގައި އޮތް ޓެކްސީ ހަމަ ކުއްލިއަކަށް ދުއްވާލި އެވެ. އޭނާ އަތް ނެގުމުން ކައިރި އަށް ހުއްޓާލުމާ އެކު ދެ މީހުން އެއަށް އެރި އެވެ. ދާންވާ ތަން ބުނީ ޒައްލޭ އެވެ. ޑްރައިވަރު ނައްޓާލި އެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާގެ ލޯ މެރެމުން ދާކަން އިހުސާސްވި އެވެ. ގައިން މަޑުމަޑުން ބާރު ދޫވާހެން ހީވި އެވެ. ދެބަދޭތެރޭގައި އޭނާ ޒައްލޭއާ ދިމާއަށް ބަލައިލި އެވެ. އޭރު ޒައްލޭ އިނީ ރަނގަޅަށް ނިދާފަ އެވެ. އެހާ ހިސާބުން އޭނާ ވެސް ގޮނޑީގެ ފަހަތުގައި ބޯ ޖައްސާލި އެވެ.
ހޭ އެރިއިރު އޭނާ އިނީ، އެތަނުގައި، ދެ އަތް ފަހަތަށް ބަނދެފަ އެވެ. ފުސްކޮށްފައިވާ ބިއްލޫރި ޕާޓިޝަންގެ ފަހަތުގައި އެމީހާ ހުއްޓެވެ. ވަރުގަދަ ދެ މީހުން ނުކުތީ އެތަނުންނެވެ. ކަޅު ކުލައިގެ އެއްޗަކުން މޫނު ނިވާކޮށް، ކަޅު ކުލައިގެ ބާރު ޓީޝާޓަކާއި ކަޅު ކުލައިގެ ޖިންސެވެ. އަތަށް ލައްވާފައި ވަނީ ކަޅު ކުލައިގެ އަންގިއެކެވެ. ދެ މީހުން އައިސް އޭނާގެ ދެ ފަރާތުގައި ހުއްޓުނެވެ.
"އިންސާފުގެ ޗެމްބަރަށް މަރުހަބާ،" އެތެރޭގައި ހުރި މީހާގެ އަޑު، ޔާސިރަށް ނުފެންނަ ސްޕީކަރުތަކަކުން އިވުނެވެ.
އެއީ އޭނާ އަށް މިހާރު ލިބެމުން އަންނަ އަނިޔާތައް ފެށުނު ގޮތެވެ. ޒައްލޭ ވެސް ވީ އެ މީހުންގެ އަތްދަށުގައި ކަމެއް އޭރަކު އޭނާއަކަށް ނުވިސްނުނެވެ. އޭނާގެ މޫނުމަތީގައި ތަޅާ، ނޭފަތުގެ ކަށިގަނޑު ބިންދާލުމަށް ފަހު އޭނާ ލައްވާ ރަހުމާގެ ވާހަކަތައް ކިޔައިދިނެވެ. މިހާރު އޭނާގެ ކުރިމަތީގައި އެ އޮތީ ރަހުމާއާ ބެހޭ ރިޕޯޓެކެވެ. ނުދަންނަ ތިން މީހުން ތައްޔާރުކުރި ރިޕޯޓެވެ.
"ކަލެއަކަށް ނޭނގޭނެ އެ ކުއްޖާގެ މާޒީއެއް. ކަލެ އަށް އެނގޭނީ އެއީ ލ. ގަމު ކުއްޖެއްކަން. މާލެ އައިސް އުޅުނީ ނަރުސްކަން ކިޔަވަންކަން. އޭރު އޭނާ ހުރީ ރައްޓެއްސެއްގެ ގެއެއްގައިކަން. ކަލެއާ އެ ކުއްޖާ ދިމާވީ އެގޭގައި ހުރި އެހެން މީހަކާ ބައްދަލުކުރަން ދިޔަ ތަނުންކަން. އެއާ އެކު ރަހުމާ ކަލެއާ ހިތްޖެހި ރައްޓެހިވިކަން. އޭނާ ދެކެ ކަލެއަށް ވެސް ލޯބިވެވުނުކަން. އިންނަން ނިންމިކަން އަދި އޭގެ ފަހުން ކަލޭގެ ކޮޓަރި އަށް އޭނާ ބަދަލުވިކަން،" އެތެރޭގައި ހުރި މީހާ ފަރިތަކަމާ އެކު އަމުނާލި އެވެ. ދެން އޭނާ ކިޔައިދޭން ފެށީ ރަހުމާގެ މާޒީ އެވެ.
ދުނިޔޭގައި ބައެއް ކުދިންނަށް މައިންބަފައިންގެ ލޯބި ނުލިބެނީ ކުޑައިރު މަންމަ އާއި ބައްޕަ ވެސް މަރުވުމުންނެވެ. ރަހުމާ އަށް ދިމާވި އެގޮތެވެ. އޭނާގެ އުމުރުން ދެ އަހަރުގައި ބައްޕަ 40 ފޫޓުގެ ރުކަކުން ވެއްޓި ބިމުގައި ޖެހުނު ގޮތަށް މަރުވީ އެވެ. މަންމަ ދެ ތިން ދުވަހު ބަލިވެ އުޅެ ކުއްލިއަކަށް ދުނިޔެ ދޫކުރީ އޭނާގެ އުމުރުން އެންމެ ތިން އަހަރުގަ އެވެ.
އެހާ ހިސާބުން އެ ކުއްޖާ ގެންގުޅެ ބޮޑުކުރީ މަންމައާ އެއްބަނޑު އެއްބަފާ ބޭބެއެކެވެ. ނިކަމެތި، ގިނަ ކުދިންތަކެއް ތިބި ބޭބެއެކެވެ. އެކަމަކު އޭނާ އަށް ގެންގުޅެވޭނެ އެންމެ ރަނގަޅަކަށް ރަހުމާ ބޮޑުކުރި އެވެ. އޯލެވެލްއާ ހަމައަށް ކިޔަވައިދިނެވެ.
ރަހުމާ އަކީ ރީތި ކުއްޖެކެވެ. އުމުރުން 10 އަހަރުގައި އޭނާ ބުރުގާ އެޅީ އަމިއްލަ އަށް އެދިގެންނެވެ. އުމުރުން 14 އަހަރަށް ފަހު އެންމެ ނަމާދެއް ވެސް އަޅާފައެއް ނުވެ އެވެ. އުމުރުން 18 އަހަރުން ފެށިގެން ކޮންމެ ހޯމައަކާއި ބުރާސްފަތިދުވަހު ރޯދައަށް ހުރެ އެވެ.
ރަށުގެ ޒުވާނުން އޭނާ އަށް ލޯބި ހުށަހެޅި ނަމަވެސް ޔާސިރުއާ ދިމާވުމުގެ ކުރިން އޭނާ އެއްވެސް މީހަކާ ރައްޓެއްސެއް ނުވެ އެވެ. ޔާސިރަކީ ބަދުއަޚުލާގީ އަމަލްތައް ހިންގަން އާދަވެފައި ހުރި މީހެއް ނަމަވެސް އޭނާ އަށް ވެސް ރަހުމާ އެއްވެސް ފުރުސަތެއް ނުދިނެވެ. ހަޔާތުގެ ރަނގަޅު ބައިވެރިއަކަށް ވެދާނެ ކަމަށް ނިންމައި، ރަހުމާއާ އިންނަން ޔާސިރު ކަނޑައެޅީ އެހެންވެ އެވެ. އޭނާގެ ކުށުގެ މާޒީ ނޭނގުނަސް ރަހުމާ މަސައްކަތް ފެށީ ޔާސިރުގެ ދުނިޔެ އިސްލާހުކުރާށެވެ. ކޮޓަރި އަށް ދިރިއުޅުން ބަދަލުކުރީ ރަން ކިޔަން ތައްޔާރުވެފަ އެވެ. ރަހުމާ އުޅުނު ގެއިން ކުއްލިއަކަށް ނުކުންނަން ޖެހިގެންނެވެ. ޔާސިރު ގާތު އޭނާ އެއް ވާހަކަ، ވަރަށް ކެރިގެން، ބުންޏެވެ؛ އެއް ކޮޓަރީގައި އުޅުނަސް އިނުމުގެ ކުރިއަކުން އަހަރެންގެ ގައިގައި އަތްލައިގެން ނުވާނެ އެވެ. އެ ވާހަކަ ޔާސިރު ބުނީ ޒައްލޭ ގާތު އެކަންޏެވެ.
ރަހުމާގެ ކުށެއް ނެތް އަދި ދީންވެރި ދިރިއުޅުން ލޭގެ ތެރޭގައި ގެއްލިގެން ދިޔައީ އޭނާ ނުކުރާ ކުށެއްގެ ތުހުމަތު ޒައްލޭ އޭނާގެ ބޮލުގައި އަޅުވައި، ޔާސިރު ރުޅިއަރުވައިގެންނެވެ. އެހެން ގޭންގެއްގެ މީހަކާ ރަހުމާ ރައްޓެހިވެގެން، ރަށަށް ބަދަލުވާ ވާހަކަ އަކީ ވެސް ސީދާ ދޮގެކެވެ. އަދި އެ ގޭންގްގެ މީހާ އަށް ޔާސިރުގެ ފައިސާ ހުރި ތަން އެނގި، ރަހުމާއާ ގުޅިގެން ވަގަށް ނެގި ވާހަކަ އަކީ ވެސް ދޮގެކެވެ.
ދޮގާއި މަކަރާއި ހީލަތާއި ފޭރުމުގެ ނުބައި އާދަތަކުގެ ތެރެއިން އެ އަންހެން ކުއްޖާގެ ފުރާނަ އެންމެ 22 އަހަރުގައި ދުއްވާލުމަކީ ކުޑަ އަނިޔާއެއް ނޫނެވެ. އޭނާގެ ހަށިގަނޑު ފުލުހުންނަށް ފެނުނީ ދެ ދުވަސް ފަހުން އެ ކޮޓަރި ތެރޭން ކުނިވަހެއް ފެތުރޭތީ އާންމުންގެ ބަޔަކު ޝަކުވާ ކުރުމުން ވަދެ ބެލުމުންނެވެ.
ޔާސިރާ ފުލުހުން ސުވާލުކުރި އެވެ. އެކަމަކު އޭނާ ޖަލުން ބޭރުވި ކަން ދަންނަ އެކަކު ވެސް ނެތެވެ. ފުލުހުންގެ ތެރޭގައި އެވަރުގެ ތަހުގީގެއް އެދުވަސްވަރު ނުހިންގުނެވެ. ސިޔާސީ އެތައް ބަޔަކު ހައްޔަރުކޮށް، އެ މީހުންގެ ތަހުގީގުތައް އޮތީ ފުލުހުންގެ އެންމެ ބޮޑު ޒިންމާ އަށް ވެފަ އެވެ.
ޕާޓިޝަންގެ ފަހަތުގައި ހުރި މީހާ، ވާހަކައެއްހެން ރަހުމާގެ ހަޔާތް ހުލާސާކޮށްލީ ވަރަށް އަވަހަށެވެ. އެހާ ހިސާބުން ކުޑަކުޑަ ހިމޭންކަމެއް ވެރިވި އެވެ. އޭރު އޭނާ އިނީ އަނެއްކާވެސް މޭޒު މަތީގަ އެވެ. ދެން ތެދުވެ، ބިއްލޫރިގަނޑުގައި މޫނު ޖެހޭހާ ކައިރިއަށް އަ އެވެ. އެވަރުން ވެސް އޭނާގެ ސިފައެއް އެނގޭވަރެއް ނުވެ އެވެ.
"ރަހުމާ އަށް ހައްގު ހޯދައިދިނުމަކީ ކަލޭ ގޮސް އަމިއްލަ އަށް ފުލުހުންނާ ހަވާލުވެ ވީ ގޮތް ކިޔައިދިނުން. އަހަރެމެން ކަލޭމެން ދެ މީހުން ގެންގޮސް އެއްލާލާނީ ހުޅުމާލޭގެ ކޮންމެވެސް ތަނަކަށް. ދުވާލަކު ނޫން، ރޭގަނޑެއްގައި. ދެ މީހުން ފުލުހުންނާ ހަވާލުނުވެއްޖެ ނަމަ، ދެން އޮންނާނީ އަހަރެމެންގެ އަތުން މަރުވުން،" އޭނާ އިންޒާރާ އެކު ބުންޏެވެ.
"މި ދެއްކި ވާހަކަ އަޑުއިވިއްޖެތަ؟" އެމީހާ ސުވާލުކުރި އެވެ. ޖަވާބުގައި ޔާސިރާއި ޒައްލޭ ވެސް އާއެނކޭ ބުންޏެވެ. އެ ވަގުތު ކުއްލިއަކަށް އެ ދެ މީހުންގެ ކަނާއަތަށް ކުޑަ އެއްޗެއް ހަރާލި އެވެ. އެހާ ހިސާބުން ދެން ވީ ގޮތެއް ނޭނގުނެވެ.
ފުރަތަމަ ހޭލެވުނީ ޔާސިރަށެވެ. އޭރު އޭނާ އޮތީ ހުޅުމާލޭގެ ގަސްތަކެއްގެ ތެރޭގަ އެވެ. ހަނދުވަރު ދޭތީ އެތަން އެހާ އަނދިރިއެއް ނޫނެވެ. އޭނާ ކައިރީގައި ޖެހިގެން ޒައްލޭ އޮތެވެ. ޔާސިރު ޒައްލޭގެ މޫނަށް ރުޅިވެރިކަމާ އެކު ބަލައިލި އެވެ. ދެން އޭނާގެ ނަޒަރު ހުއްޓުނީ ކައިރީ އޮތް ދަބަހަށެވެ. އޭނާ އެ ހުޅުވާލި އެވެ. އޭގެ ތެރޭގައި އޮތީ ކަޅު ޖިންސަކާއި ކަޅު ކުލައިގެ ޓީޝާޓެކެވެ. ދެން ބޮޑު މަރުތޭލަކާއި 100ރ އާއި 1.5 ލީޓަރުގެ ފެން ފުޅިއެކެވެ. އެއީ ރަހުމާ މަރާލަން އޭނާ ބޭނުންކުރި މަރުތޭލެވެ.
ޔާސިރަށް ހުރިހާ ކަމެއް ވެސް ވިސްނުނެވެ.
މާ ގިނަ އިރެއް ނުނެގި އެވެ. ކޮޅަށް ތެދުވެ، މަރުތެޔޮ އަތު ކޮޅަށް ދަމާލާފައި ޒައްލޭގެ ބޮލަށް އަމާޒުކޮށްލި އެވެ. އެ އެތިފަހަރުތައް ނިމުނު އިރު ޒައްލޭގެ މޫނު ވަކިކުރަން އެނގޭވަރެއް ވެސް ނޫނެވެ. މަރުތެޔޮ ނަގާ ދުރަށް ހޫރާލި އެވެ. އެ ގެންދާކަށް އޭނާ ބޭނުމެއް ނުވި އެވެ.
އޭނާ އަތް ދޮވެލި އެވެ. ދެން ލައިގެން ހުރި އެއްޗެހި ބާލައި، ދަބަސް ތެރޭގައި އޮތް ޖިންސާއި ޓީޝާޓު ލައިގެން ގަސްތަކުގެ ތެރޭގައި ހިނގައިގަތެވެ. އެވަގުތު އޭނާގެ ނޭފަތުގައި މަޑުމަޑުން އަތް ޖައްސާލި އެވެ. ތަދުވެ އެވެ. އެކަމަކު ލޭތައް ސާފުކޮށް ރީއްޗަށް ބޭސް އަޅާފައި ހުރިކަން އެނގުނެވެ.
އޭނާ މަގުމައްޗަށް ނުކުތެވެ. ހަމަޖެހިލާފައި ހިނގާފައި ދިޔައީ ފެރީ ޓާމިނަލް ކައިރި އަށެވެ. އޭރު ދަންވަރު ހަތަރެއް ވެސް ނުޖަހަ އެވެ. ފެރީތައް ފަށަން ދެން އޭނާ އަށް އޮތީ މަޑުކޮށްލުމެވެ. އެހެންކަމުން ޓާމިނަލް ބޭރުގައި ހުރި ސިމެންތި ގޮނޑިއެއްގައި އިށީނެވެ.
ފުލުހުންގެ ވެހިކަލެއް ފުރަތަމަ ދައްކާލީ އޭގެ ބައި ގަޑިއިރު ފަހުންނެވެ. މަޑުމަޑުން ދުއްވާލާފައި، ޔާސިރުގެ ކުރިމަތިން ދިޔައީ އެވެ. ދެން ހަމަ އެ ވެހިކަލް އައީ ފަހެއް ޖަހަން އުޅެނިކޮށެވެ. މިފަހަރު އެއްވެސް ސުވާލެއް ނެތި އޭނާގެ އަތުގައި ބިޑި އަޅުވައި، ވެހިކަލްގެ ތެރެއަށް ކޮއްޕާލީ އެވެ. ފުލުހުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭނާ ގޮވައިގެން ޒައްލޭ ހަށިގަނޑު އޮތް ތަނަށް ދިޔައިރު ފުލުހުންގެ ދިހަ ވަރަކަށް މީހުން ތިބީ އެތަން ވަށާލައިގެންނެވެ.
ނުދަންނަ ތިން މީހުންގެ ރޭވުންތެރިކަން ކިހާ މޮޅުކަމާއި އެ މީހުންގެ ދަލުން އެއްވެސް މީހަކު ސަލާމަތް ނުވާނެކަން އޭނާގެ ހިތަށް ފުރަތަމަ ފަހަރަށް އެރި އެވެ. އޭނާ އާއި ޒައްލޭ ބަންދުކޮށްފައި ތިބި ޗެމްބަރު ހުރީ ކޮން ތަނެއްގައި ކަމެއް ވެސް ނޭނގެ އެވެ. ޓެކްސީ ތެރޭގައި އެ މީހުން ހޭނެތުނީ ކޮންމެވެސް އެއްޗެއް ޖެހުމުންނެވެ. އަދި ޗެމްބަރުން އެ މީހުން ނެރުނު އިރު އަތަށް ހެރީ ވެސް ހޭނައްތާ އެއްޗެކެވެ.
އެއީ އާދައިގެ ބައެއް ނޫނެވެ. އެއީ އިންސާފަށް މަސައްކަތްކުރާ ތިން ދިވެހިންނެވެ.
އެކަމަކު ޔާސިރުގެ ޝަކުވާއެއް ނެތެވެ. އޭނާ އަމާންދީފި އެވެ. އޭނާ ހުރީ ލޯބިވެރިޔާ ރަހުމާ އާއި ރަހުމަތްތެރިޔާ ޒައްލޭގެ މަރުގެ ޒިންމާ ނަގަން ތައްޔާރުވެގެންނެވެ.
(މި ސިލްސިލާގެ ދެން އަންނަ ވާހަކައިގެ ނަމަކީ "ވީލްޗެއާ" އެވެ.)