21 އޯގަސްޓް 2025 - 07:19

މިދިޔަ ޖުލައި 12 ވަނަ ދުވަހުގެ ރޭ އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

އެ ކަމަކު އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރީ މާޅޮހުގެ ތިން މީހެކެވެ.
އުމުރުން 65 އަހަރެއް ކަމަކު މާޅޮހުގައި "ޖާނުން އެންމެ ވަރުގަދަކޮށް" ހުންނަ މީހާ ކަމަށް އެ ރަށުގެ ގިނަ ބަޔަކު އިއްތިފާގުވާ އަބްދުއްރަހުމާންގެ މަރުގެ ތަހުގީގާ ގުޅޭ އެއްވެސް ވާހަކައެއް ފުލުހުން މިހާތަނަށް ނުދައްކަ އެވެ.
އެކަމަކު، މާޅޮހު، އޯކިޑްމާގޭ އަބްދުއްރަހުމާނަށް ދިން ހަމަލައިގެ ތުހުމަތަށް ތިން މީހެއްގެ ގެ ފާސްކޮށް، އެކެއްގެ އަންނައުނު ވެސް މި މަހުގެ ކުރީކޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކުރީ ވެސް އެ ތިން މީހުންނެވެ.
ވަޒީފާތަކުގައި އުޅޭ އެ ތިން މީހުން، އަބްދުއްރަހުމާނަށް ހަމަލަދިން ރޭ ދަންވަރު ރަށުތެރޭގައި ހޭލާ އުޅުނު ކަމަށް ވެ އެވެ. ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކު، އަބްުދުއްރަހުމާނަށް ހަމަލަދިން ކަން މާޅޮހުގެ މީހުންނަށް ނޭނގެނީސް ނުވަތަ ރަށުތެރެ އަށް ނުފެތުރެނީސް އާއިލާގެ މީހަކަށް ގުޅައިގެން އެ ވާހަކަ ދެއްކި ކަމަށް އެނގިފައި ވެ އެވެ. އެ މީހާ ގުޅުމުގެ ބޭނުމަކީ ރަށުތެރޭގައި ކަމެއް ވެގެން އުޅޭތޯ ބެލުމެވެ.
އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެއް ކަމަކު ފަހުން އެ ވެސް އޭނާއާ ހަވާލުކުރި އެވެ.
އަބްދުއްރަހުމާން މަރުވީ، އޭނާގެ އަންހެނުން ނާޒިމާގެ ގެ މާހިޔައިގައި ނިދާފައި އޮއްވައި ދިން ހަމަލަތަކާ ގުޅިގެން މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެނިކޮށް ޖުލައި 12 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި ފެނިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރު އެވެ.
މާޅޮހަކީ ދާއިމީކޮށް ފުލުހުން ތިބޭ ރަށަކަށް ނުވިޔަސް އަބްދުއްރަހުމާނަށް ދިން ހަމަލައިގެ މައުލޫމާތު ލިބުމާ އެކު، އއ. އަތޮޅުގެ އެހެން ރަށްރަށުގެ ފުލުހުންގެ ޓީމުތައް އެ ރޭ ދަންވަރު ތިނެއް ޖެހއިރު މާޅޮހަށް ގޮސް އެ ރަށުގައި ސްޓޭޝަންވެ، ތަހުގީގު ފެށި އެވެ. އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި ފެނުނު ގެ ހިމެނޭ ސަރަހައްދު ވެސް މިހާތަނަށް އޮންނަނީ ބަންދުކޮށްފަ އެވެ. އަދި ފުލުހުން ވަނީ މާޅޮހުގެ ސިއްހީ މަރުކަޒުގެ އެއްބައި "ފުލުހުންގެ ސްޓޭޝަން" އަކަށް ހަދައިފަ އެވެ.
"މިހާރު" ގެ ނޫސްވެރިން ޖުލައި 13 ވަނަ ދުވަހު އެ ރަށަށް ގޮސް އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާއާ އިންޓަވިއު ކުރުމުން ބުނެފައި ވަނީ ފިރިމީހާ އަށް ހަމަލަދީފައި އޮއްވައި ފެނުނީ ފިރިމީހާ ނިދާފައި އޮތް ކޮޓަރިއަށް ފާހާނާއަކަށް ދިޔަ ވަގުތު ކަމަށެވެ. އެއީ އެ ރޭގެ ދަންވަރު އެކެއް ޖަހާކަންހާއިރެވެ.
"އަބްދުއްރަހުމާން ހަމަ މަރަށް ތެޅުނީ. އަޅުގަނޑު ބަލާލިއިރު މުޅި މީހާގެ މޫނުމަތީގައި އޮތީ ހުސް ލޭ. މީހެއްގެ ހަށިގަނޑުން ލޭ ފައިބާނީ އެ ވަރަށޭ އަޅުގަނޑަށް ބުނެވޭނީ. ކޮޓަރީގެ ފާރަށް ވެސް ބައިވަރު ލޭ ބުރާފައި ހުރި،" މާޅޮހުގެ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ނާޒިމާ ކިޔައިދީފައި ވެ އެވެ.
އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި އެ ގެ އަށް ދިޔަ ބައެއް މީހުން ކިޔައިދިން ގޮތުގައި ކޮޓަރީގެ ސީލިންއާ ހަމައަށް ލޭތައް ބުރައިގެން ގޮސްފައި ހުއްޓެވެ.
އަބްދުއްރަހުމާނަށް ހަމަލަދިން ރޭ އެ ދެމަފިރިން ނިދީ ދެ ކޮޓަރީގަ އެވެ. އަދި އަބްދުއްރަހުމާނާއި ނާޒިމާގެ ތިން ފިރިހެންކުދިންގެ ތެރެއިން ރަށުގައި ދިރިއުޅޭ ހަމައެކަނި ދަރިފުޅު ނިމާލް ވެސް އެ ދުވަސްވަރު ހުރީ މާލޭގަ އެވެ. އެހެންވެ، ހަމަލާ އައި ވަގުތު އެ ގޭގައި އުޅުނީ އަބްދުއްރަހުމާންގެ ދެމަފިރިން އެކަންޏެވެ.
އާންމުކޮށް އެހެން ރަށްރަށުގެ މަސްދޯނިތަކުން މަހަށް ގޮސް އުޅޭ އަބްދުއްރަހުމާނާ އެއްވެސް މީހަކާ އެއްވެސް މައްސަލައެއް އޮތް ކަމަށް އެނގިފައި ނެތް ކަމަށް މާޅޮހުގެ މީހުން ބުނެފައި ވެ އެވެ. އަދި މާޅޮހުގެ ގިނަ މީހުން ގަބޫލުކުރަނީ އެއީ ފަހަކަށް އައިސް ކުށް ކުރުން ހަމަ އެއްގޮތަކަށް ވެސް ނެތް ރަށަކަށް ވާއިރު، މީހަކު މަރާލަން ހަމަލަދޭން ކެރޭ ވަރުގެ މީހަކު މާޅޮހުގައި ނުހުންނާނެ ކަމަށެވެ. އެހެންވެ، މާޅޮހުގެ ގިނަ މީހުން ގަބޫލު ކުރަމުން އައީ އަބްދުއްރަހުމާނަށް ހަމަލަދިނީ އެހެން ރަށެއްގެ ބަޔަކު ދަންވަރު މާޅޮހަށް އަރައިގެން ކަމަށެވެ.
އަބްދުއްރަހުމާންގެ މަރުގެ ތަހުގީގަށް ފުލުހުންގެ ވަނީ މާޅޮހުގައި ހުރި މަދު ސީސީޓީވީ ކެމެރާތައް ވެސް ބަލައިފަ އެވެ.
އަބްދުއްރަހުމާންގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންގޮސް އޮޓޮޕްސީ ވެސް ހެދި އެވެ. އެ ރިޕޯޓުން ވެސް ދެއްކީ ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ މަރުވީ ބޮލަށް ދީފައި ހުރި އަނިޔާތަކުގެ ސަބަބުންނެވެ.