21 އޯގަސްޓް 2025 - 08:41

އއ. ރަސްދޫ އަދި އުކުޅަހުގައި ސްޕޯޓްސް ކޮމްޕްލެކްސް އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ސަރުކާރުން އިއްޔެ ހަވާލުކޮށްފި އެވެ.

އެ ދެ ތަނުގެ މަސައްކަތް ރާއްޖޭގެ މައި އެއާޕޯޓު ހިންގާ ކުންފުންޏާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އުކުޅަހު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެމްއޭސީއެލުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
އެމްއޭސީއެލާ 63 ރަށެއްގައި ފިޓްނަސް ސެންޓަރު އިމާރާތް ކޮށްދޭން ވެސް މި ހަފުތާގައި ހަވާލުކޮށްފަ އެވެ. އަދި މަތިވެރީގައި އެއާޕޯޓު ހެދުމުގެ ހުރިހާ މަސައްކަތަކާއި އެ ތަން އޮޕަރޭޓް ކުރުން ވެސް ފިނޭންސް މިނިސްޓްރީން ހަވާލު ކޮށްފައި ވަނީ އެމްއޭސީއެލާ އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނިޔަލަށް ގާއިމުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރަސްދޫ ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުއަކީ ވެސް ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެމްއޭސީއެލާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ހިމެނޭ މަސައްކަތެކެވެ.
ރަސްދު އާއި އުކުޅަހުގައި ހަދާ ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯ ޖިމަކާއި އަންހެނުން ކަސްރަތު ކުރަން ހާއްސަ ކޮޓަރިއަކާއި ބޯޑް ގޭމްތަކާއި ގިނަ ކުޅިވަރުތައް ކުޅޭވޭނެ ހޯލެއްގެ އިތުރުން ބައްދަލުވުންތައް ބާއްވަން ހާއްސަ ކޮޓަރިއެއް ހިމެނޭނެ އެވެ.