21 އޯގަސްޓް 2025 - 12:49

އަރްޔަން ޚާން ޑައިރެކްޓުކުރާ ފުރަތަމަ ވެބް ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ޓްރެއިލާ އާންމުކޮށް، އެ ސީރީޒް ސްޓްރީމްކުރަން ފަށާ ތާރީޚު އިއްޔެ އިއުލާންކޮށްފި އެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ އެ ސީރީޒްގެ ޓްރެއިލާގައި ވަނީ ސީރީޒްގެ ގިނަ މަންޒަރުތަކެއް ހިމަނައިފަ އެވެ. އަދި ލީޑު ކާސްޓުގެ އިތުރުން އެ ސީރީޒްގައި ހާއްސަ ފެނިލުންތަކުން ފެންނާނެ ސަލްމާން ޚާން އާއި ކަރަން ޖޯހަރް އަދި ރަންވީރް ސިންގުގެ މަންޒަރުތައް ވެސް އެ ޓްރެއިލާގައި ހިމަނާފައިވެ އެވެ.
"ދަ ބޭޑްސް އޮފް ބޮލީވުޑް" ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަނީ އަންނަ މަހު 18 ގަ އެވެ.
މިއީ ބޮލީވުޑްގެ ސްޓާރެއްގެ ވާހަކަ ކިޔައިދޭ ސީރީޒެކެވެ. އަދި ވަރަށް ބޮޑެތި ޓުވިސްޓުތަކާއި އެކްޝަން ވެސް ހިމެނޭނެ އެވެ.
ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އަރްޔަން ޑައިރެކްޓުކުރާ މި ސީރީޒް އުފައްދަނީ ޝާހުގެ އަމިއްލަ ޕްރޮޑްކަޝަން ރެޑް ޗިލީ އެންޓަޓެއިންމަންޓާއި ނެޓްފްލިކްސް ގުޅިގެންނެވެ. އަދި ޕްރޮޑިއުސަރަކީ ޝާހުގެ އަންހެނުން އަދި އަރްޔަންގެ މަންމަ ގޯރީ ޚާނެވެ.
އަރްޔަން ލިޔެ އަދި ޑައިރެކްޓުކުރި "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ލީޑު ރޯލުތައް ކުޅުނީ ލަކްޝްޔާ ލަލްވާނީ އާއި ސަހޭރް ބަންބާ އެވެ. ބޮބީ ޑިއޯލް އާއި މޯނާ ސިންގް ވެސް މުހިންމު ރޯލުތައް ކުޅުނެވެ.