21 އޯގަސްޓް 2025 - 11:47

އާ އިންތިހާބަކަށް ތައްޔާރުވަމުން އަންނަ ދިވެހި ފުޓްބޯޅައިގެ ގަދަބާރު ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ހިންގުމާ ހަވާލުވެވަޑައިގަންނަވަނީ ކެލާ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޝަރީފާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.

ނަޒީމް މީގެ ކުރިން ވެސް ވިކްޓްރީގެ ޗެއާޕާސަން ކަމާއި، ވައިސް ޗެއާޕާސަންކަން ކުރެއްވެވި އެވެ. ވިކްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ފަހަރުގެ ޗެއާޕާސަނަކީ ޝަރީފް ކަމަށާއި، ނަޒީމަކީ ވައިސް ޗެއާޕާސަން ކަމަށެވެ.
"އެ ދެ ބޭފުޅުން އިސްކޮށް އުޅުއްވާނީ،" ވިކްޓަރީގެ ސީނިއާ އޮފިޝަލަކު ވިދާޅުވި އެވެ.
އެކަމާ ބެހޭގޮތުން ނަޒީމުގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. ޝަރީފް ވިދާޅުވީ މި ވަގުތު އެކަމާ ބެހޭގޮތުން އެއްޗެއް ބުނެވެން ނެތް ކަމަށެވެ.
ވިކްޓަރީގެ އޮފިޝަލް ވިދާޅުވީ އިންތިހާބަށް ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ސްޕޯޓްސް މިނިސްޓްރީގައި ވެސް ކުރިން މަސައްކަތްކުރެއްވި ނަޒީމް ވިކްޓްރީ ހިންގެވީ 2016 އިން 2018 އަށެވެ. އޭގެ ދެ އަހަރު ފަހުން 2018 ގައި ބޭއްވި އިންތިހާބުގައި އޭނާ ވަޑައިގެންނެވީ ނައިބަކަށެވެ. އޭރު ޗެއާމަންކަމަށް ވަޑައިގެންނެވީ ވިލިމާލޭ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު އިސްމާއީލެވެ.
ވިކްޓަރީ އަލުން އިންތިހާބަކަށް ދޭން ޖެހުނީ، އެ ކްލަބްގެ ކުރިން އޮތް ބޯޑުގެ ޗެއާޕާސަން ހުސައިން އާދަމް ފިޔަވައި އެހެން މެންބަރުން އިސްތިއުފާ ދެއްވުމުންނެވެ.