21 އޯގަސްޓް 2025 - 06:03

އެތައް ނިއުކްލިއާ ވޯހެޑެއް އުފުލުމުގެ ގާބިލްކަން ލިބިފައިވާ މެދު ރާސްތާގެ ބެލިސްޓިކް މިސައިލެއް އިންޑިއާއިން އިއްޔެ ޓެސްޓުކޮށްފި އެވެ.
އެމެރިކާއަށް އެތެރެކުރާ އިންޑިއާގެ މުދަލުން 25 ޕަސެންޓު ޓެރިފް ނަގަން ނިންމުމަށް ފަހު، އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނާތީ އަދަބެއްގެ ގޮތުން އިތުރު 25 ޕަސެންޓާ އެކު ޖުމްލަ 50 ޕަސެންޓް ޓެރިފް ނަގަން ފެށުމާ ދިމާކޮށް މިސައިލް ޓެސްޓުކުރުން ބެލެވިފައިވަނީ އިންޑިއާގެ ބާރު ދައްކާލުމުގެ އަމަލެއްގެ ގޮތުގަ އެވެ.
އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮޑިޝާގައި އަގްނީ-5 މިސައިލް ފޮނުވާލާފައިވާއިރު އޮފިޝަލުން ބުނެފައި ވަނީ އޮޕަރޭޝަނަލް އަދި ޓެކްނިކަލް ހުރިހާ ޕެރަމީޓާތަކެއް ފުރިހަމަވެފައިވާ ކަމަށެވެ.
އިންޑިއާއިން އެންމެ ފަހުން އަގްނީ-5 މިސައިލެއް ޓެސްޓްކުރީ 2024 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
އަގްނީގެ މާނައަކީ ސަންސްކްރިތު ބަހުން "އަލިފާން" އެވެ. މިއީ 1983 ވަނަ އަހަރު ފެށި ގައިޑެޑް މިސައިލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވްގެ ދަށުން އިންޑިއާއިން އުފެއްދި ސިލްސިލާ ރޮކެޓްތަކަށް ދީފައިވާ ނަމެކެވެ.
އަގްނީ-5 ގައި ބޭނުންކުރާ ޓެކްނޮލޮޖީގައި އެއް ނިއުކްލިއާ ވޯހެޑަށް ވުރެ ގިނައިން ހަރުކުރެވޭއިރު އެއީ އަމިއްލައަށް ވަކިވެ އެކި ޓާޖެޓްތަކަށް ވަކިން ހަމަލާދެވޭ ޓެކްނޮލޮޖީއެކެވެ.
އެމެރިކާގެ ބޮޑު ޓެރިފްގެ މައްސަލައިގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑިއާއިން ހަކަތައިގެ މިނިވަންކަން ހޯދުމަށާއި ދިފާއީ ނިޒާމުތައް އަމިއްލައަށް ތަރައްގީ ކުރުމުގެ މަސައްކަތްކުރާނެ ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި އިންޑިއާއިން ވަނީ ހުޅަނގުގެ ގައުމުތަކާ އެކު ދިފާއީ ގުޅުން ބަދަހިކޮށްފަ އެވެ. ހާއްސަކޮށް، ޗައިނާގެ ނުފޫޒާ ދެކޮޅަށް މަސައްކަތްކުރާ އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ކުއަޑް އެލަޔަންސްގައި ވެސް ވަނީ ބައިވެރިވެފަ އެވެ. ނަމަވެސް އެމެރިކާގެ ފިޔަވަޅުތަކާ އެކު އިންޑިއާ އާއި ޗައިނާގެ ގުޅުން މި ފަހުން ވަނީ ބަދަހިކުރަން ފަށައިފަ އެވެ. -- އޭއެފްޕީ