20 އޯގަސްޓް 2025 - 17:24

އއ. ތޮއްޑޫގައި މިހާރު އިމާރާތް ކުރަން ފަށާފައިވާ ސިއްހީ މަރުކަޒުގެ 30 އެނދުގެ އިމާރާތް، 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، އެ ރަށުގައި ހޮސްޕިޓަލެއް އިމާރާތް ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ތޮއްޑޫ ރައްޔިތުންނާ އެ މަނިކުފާނު ބައްދަލު ކުރެއްވީ މިއަދު މެންދުރު އެވެ.
އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ތޮއްޑޫގައި މިހާރު ހުރި ސިއްހީ މަރުކަޒު އެންމެ މަތީ ގްރޭޑަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެއީ 30 އެނދުގެ ސިއްހީ މަރުކަޒެއްގެ މަޝްރޫއުކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ ޕްރޮޖެކްޓުގައި އަމަލީ ގޮތުން މާ ގިނަ މަސައްކަތްތަކެއް ކޮށްފައި ނުވި ނަމަވެސް އެއީ ފައިސާ ދައްކައި ނިންމާފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.
އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ޕްރޮޖެކްޓުގެ މަސައްކަތް ދެން ކުރިއަށް ގެންދާނީ ހޮސްޕިޓަލެއް އެޅުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ އޮޕަރޭޝަން ތިއޭޓަރާއި އައިސީޔޫ ވެސް ހިމެނުމުގެ ފުރުސަތު އޮތްކަން ހެލްތު މިނިސްޓްރީގެ އެކްސްޕާޓުން އަޅުގަނޑަށް ޔަގީންކަން ދެއްވާފައިވާތީ މި މަޝްރޫއު އަޅުގަނޑުމެން ކުރިއަށް ގެންދާނީ 30 އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައި ކަމުގެ ޔަގީންކަން އަޅުގަނޑުދެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ދަނޑުވެރިކަން އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ރަށަކީ ތޮއްޑު އަށް ވުމުން ދަނޑުވެރިކަމުގެ ހާއްސަ ފެކަލްޓީއެއް އެ ރަށުގައި ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.
އެމްއެންޔޫ އިން އަޅާ އެ ފެކަލްޓީގެ ސަބަބުން ދަނޑުވެރިކަނަށް ޝައުގުވެރިކަން ހުންނަ ޒުވާން ކުދިންނަށް ވަރަށް ގިނަ ފުުރުސަތުތައް ފަހިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.