20 އޯގަސްޓް 2025 - 15:17

ރާއްޖެ އެތެރެކޮށް، ވިއްކަމުން އަންނަ ކޮފްސީ ސިރަޕް އަނެއްކާ ވެސް މަނާކޮށްފި އެވެ.
ކެއްސާތީ ބޯ ބޭހެއް ކަމަށްވާ ކޮފްސީ ސިރަޕު ވިއްކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް މަނާކުރި އެވެ. އެކަމަކު އެފަހަރު ވެސް އެ ބޭހުން ކުނޑިތަކެއް ފެނިގެން، އިތުރު ޓެސްޓްތަކެއް ހެދިޔަސް އޭގައި މައްސަލައެއް ނެތް ކަމަށް ނިންމައި އޭރު ވަނީ ބޭސް ބޭނުންކުރަން އަލުން ހުއްދަ ދީފަ އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ވިއްކާ ބޭހަކީ ފެންވަރު ރަނގަޅު ބޭހެއްތޯ ކަށަވަރުކުރަމުން އަންނަ ކަމަށެވެ. ރާއްޖެ އެތެރެކުރާ ބޭހުގެ މާކެޓް ސާވެއިލަންސް ކުރަނިކޮށް، ކޮފްސީ ސިރަޕުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެހެންވެ، މިއަދުން ފެށިގެން އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
އެމްއެފްޑީއޭ އިން ވަނީ އެއްވެސް ފާމަސީއެއްގައި އެ ބޭސް ވިއްކަން ހުރި ނަމަ، ނައްތާލަން ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވެސް އަންގައިފަ އެވެ.
އެމްއެފްޑީއޭ އިން ބުނީ އެ ބޭސް ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް ސިއްހީ މައްސަލައެއް ދިމާވެގެން އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ.
އެ އިއުލާނާ އެކު އާންމުކުރި ފޮޓޯގައި ވެސް ފެންނަނީ ސިރަޕުގެ ތެރޭގައި ކުނޑިތަކެއް ހުއްޓަ އެވެ.