މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބުވުމުން ސަރުކާރުގައި ސިއްްކަ ޖެހޭނެ: ޝިފާޒް
މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބުވުމުން ސަރުކާރުގައި ސިއްްކަ ޖެހޭނެ: ޝިފާޒް

‎ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އަންނަ ހޯމަދުވަހު މަގާމުން ވަކިކުރުމާއެކު، މި ސަރުކާރުގައި ސިއްކަ ޖެހޭނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ ‎އެމްޑީޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ގދ. ގައްދޫ ކައުންސިލާއި އެ އަތޮޅު ކައުންސިލްގެ ގައްދޫ ދާއިރާގެ ގޮނޑި އަށް ވާދަކުރައްވާ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ރޭ ގައްދޫގައި ބޭއްވި ޖަލްސާގައި ޝިފާޒު ވިދާޅުވީ އެއްވެސް ކަމެއް އޮޅުވައިލައްވަން ނޫޅުއްވާ ކަމަށާއި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލު ކުރުމަށް ކަމަށެވެ. އަދި، މަޖިލީހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓާ އެކު ދައުލަތުގެ ހުރިހާ ކަމެއް ބަދަލުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ "މިހާރު ވިކުރާ ފޮތަކަށް ހައްދަވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިނިވަންކަން ހޯއްދަވައިދެއްވައި، މިނިވަން މުއައްސަސާތަކަށް ވެސް ހަގީގީ މިނިވަންކަން ގެނެސްދެއްވާނެ" ކަމަށެވެ.

މަސީހަށް ނޫނެކޭ ބުނެ ބޮޑު އަގުލަބިއްޔަތަކުން، މަޖިލީހުގެ ރައީސް ކަމުން އެމަނިކުފާނު ދުރުކުރަން ގައްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ރަޝީދަށް އިލްތިމާސް ކުރުމަށް އެ ދާއިރާގެ ރައްޔިތުންގެ ކިބައިން ޝިފާޒު އެދިވަޑައިގަތެވެ.

‎ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ގުރުބާންކުރާ ކަންބަޅިއެއް ކަމަށް ރައީސް ޔާމީނު ވިދާޅުވެފައިވާތީ، އެކަމަށް ރައްދު ދެއްވަމުން ޝިފާޒު ވިދާޅުވީ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ރައީސް ޔާމީނުގެ އެންމެ ގާތް އެއް އެކުވެރިޔާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް މި ސަރުކާރުން "ކަންބަޅިއަކަށް" ހެދި ކަމަށެވެ. އަދި މި ސަރުކާރުގެ ކުރީގެ ދެ ނައިބު ރައީސުން ކަމަށްވާ ޑރ. މުހައްމަދު ޖަމީލާއި އަހުމަދު އަދީބަށް ވެސް ހަމަ އެގޮތަށް ކަންތައް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.