ޣައްޒާ ސިޓީ ހިފަން އިތުރު 60،000 ސިފައިން ނެރެން ހުއްދަ ދީފި
ޣައްޒާ ސިޓީ ހިފަން އިތުރު 60،000 ސިފައިން ނެރެން ހުއްދަ ދީފި

ފަލަސްތީނުގެ ޣައްޒާ ސިޓީ ހިފަން ނިންމައި އިޒްރޭލު ސިފައިންނަށް ކުރި އަމުރު ތަންފީޒުކުރުމަށް އެކުލަވައިލި ޕްލޭނަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ހުއްދަ ދީ އެކަން ކުރުމަށް އިތުރު 60،000 ރިޒާވް ސިފައިން ނެރުމުގެ ހުއްދަ ދީފި އެވެ.

އިޒްރޭލު މީޑިއާގައި މި ވާހަކަ ރިޕޯޓްކޮށްފައި ވާއިރު އޭއެފްޕީން ގުޅުމުން ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ވަނީ އެކަން ކަށަަވަރުކޮށްދީފަ އެވެ.

އިޒްރޭލުގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން މިހާރުވެސް ރިޒާވް ސިފައިންގެ އެތައް ހާސް ބަޔަކު ޑިއުޓީއަށް ނެރެފައި ވާއިރު އަލަށް ނެރޭ 60،000 މީހުން އެއްފަހަރަކާ ޑިއުޓީއަކަށް ނުނެރޭނެ އެވެ. އެ މީހުންނަށް އަންގަމުން ގެންދާނީ އެކި ފިޔަވަހިތަކަށް ބަހައިގެން ކަމަށާއި ޑިއުޓީއަށް ނުކުތުމުގެ މަދުވެގެން ދެ ހަފްތާ ކުރިން އަންގާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން އަލަށް ނެރޭ ހުރިހާ ސިފައިން ޣައްޒާ ސިޓީ ހިފުމުގައި ބައިވެރިނުވާނެ ކަމަށާއި ބައެއް މީހުންނަކީ މިހާރު ޑިއުޓީތަކަށް ނެރެފައިވާ މީހުންގެ ބަދަލުގައި ގެންދާ މީހުން ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

ޣައްޒާގެ އުތުރުގައި އޮންނަ މައި ސިޓީ ކަމަށްވާ ޣައްޒާ ސިޓީ ހިފަން މަސައްކަތްކުރާއިރު އެތަނުގެ އާންމުން ގަދަކަމުން އެ ސަރަހައްދުން ނެރެ ދެކުނުގެ ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ވެސް އިޒްރޭލުން ގެންދަނީ ކުރަމުންނެވެ.

އިޒްރޭލުން ބުނެފައިވަނީ ޣައްޒާ ސިޓީ ހިފަނީ ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު އެންމެން މިނިވަންކޮށް "ހަނގުރާމަ ނިންމަން" ކަމަށާއި އެއާ އެކު ޣައްޒާއިން ހަމާސްގެ ބާރު ވެސް ކެނޑިގެން ދާނެ ކަމަށެވެ. އެކަމަކު އިޒްރޭލުގެ އާންމުން ގެންދަނީ މިކަމުގެ ސަބަބުން ރަހީނުންގެ ފުރާނައަށް ނުރައްކާވެ އިތުރު ގެއްލުންތަކެއް ވުން ނޫން ކަމެއް ނުވާނެ ކަމަށް ބުނެ، ހަނގުރާމަ ފުޅާކުރުމާ ދެކޮޅުހަދަމުންނެވެ.

އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ހަމަލާ ދެމުން ދާއިރު މިހާތަނަށް ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު ވަނީ 61،000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. މިދިޔަ 22 މަސް ދުވަސް ތެރޭ 155،000 އަށް ވުރެ ގިނަ މީހުން ވަނީ ހަމަލާތަކުގައި ޒަހަމްވެފަ އެވެ.