އިޒްރޭލް ސަސްޕެންޑްކުރަން އިޓަލީ ކޯޗުންގެ އެސޯސިއޭޝަނުން ގޮވާލައިފި
އިޒްރޭލް ސަސްޕެންޑްކުރަން އިޓަލީ ކޯޗުންގެ އެސޯސިއޭޝަނުން ގޮވާލައިފި

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދޭތެރޭ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ އަދަބެއްގެ ގޮތުން، އެ ގައުމު ބައިނަލްއަގްވާމީ ފުޓްބޯޅައިން ސަސްޕެންޑްކުރަން އިޓަލީގެ ކޯޗުންގެ އެސޯސިއޭޝަނުން ގޮވާލައިފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އިޒްރޭލާ އެއް ގްރޫޕެއްގައި އޮތް އިޓަލީގެ ކޯޗުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ގެބްރިއަލް ގްރަވީނާ އަށް ފޮނުވި ސިޓީގައި ވަނީ އިޒްރޭލާ ދޭތެރޭ ފިޔަވަޅު އަޅަން ފީފާ އާއި ޔުއެފާ އަށް ވަރަށް ބާރު އަޅައިފަ އެވެ.

"މިއީ ރަމްޒީގޮތުން ކުރާ ކަމަކަށް ވެގެން ނުވާނެ. މި ކަމަކީ ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅެއް،" ސިޓީގައި ބުނެފައިވެ އެވެ.

ކޯޗުންގެ އެސޯސިއޭޝަނުގެ ނާއިބް ރައީސް ޖިއަންކާލޯ ކަމޯލޭސް ވިދާޅުވީ އެގްޒެކެޓިވް ކޮމިޓީގެ އިއްތިފާގުން މި ސިޓީ ފޮނުވަން ނިންމީ ފަލަސތީނުގެ ރައްޔިތުންގެ ހައްގުގައި އިޓަލީ ފުޓްބޯޅައިން ތެދުވަން ޖެހޭ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

"ބައެއް މީހުން ބޭނުން ވެދާނެ އަހަރެމެން އެއްޗެކޭ ނުބުނެ، އެއްވެސް އެއްޗެއް ނުފެންނަ ކަމަށް ހަދައިގެން ތިބެ، އިޒްރޭލާ ދެކޮޅަށް މެޗުތައް ކުޅެން. އެކަމަކު އެއީ ރަނގަޅު ގޮތެއް ކަމަށް އަހަރެމެން ގަބޫލެއް ނުކުރަން،"

ކޮލިފައިންގައި އިޒްރޭލާ ދެކޮޅަށް އިޓަލީ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހު ނިއުޓްރަލް ވެނިއުއެއް ކަމަށްވާ ހަންގޭރީގަ އެވެ. ދެ ވަނަ ލެގު އޮންނާނީ އޮކްޓޫބަރު މަހު އިޓަލީގެ އުދިނޭގަ އެވެ.

ޔުއެފާ ނޭޝަންސް ލީގުގައި މިދިޔަ އަހަރު މި ދެ ޓީމު ކުޅެ 4-1 އިން އިޓަލީ މޮޅުވި މެޗުގައި އެ ސަޕޯޓަރުން ވަނީ ސްޓޭޑިއަމުގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލައިފަ އެވެ.

ޔުއެފާ އިން މީގެ ކުރިން ވަނީ ޔޫކްރޭނަށް ހަމަލާ ދިން މައްސަލައިގައި ރަޝިއާ ސަސްޕެންޑްކޮށްފަ އެވެ. ނަމަވެސް އިޒްރޭލާ ދެކޮޅަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

ދާދި ފަހުން އިޒްރޭލުގެ ހަމަލާއެއްގައި ފަލަސްތީން ފުޓްބޯޅަ ލެޖެންޑް ސުލޭމާން އަލް އުބެއިދު ޝަހީދުވުމުން، ޔުއެފާ އިން ސޯޝަލް މީޑިއާގައި ހިއްސާކުރި ތައުޒިޔާގެ މެސެޖުގައި އިޒްރޭލުގެ އުދުވާނުގެ ވާހަކަ ގެނެސްފައި ނެތުމުން ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ.