24 މާޗް 2017 - 19:33

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ގައުމީ ވޮލީބޯޅަ ޓީމު މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ސެޓު ގެންގޮސް އަދި އަނެއް ދެ ސެޓު ވެސް ނިންމުމާ ނުހަނު ގާތުގައި އޮއްވާ، ނޭޕާލުން ފަހަތުން އަރައި 3-1 ސެޓުން މޮޅުވުމާ އެކު، އަމިއްލަ ގައުމުގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ފިރިހެން މުބާރާތުގެ ފައިނަލުގެ ފުރުސަތު ރާއްޖެ އަށް ވަރަށް ބޮޑަށް ހަނިވެއްޖެ އެވެ.

ފުރަތަމަ މެޗުން ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ރާއްޖެ ބަލިވެފައިވާއިރު ބާކީ ދެން އޮތީ އާދީއްތަ ދުވަހު ކުޅޭ ތުރުކުމެނިސްތާން މެޗެވެ. އެއް ވަަނަ ޓީމުގެ ގޮތުގައި ސީދާ ފައިނަލަށް ދިއުމުގެ ޖާގަ ރާއްޖެ އަށް ގެއްލިފައިވާއިރު ދެ ވަނަ ނުވަތަ ތިން ވަނަ ޓީމުގެ ތެރޭ ހިމެނިގެން ސެމީ ފައިނަލަށް ދިއުމަށް އޮތީ ހަނި ފުރުސަތެކެވެ. އެއީ ފަހު މެޗުން ތުރުކުމެނިސްތާން އަތުން ރާއްޖެ މޮޅުވިޔަސް މެތެމަޓިކަލީ ރާއްޖެ ކެޓުމުގެ ފުރުސަތު އޮތުމުންނެވެ. އެއް ވަނަ ޓީމަށް ފައިނަލުން ސީދާ ޖާގައެއް ލިބޭއިރު އަނެއް ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީން މޮޅުވާ ޓީމަކަށެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ސެޓު ރާއްޖޭން ކާމިޔާބުކުރީ 25-23 އިންނެވެ. ދެ ވަނަ ސެޓު ވަރުގަދަކޮށް ފެށި ނަމަވެސް ނޭޕާލުން ރާއްޖެ ހާސްކޮށްލި އެވެ. އެކަމަކު ދެ ޕޮއިންޓުގެ ލީޑެއްގައި އޮވެ ސެޓު ނިންމަން އެންމެ ޕޮއިންޓަކަށް ވެފައިވަނިކޮށް ނޭޕާލުން ރާއްޖެއާ އަރާހަމަކުރި އެވެ. އަދި ރާއްޖެ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި 28-26 އިން ނޭޕާލް ސެޓް ކާމިޔާބުކުރި އެވެ. ތިން ވަނަ ސެޓުގައި ރާއްޖެ އަށް ސެޓު ނިންމަން ފަސް ފަހަރު ފުރުސަތު ލިބުނު ނަމަވެސް ނުނިންމި ދިގުލައި ގޮސް އެންމެ ފަހުން ނޭޕާލުން 33-31 ޕޮއިންޓުން ސެޓު ކާމިޔާބުކުރި އެވެ. ފަހު ސެޓުގައި ނޭޕާލުން އެރި ގޮތަށް އަރައި ބޮޑު ލީޑެއް ނެގި ނަމަވެސް ރާއްޖޭން އަރާހަމަކުރި އެވެ. އެކަމަކު ނޭޕާލުން އަނެއްކާ ވެސް ތަފާތު ބޮޑުކޮށްލައި 25-19 އިން ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވި އެވެ.

މެޗު ބަލަން ރާއްޖޭގެ 400 އެއްހާ ސަޕޯޓަރުން ވަދެތިބިއިރު ނޭޕާލުގެ ވެސް 200 އެއްހާ ސަޕޯޓަރުން ވަދެ ތިއްބެވެ. ރާއްޖޭގައި ދިރިއުޅޭ ނޭޕާލުގެ ރައްޔިތުން ވަދެ އެ ޓީމަށް ފުރިހަމަ ސަޕޯޓެއް ދިނެވެ. މުޅި މެޗުގައި ވެސް ނޭޕާލުގެ ކުޅުންތެރިން ވަރުގަދަ ރޫހެއްގައި ކުޅެމުންދިޔައިރު ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މުހިއްމު ވަގުތުތަކުގައި ހާއްސަކޮށް ސެޓް ނިންމަން ލިބުނު ވަގުތު އެކަށީގެންވާ ރޫހެއް ނުފެނުނެވެ. ތަޖުރިބާކާރު ބައެއް ކުޅުންތެރިންގެ ފަރާތުން ވެސް ގިނަ ގޯސްތަކެއް ފެނިގެންދިޔަ އެެވެ.
މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި ނޭޕާލުން ލީޑެއް ނެގި އެވެ. ރާއްޖޭގެ ކުޅުންތެރިންގެ ރިސީވް ދަށްކޮށް ދިޔައިރު، ނޭޕާލުން ދިޔައީ ފުލުފުލުގައި ޝޮޓްތައް ފޮނުވާލަމުންނެވެ. ފުރަތަމަ ޓެކްނިކަލް ޓައިމް އައުޓް ނެގިއިރު ނޭޕާލް އޮތީ ހަތަރު ޕޮއިންޓުގެ ލީޑެއްގައި، 8-4 އިން ކުރީގަ އެވެ. ބްރޭކަށް ފަހު ވެސް ގާތްގަނޑަކަށް ފަސް ޕޮއިންޓުގެ ލީޑެއް ދަމަހައްޓަމުން ދިޔަ އެވެ.
ރާއްޖޭގެ ކުޅުން ބަދަލުވެގެން ދިޔައީ ހުސެއިން ވިޝާމް (ބުޅިކޭ) އެރުމާ އެކު އެވެ. އޭނާގެ މުހިއްމު ދެ ޝޮޓަކާ އެކު ރާއްޖޭން ނޭޕާލާ ގާތްކުރި އެވެ. ރާއްޖޭން ނޭޕާލާ އެއްވަރުކުރީ 15-15 އާ ހަމައިންނެވެ. އެކަމަކު އޭގެ ފަހުން ދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. ކޮންމެ ޓީމަކުން ޕޮއިންޓަކަށް ފަހު ޕޮއިންޓެއް ހޯދަމުން ދިޔަ އެވެ. އެގޮތުގައި ގޮސް ރާއްޖޭން 23-21 އިން ކުރި ހޯދައި މެޗުގައި ފުރަތަމަ ފަހަރަށް ދެ ޕޮއިންޓުގެ ލީޑެއް ނެގި އެވެ. ރާއްޖޭން 24-22 އިން ލީޑުގައި އޮވެ ސެޓު ނިންމަން ފުރުސަތު ލިބުނު ނަމަވެސް ނޭޕާލުން ވަނީ 24-23 އަށް ކައިރިކޮށްފަ އެވެ. އެކަމަކު ޖެހިގެން އައި ބޯޅައިން ރާއްޖޭން ޕޮއިންޓެއް ހޯދައި، މުބާރާތުގައި ފުރަތަމަ ފަހަރަށް ސެޓެއް ކާމިޔާބުކުރި އެވެ.
ދެ ވަނަ ސެޓު ރާއްޖޭން ފެށީ ވަރަށް ވަރުގަދަކޮށެވެ. ފުލުފުލުގައި ހޯދި ޕޮއިންޓްތަކާ އެކު ނޭޕާލުގެ މައްޗަށް 4-2 އިން ކުރި ހޯދާފައިވަނިކޮށް ނޭޕާލުން ފަހަތުން އަރައި 5-4 އިން ލީޑު ނެގި އެވެ. އޭގެ ފަހުން ރާއްޖޭން އަނެއްކާ ވެސް އެއްވަރުކުރި ނަމަވެސް ފުރަތަމަ ޓެކްނިކަލް ޓައިމް އައުޓަށް ދިޔައިރު ނޭޕާލް ވަނީ 8-7 އިން ލީޑު ނަގައިފަ އެވެ. ކުޅުން ފަށައިގެން ފެނިގެން ދިޔައީ އަނެއްކާ ވެސް ވާދަވެރި ކުޅުމެކެވެ. ނޭޕާލުން ތިން ޕޮއިންޓަށް ތަފާތު ބޮޑުކޮށްފައިވަނީ ރާއްޖޭން ފަހަތުން އަރައި 11-10 އިން ލީޑު ނެގި ނަމަވެސް ނޭޕާލުން އަނެއްކާ ވެސް އެއްވަރުކުރި އެވެ.
އޭގެ ފަހުން ރާއްޖޭން އަނެއްކާ ވެސް ލީޑު ނެގި ނަމަވެސް ދެ ވަނަ ޓެކްނިކަލް ޓައިމް އައުޓާ ހަމަޔަށް ދިޔައިރު ނޭޕާލް އޮތީ 15-13 އިން ކުރީގަ އެވެ. އަލުން ފަށައިގެން ރާއްޖޭން 17-16 އިން ކުރި ހޯދި އެވެ. އަދ މަޑުމަޑުން ކުރިއަށް ޖެހި ދެ ޕޮއިންޓުގެ ލީޑެއް ނެގި އެވެ. އެކަމަކު ނޭޕާލުން އަނެއްކާ ވެސް 18-18 އިން އެއްވަރުކުރި އެވެ. ވަރަށް ހިތްވަރާ އެކު ރާއްޖޭގެ ކުޅުންތެރިން ކުރިއަށް ޖެހިލައި 22-19 އިން ސެޓު ނިންމަން ދިޔަ ނަމަވެސް ނޭޕާލުން ރާއްޖެ ހާސްކޮށްލި އެވެ. އަދި ރާއްޖޭން 24 ޕޮއިންޓުގައި އޮވެ ސެޓު ނިންމަން އެންމެ ޕޮއިންޓަކަށް ވެފައިވަނިކޮށް ނޭޕާލުން ރާއްޖޭގެ މައްޗަށް 25-24 އިން ލީޑު ނެގި އެވެ. އެގޮތުގައި ގޮސް ނޭޕާލް 27-26 އިން ކުރީގައި އޮއްވާ ރާއްޖެ އަތުން ސެޓް ގެއްލުނީ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ގެ ޝޮޓް ނެޓުގައި ޖެހުމާ އެކު އެވެ.
ތިން ވަނަ ސެޓުގައި ފަށައިގެން ދެ ޓީމު ދިޔައީ ވަރަށް އެއްވަރުކޮށެވެ. އެކަމަކު ފުރަތަމަ އަދި ދެ ވަނަ ޓެކްނިކަލް ޓައިމް އައުޓް ނެގި އިރު ވެސް ނޭޕާލް އޮތީ ކުޑަ ތަފާތެއްގަ އެވެ. އެކަމަކު މި ފަހަރު ރާއްޖޭން ފަހަތުން އަރައި 15-14 އިން ކުރި ހޯދައި އޭގެ ފަހުން ރަނގަޅު ލީޑެއްގައި އޮތެވެ. ރާއްޖޭން ފުލުފުލުގައި ހޯދި ތިން ޕޮއިންޓާ އެކު 23-20 އަށް ތަފާތު ބޮޑުކުރިއިރު، ނޭޕާލުން އެއްވަރުކުރި އެވެ. ރާއްޖޭން 24-23 އިން އަލުން ކުރި ހޯދި ނަމަވެސް ނިންމަން ލިބުނު ބޯޅަ ބަޓިސް އަތުން ބޭކާރުވުމާ އެކު ނޭޕާލުން 24-24 އިން އެއްވަރުކުރި އެވެ. އޭގެ ފަހުން ރާއްޖެ އަށް ސެޓު ނިންމަން ޖުމްލަ ހަތަރު ފަހަރު ފުރުސަތު ލިބި ބޭކާރުވި އެވެ. ފަސް ވަނަ ފަހަރު ގެއްލުނު ފުރުސަތާ އެކު ނޭޕާލުން ދެ ޕޮއިންޓުގެ ލީޑެއް ހޯދައި 33-31 އިން ސެޓު ކާމިޔާބުކުރި އެވެ.
އިތުރަށް ކުރިއަށް ދިއުމަށް ހަތަރު ވަނަ ސެޓު ރާއްޖެ އަށް ކާމިޔާބުކުރަން މަޖުބޫރުވެފައި އޮތް ނަމަވެސް، މި ސެޓުގެ ކުރީކޮޅު ނޭޕާލުން ވަނީ ރާއްޖެއަށް އެއްވެސް ފުުރުސަތެއް ނުދީ ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު ރާއްޖޭން ފަހަތުން އަރައި ދެ ޕޮއިންޓަށް ތަފާތު ކުޑަކުރި އެވެ. އަދި ފުރަތަމަ ޓައިމް އައުޓަށް ފަހު ރާއްޖޭން ނޭޕާލުގެ މައްޗަށް 9-8 އިން ލީޑު ނެގި އެވެ. ރާއްޖޭން ރަނގަޅު ލީޑެއްގައި އޮއްވާ ދެ ވަނަ ޓައިމް އައުޓާ ހަމައިން ނޭޕާލުން 16-15 އިން ކުރި ހޯދި އެވެ. އަދި އެގޮތުގައި ގޮސް ހަމަނޭވާއެއްލީ ތިން ޕޮއިންޓުގެ ލީޑެއް ނެގުމަށް ފަހު އެވެ. އެއަށް ފަހު ވެސް ނޭޕާލުން ފުލުފުލުގައި ޕޮއިންޓް ހޯދަމުން ގޮސް 25-19 އިން ސެޓު ކާމިޔާބުކޮށް މެޗު ކާމިޔާބުކުރިއިރު ރާއްޖޭގެ ކުޅުންތެރިންނަށް މާބޮޑު ކަމެއް ނުކުރެވުނެވެ.
އާދަމް ފައިރޫޒާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި ހަސަން ނިލާމާއި އަލީ ހުޒާމް އަދި އަހުމަދު އަހުސަން ފަދަ ކުޅުންތެރިންނާ އެކު ރާއްޖޭން ފެށި ނަމަވެސް، މުހިއްމު ވަގުތު ކޯޗު ވަނީ ތަޖުރިބާކާރު ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އެކަމަކު ޕްރެޝަރު ބޮޑުވާ ވަގުތު އެ ކުޅުންތެރިންނަށް ވެސް ޓީމަށް މާބޮޑު އެހީތެރިކަމެއް ނުދެވުނެވެ.