ރާއްޖޭގެ ކޮންމެ ރަށަކުން ފުޓްބޯޅަ ޝަހުސިއްޔަތެއް ކަނޑައަޅަން އެފްއޭއެމުން ހުޅުވާލަނީ
ރާއްޖޭގެ ކޮންމެ ރަށަކުން ފުޓްބޯޅަ ޝަހުސިއްޔަތެއް ކަނޑައަޅަން އެފްއޭއެމުން ހުޅުވާލަނީ

މީހުން ދިރިއުޅޭ ހުރިހާ ރަށަކުން، އެ ރަށެއްގެ ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައަޅަން ހުޅުވައިލަން އެފްއޭއެމުން އިއުލާންކޮށްފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް ފާހަގަ ކުރުމަށް އެފްއޭމުން އެކުލަވާލި ކޮމިޓީން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އިއުލާން ކުރީ ކޮންމެ ރަށެއްގެ ތާރީހުގައި ވެސް އެ ރަށެއްގައި އުފެއްދި ފުޓްބޯޅައިގެ ޝަހުސިއްޔަތު ކަނޑައެޅުމަށެވެ.

ތަޖުރިބާކާރު ކޯޗު އަދި ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޗެއާޕާސަން އަލީ ސުޒޭން ބުނީ އެ ރަށެއްގެ ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައަޅަން ފުރުސަތު ދޭނީ އެ ރަށެއްގެ ކައުންސިލާއި ކްލަބް ޖަމިއްޔާތަކަށް ކަމަށެވެ.

ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައެޅުމުގެ އުސޫލުތަކެއް އެކުލަވާލާއި ކުރިއަށް އޮތް މުއްދަތުގައި އިއުލާން ކުރާނެ ކަމަށް އޭނާ ބުންޏެވެ.

"ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގއި ފުޓްބޯޅަ ޝަހުސިއްޔަތު އަޅުގަނޑުމެން ހޯދާނަން އިރާދަކުރެއްވިޔާ. އެކަން ކުރާނީ އެ ރަށެއްގެ ކައުންސިލާއި ޖަމިއްޔާތައް ވެގެން،" ސުޒޭން ބުންޏެވެ.

"ދެން އަޅުގަނޑުމެން ދޭން ޖެހޭ ސަޕޯޓެއް ދޭނަން. މިކޮޅުން އަޅުގަނޑުމެން ކްރައިޓީރިއާއެއް ހަދާނަން."

ސުޒޭން ބުނީ އެކި ރަށްރަށުގައި ފުޓްބޯޅަ ޝަހުސިއްޔަތު ހޮވުމުގައި ކުޅުންތެރިޔަކަށް ނުވަތަ ރެފްރީއަކަށް ވެސް އަދި ފުޓްބޯޅައިގެ އެހެން މަގަމެއްގައި ހިދުމަތް ކުރި މީހަކަށް ވެސް ވެދާނެ ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަފާނަން ކުޑަކުޑަ މިސާލެއް ވެސް. ރަށެއްގައި ވަރަށް މޮޅު ކުޅުންތެރިޔެއް ހުރީ. ވަރަށް މޮޅު [ފުޓްބޯޅަ] ނޫސްވެރިޔެއް ހުރީ. ވަރަށް މޮޅު ފުޓްބޯޅަ ކޮމަންޓޭޓަރެއް ވެސް ހުރެދާނެ. އެއީ މިކަން ވާނެ (ފުޓްބޯޅަ ޝަހުސިއްޔަތު) ހޯދުމުގައި ވާދަވެރިވާނެ ކަމަކަށް ވެސް،" ސުޒޭން ބުންޏެވެ.

"އެއީ ކުޅުންތެރިޔާގެ ކޮމިޓްމެންޓާއި އެ ކުޅުންތެރިންގެ ސަބަބުން ރަށަށް އެ ލިބުނު ރީތި ނަމާއި އެ ހުރިހާ އެއްޗަކަށް ވުރެ ބޮޑު އެއްޗެއް ގެނެސްދީފައި އޮވެދާނެ ރެފްރީއަކަު ވެސް. [ފުޓްބޯޅަ] ކޮމަންޓޭޓަރަކަށް ވެސް ވެދާނެ. [ފުޓްބޯޅަ] ނޫސްވެރިޔަކަށް ވެސް ވެދާނެ. އެ މީހަކު ކޮށްދިން ހިދުމަތަކުން އެ ރަށަކަށް ލިބުނު ރީތީ ނަމަކަށް ބަލައިގެން ނިންމާނީ. އަޅުގަނޑުމެން [ކޮމިޓީން] ހަމައެކަނި ބަލާނީ އަޅުގަނޑުމެންގެ ކްރައިޓީރިއާ އަށް ފެތޭތޯ."

އޭނާ ބުނިގޮތުގައި އަލިމަސް ޔޫބީލު ފާހަގަ ކުރުމަށް 75 ކަމެއް ކުރާނެ އެވެ.

ކޮމިޓީގެ ނައިބު އަދި ނިއު ރޭޑިއަންޓްގެ ޗެއާމަން އަހްމަދު މުބީން ވިދާޅުވީ މިދިޔަ 75 އަހަރުތެރޭ ފުޓްބޯޅައިގައި އެންމެ މުހިންމު ދައުރެއް އަދާކުރި ރަށްރަށް ވެސް ފާހަގަ ކުރާނެ ކަމަށެވެ.

"ކުޅުދުއްފުށި ދިވެހި ފުޓްބޯޅައިގައި ކިހާ ބޮޑު ދައުރެއް އަދާކުރިތޯ؟ ހުރާ. މަހިބަދޫ. އޭދަފުށި ތިނަދޫ ކަހަލަ ރަށްރަށް ކިހާ ބޮޑު ދައުރެއް އަދާކުރިތޯ؟ މިހުރިހާ ބައެއް މީގެ ތެރޭގައި ހިމެނިގެން ދާނީ. މި ރަށްރަށުގެ ނަންނަން ކަންފަތުގައި އަޑުޖެހުނީމަ އަންނަ ޝުއޫރު. މީގެ [އަލިމަސް ޔޫބީލު ފާހަގަ ކުރުމުގެ] ތެރޭގައި ދާނެ،" މުބީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގެ ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައަޅާއިރު، އެ ރަށުގެ ރައްޔިތުންގެ ވޯޓުން ޕަސެންޓެއް ވެސް ހިމަނަން އެކަމަށް އެކުލަވާލާ އުސޫލުގައި ހިމަނާނެ ކަމަށެވެ.