19 އޯގަސްޓް 2025 - 15:50

ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޖިމާއި ފިޓްނަސް ސެންޓަރު އަޅަން އެމްއޭސީއެލާއިި އެޗްޑީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިންގާ ކުންފުނި އެމްއޭސީއެލާއި ކުޅިވަރާ ބެހޭ މިނިސްޓްރީން ހަވާލުކުރީ 63 ރަށެއްގައި ފިޓްނަސް ސެންޓަރު އަޅާށެވެ. އަދި އެޗްޑީސީއާ ހަވާލުކުރީ 71 ރަށެއްގައި އައުޓްޑޯ ޖިމް ހަދާށެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރީ އެކަމަށްޓަކާ މިއަދު ހ. މީރުމާ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުތަކެއްގަ އެވެ.
ފިޓްނަސް ސެންޓަރުތައް ހެދުމުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ބުނީ އެއީ ރާއްޖޭގެ ރައްޔިތުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްޓަކާ މުޅި ރާއްޖޭގައި ފިޓްނަސް ސެންޓަރުތައް ގާއިމްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ މި މުހިންމު ވައުދު ފުއްދުމުގެ ގޮތުން ހިންގާ ކަމެއް ކަމަށް ޝަރީފް ވިދާޅުވެފައިވާ ކަމަށެވެ.
އެ ވައުދު ފުއްދުމުގައި އެމްއޭސީއެލް ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް ޝަރީފް ވިދާޅުވި ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ރަށްރަށުގައި އައުޓްޑޯ ޖިމް ހެދުމުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ރާފިއު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ އެއްބަސްވުމުގެ ދަށުން ރަށްރަށަށް އައުޓްޑޯ ޖިމް ސަޕްލައިކޮށް، އިންސްޓޯލްކުރުމުގެ މަސައްކަތާއި މަރާމާތުކުރަން ޖެހޭ އައުޓްޑޯ ޖިމްތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރާނެ ކަމަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަންނަ އަހަރު ނިމުމުގެ ކުރިން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.