ޗައިނާ މީހުންނަށް ރާއްޖޭގައި ބޮޑު ސްކޭމެއް ހިންގަނީ: މިހާރު ވެސް 2.9 މިލިއަން ރުފިޔާ ގެއްލިއްޖެ!
ޗައިނާ މީހުންނަށް ރާއްޖޭގައި ބޮޑު ސްކޭމެއް ހިންގަނީ: މިހާރު ވެސް 2.9 މިލިއަން ރުފިޔާ ގެއްލިއްޖެ!

ރާއްޖޭގައި ދިރިއުޅޭ ޗައިނާ މީހުންނަށް އަމާޒުކޮށް ބޮޑު ސްކޭމެއް ހިންގަމުންދާ ކަމަށާއި މިހާރު ވެސް 2.9 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ހިންގާ އާ ބާވަތެއްގެ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކެއްގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ މައްސަލަތަކުގައި މިހާތަނަށް 2.9 މިލިއަން ދިވެހި ރުފިޔާގެ މާލީ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ބޮޑު ސްކޭމްގައި، މަކަރާއި ހީލަތުގެ އެ އަމަލު ހިންގަނީ ކްރިޕްޓޯކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން، އޮޅުވާލައިގެން ކަމަށާއި އެ މީހުންގެ ސްކޭމް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންނަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ އެ ސްކޭމް ހިންގާ ގޮތުގެ ތަފުސީލް ކިޔައިދީފަ އެވެ.

● އެންމެ ފުރަތަމަ މަކަރުވެރިން ގުޅަނީ ރާއްޖޭގައި ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތްތަކަށް. ހާއްސަ ގޮތެއްގައި ޓެދަ (ޔޫއެސްޑީޓީ) ގަނެވިއްކާ ފަރާތްތަކަށް. މަކަރުވެރިން، ޔޫއެސްޑީޓީ ވިއްކާ ފަރާތަށް އޮޅުވާލައި، ރަނގަޅު ރޭޓެއްގައި ބޭރު ފައިސާ (ޗައިނީޒް ޔުއާން) ގަނެވިއްކުމުގެ މުއާމަލާތެއް ހިންގަން ހުށަހަޅާ. އެ މަރުހަލާގައި މަކަރުވެރިޔާ، ވިއްކާ ފަރާތަށް ހުށަހަޅަނީ ފައިސާ ޓްރާންސްފާ ކުރުމަށް ވަކި ޑިޖިޓަލް ވޮލެޓް އެޑްރެހެއް.

● މަކަރުވެރިޔާ ހަމަޖައްސަނީ ދިވެހި ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ގެންގުޅޭ ބޭރު ގައުމެއްގެ މީހަކު ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތާ ބައްދަލު ކުރުމަށް. ބޭރު ގައުމުގެ މީހާ މި މުއާމަލާތުގައި ބައިވެރިވަނީ އޭނާގެ އަތުގައި ހުރި ދިވެހި ރުފިޔާ ބަދަލުކުރެވެނީ އޭނާގެ ބޭންކް އެކައުންޓަށް ޖަމާކުރެވޭނެ ބޭރު ފައިސާއަކަށް ކަމަށް ގަބޫލުކޮށްގެން.

● ދެ ފަރާތް ބައްދަލުވުމުން، ބޭރު ގައުމުގެ މީހާ ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތަށް ނަގުދު ފައިސާ ހަވާލުކުރޭ. ފައިސާ ގުނައި ޗެކްކުރުމަށް ފަހު، ވިއްކާ ފަރާތުން އެއާ އެއްވަރުގެ ޔޫއެސްޑީޓީ މަކަރުވެރިޔާ ދީފައިވާ ވޮލެޓް އެޑްރެހަށް ޓްރާންސްފާ ކުރޭ.

● ނަމަވެސް، ޓްރާންސްފާ ކުރުމަށް ފަހު، ބޭރު ގައުމުގެ މީހާގެ ބޭންކް އެކައުންޓަށް އެއްވެސް ފައިސާއެއް ޖަމާނުކުރޭ. ކްރިޕްޓޯކަރަންސީ ޖަމާވަނީ މަކަރުވެރިޔާގެ ވޮލެޓަށް. އަދި ޔޫއެސްޑީޓީ ވިއްކާ ފަރާތާއި ބޭރު ގައުމުގެ މީހާ ދެމެދު ހިލާފު އުފެދޭ. ވިއްކާ ފަރާތުން ގެއްލެނީ އެ މީހުންގެ ކްރިޕްޓޯކަރަންސީ. ހިލާފު އުފެދެނީ ނަގުދު ފައިސާގެ މިލްކުވެރިކަމާ މެދުގައި.

● ޔޫއެސްޑީޓީ ބޭރު ގައުމުގެ މީހާއަށް ނުލިބުމުން ދެ ފަރާތުން އެކަކު އަނެކަކަށް މަކަރާއި ހީލަތުގެ ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާ.

ފުލުހުން ބުނީ ކްރިޕްޓޯކަރަންސީ ނުވަތަ ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތަކުގައި ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. މީހަކާ އެކު މާލީ މުއާމަލާތެއް ހިންގާ ނަމަ އެ މީހަކީ ކާކުކަން އަބަދު ވެސް ކަށަވަރު ކުރުމަށާއި ގަންނަ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ ގުޅުވައިދޭން މަސައްކަތްކުރާ ނުދަންނަ ނުވަތަ ތިންވަނަ ފަރާތްތަކަށް އިތުބާރު ނުކުރުމަށް ވެސް އިލްތިމާސްކުރާ ކަމަށް ފުލުހުން ބުންޏެވެ.

"ތިމާ ގާތުގައި ނެތް، ނުދަންނަ އެހެން މީހެއްގެ އެކައުންޓަކަށް ނުވަތަ ވޮލެޓްތަކަށް ފައިސާ ނުވަތަ ކްރިޕްޓޯކަރަންސީ ފޮނުވުމަށް އެއްބަސްނުވާށެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނީ މި ކަހަލަ ހުށަހެޅުމެއް މީހަކު ހުށަހަޅައިފި ނަމަ އަދި މާލީ މުއާމަލާތެއް ހިންގުމުގައި ޝައްކެއް އުފެދިއްޖެ ނަމަ ނުވަތަ މިފަދަ މަކަރުވެރި އަމަލެއްގެ ޝިކާރައަކަށް ވެއްޖެ ކަމަށް ގަބޫލުކުރެވޭ ނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓަލައިން 3322111 ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރު 911 އަށް ގުޅައި ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ. ނުވަތަ އެންމެ ކައިރީގައި ހުރި ފުލުހުންގެ މަރުކަޒަކަށް ހާޒިރު ވެސް މައްސަލަ ރިޕޯޓްކުރަން ވެސް އެދޭ ކަމަށް ފުލުހުން ބުންޏެވެ.