މެސީއަކީ އެއްވަނަކަމަށް ރެއާލްގައި ހުރެ ވެސް ބުނުން ޒަބީއަށް މައްސަލައެއް ނޫން
މެސީއަކީ އެއްވަނަކަމަށް ރެއާލްގައި ހުރެ ވެސް ބުނުން ޒަބީއަށް މައްސަލައެއް ނޫން

ރެއާލް މެޑްރިޑްގެ އާ މިޑްފީލްޑަރު ފްރެންކޯ މަސްޓަންޓުއޯނޯގެ ފޭވަރިޓް ކުޅުންތެރިޔަކީ ކޮބައިގެން ރެއާލް މެޑްރިޑަށް ބުނެ ނުދެވޭނެ ކަމަށް އެ ކްލަބްގެ ކޯޗު ޒަބީ އޮލޮންސޯ ބުނެފި އެވެ.

މެސީއަކީ އެއްވަނަކަމަށް ރެއާލްގައި ހުރެ ވެސް ބުނުން ޒަބީއަށް މައްސަލައެއް ނޫން
މެސީއަކީ އެއްވަނަކަމަށް ރެއާލްގައި ހުރެ ވެސް ބުނުން ޒަބީއަށް މައްސަލައެއް ނޫން

އޭނާ އުމުރުން 18 ފުރުނު ދުވަހު، ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި މަސްޓަންޓުއޯނޯ ތައާރަފު ކުރަން މިދިޔަ ހަފުތާގައި ބޭއްވި ނޫސް ކޮންފަރެންސްގައި އޭނާ ބުނީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ މެސީ ކަމަށެވެ.

"އަހަންނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ،" ރިވަޕްލޭޓްގެ ކުރީގެ މިޑްފީލްޑަރު ބުންޏެވެ.

ބާސެލޯނާގެ ލެޖެންޑް މެސީގެ އަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ރެއާލްގައި ހުރެ އަދި ހާއްސަކޮށް އެ ޓީމުގެ ޕޯޑިއަމްގައި ހުރެ އިއުލާން ކުރުމަކީ އެހެން ކުޅުންތެރިން މީގެ ކުރިން ކުރި ކަމެއް ނޫނެވެ. ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި އެ ޓީމުގެ ޕްރެސް ރޫމުގައި ހުރެ މަސްޓަންޓުއޯނޯ އެހެން ބުނުމުން، ސްޕެއިންގެ މީޑިއާތަކުގެ އެކަމަށް ބޮޑު ސަމާލުކަމެއް ދިނެވެ.

ބާސެލޯނާ އާއި ރެއާލްއާ ދެމެދު އޮންނަ ބޮޑު ވާދަވެރިކަމުގެ ސަބަބުން، ރެއާލްގެ ބައެއް ސަޕޯޓަރުންނަށް އެއީ އެހާ ހިތްހަމަޖެހޭ ޖަވާބަކަށް ނުވި އެވެ.

އެކަމަކު ކޯޗު ޒަބީއާ އެ ސުވާލު ކުރުމުން، އޭނާ ބުނީ މަސްޓަންޓުއޯނޯ ގެ އެއްވަނަ ކުޅުންތެރިޔާއަކީ މެސީ ކަމަށް ބުނުމުން ހައިރާންވާން ނުޖެހޭ ކަމަށެވެ.

"އޭނާ ނިސްބަތް ވަނީ އާޖެންޓީނާ އަށް. އަދި އޭނާ ވެސް ކުޅެނީ ވައާތު ފައިން. އެހެންވީމަ އެއީ ހައިރާންވާންޖެހޭ ކަމެއް ނޫން،" މެސީއަކީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ކަމަށް މަސްޓަންޓުއޯނޯ ބުނި ވާހަކައާ ގުޅިގެން ޒަބީއާ ސުވާލު ކުރުމުން އޭނާ ބުންޏެވެ.

"އަހަރެމެންނަކަށް ނުބުނެވޭނެ އޭނާގެ އެއްވަނަ ކުޅުންތެރިޔާ އަށް ވާން ޖެހޭނީ ކޮންމެ ކުޅުންތެރިޔެއް ކަމެއް."

އާ ސީޒަންގެ ރަސްމީ ފުރަތަމަ މެޗުގައި ރެއާލުން މިރޭ ނުކުންނާނީ އޮސަސޫނާއާ ދެކޮޅަށެވެ. އެ މެޗަކީ ރެއާލްގެ ކޯޗުކަމުގައި ޒަބީ އެ ކްލަބްގެ ދަނޑު، ސެންތިއާގޯ ބާނެބުއޭގައި، ނުކުންނަ ފުރަތަމަ މެޗެވެ. އެ މެޗުގައި މަސްޓަންޓޫނޯ ކުޅޭނެ ކަމުގެ އިޝާރާތެއް ޒަބީ ދިނެވެ

"އަހަރެމެންގެ ޓީމުގެ ފެންވަރު އޭނާގެ ސަބަބުން އިތުރަށް ރަނގަޅުވާނެ. އަހަރެމެންނަށް އިތުރު ހަކަތަ އޭނާ ގެނެސްދޭނެ. އަހަންނަށް ފެނުނީ އޭނާ ރަނގަޅު ރޫހެއްގައި ހުރިތަން. އަހަރެމެން ޖެހޭނެ އޭނާ ކުރިއަށްދާން އެހީވެދޭން. އެކަމަކު މިހާރު ވެސް އޭނާ ވަނީ ވަދަވެރި މެޗުތަކުގައި މޮޅަށް ކުޅެވޭނެކަން ސާބިތުކޮށް ދީފަ،" ޒަބީ ބުންޏެވެ.

އަންނަ މަހު ކުރިމަތިލާ އިންޓަނޭޝަނަލް ބްރޭކްގައި އާޖެންޓީނާގެ ސްކޮޑަށް ވެސް ނަގާފައިވާ މިޑްފީލްޑަރު ގެންދަން ޕީއެސްޖީން ވެސް މަސައްކަތް ކުރި އެވެ. އެކަމަކު އޭނަ ނިންމީ ރެއާލް އަށް ބަދަލުވާށެވެ.

އޮސަސޫނާއާ ދެކޮޅަށް ރެއާލުން ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މެންދަމު 12 ޖަހާއިރު އެވެ.