19 އޯގަސްޓް 2025 - 13:15

ގުރޫޕް ހަދައިގެން ކުށްކުރާ ބައެއް ސަރަހައްދުތަކުގައި ތިބޭ ފިރިހެން ކުދިން ގިނަވާތީ ފުލުހުންގެ މޮނީޓަރިން ވަރުގަދަކުރަން ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ އިދާރާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދުވަހުން ދުވަހަށް ފުލުހން ކުރާ އާންމު ޕެޓްރޯލިން އާއި ތަފާސްހިސާބުތައް ދައްކާ ގޮތުން، ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ކުޑަކުދިން ގުރޫމިންގެ ޝިކާރައަކަށްވެ އަދި ރައްކާތެރި ނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، އެ ކަހަލަ މާހައުލުތަކުގައި އާންމުކޮށް އުޅޭ ކުދިންނަށް ގާނޫނާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބުމާއި މައިންބަފައިންނާއި ނުރުހުންވެ ފިލައިގެން ގެއިން ނުކުތުމާއި މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅުމާއި އެ ނޫން ވެސް ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވާކަން ފާހަގަކުރެވެ އެވެ.
މި ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި ރައްކާތެރިކަމާއި ޒިންމާދާރު އުޅުމާ ބެހޭ ގޮތުން އެ ކުދިންނާ އެކު ވާހަކަދައްކައި މަޝްވަރާކުރުމަށް ފުލުހުންގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ބުނީ ގުރޫޕް ހަދައިގެން ކުށްކުރާ ކަމަށް ފާހަގަކުރެވޭ އެ ސަރަހައްދުތަކަށް އަމާޒު ކޮށްގެން ސްޕޮޓް ޗެކް ކުރުމާއި ދުވަހުން ދުވަހަށް ކުރާ ޕެޓްރޯލިންގެ ތެރެއިން ގާތުން މޮނިޓާކޮށް، ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.
ކުޑަކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރު ކުރުމަށް މައިންބަފައިންނާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ދައުލަތާއި މުޖުތަމައުގެ ކަމާ ބެހޭ އެހެން އިދާރާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ކުޑަކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް، އެ ކުދިންނަކީ ޒިންމާދާރު، ހެޔޮލަފާ، ހުލްގުހެޔޮ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރެދެއްވުމަށްޓަކައ،ި އެންމެހާ މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން، ކަމާ ގުޅުންހުރި ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް މި ފުރުސަތުގައި ގޮވާލަމެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ މި ކަހަލަ ކަމަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 އަށް ނުވަތަ ވިކްޓިމް ސަޕޯޓް ޔުނިޓްގެ ނަންބަރު 9770640 އަށް ގުޅަން އެދޭ ކަމަށެވެ.
ކުއްލި ހާލަތުގައި 911 އަށް ގުޅުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެެވެ.