19 އޯގަސްޓް 2025 - 12:27

ބޮލީވުޑްގެ ތަރި ރަންވީރް ސިންގުގެ އާ ފިލްމު "ދުރަންދަރު"ގެ މަސައްކަތުގައި އުޅުނު 100 އަށް ވުރެ ގިނަ މީހުން ކާނާ ވިހަވަގެން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އިންޑިއާގެ ލަޑަކްގެ ހިސާބެއްގައި އެ ފިލްމުގެ މަންޒަރުތައް ނަގަމުން ދަނިކޮށް، ފިލްމުގެ ކްރޫގައި ހިމެނޭ 120 މީހަކު ކާނާ ވިހަވެގެން ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ އެވެ. މިދިޔަ އާދިއްތަ ދުވަހު ހިނގި އެ ހާދިސާގެ ސަބަބުން ފިލްމުގެ ޝޫޓިން މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.
ކާނާ ކެއި ފަހުން ގިނަ ބަޔަކު ހޮޑުލައި، ބޯ އަނބުރާއި ބަނޑުގައި ރިއްސި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އެ ފިލްމުގެ ކްރޫގައި 600 އަށް ވުރެ ގިނަ މީހުން އުޅެ އެވެ.
ޖިއޯ ސްޓޫޑިއޯސް އާއި ބީސިކްސް ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ "ދުރަންދަރު"އަކީ 2019 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ހަނގުރާމަ މަތީ ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ޑައިރެކްޓަރު އަދިތުޔަ ދަރުގެ ފިލްމެކެވެ. އެ ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް އޭނާ އެވެ.
ރަންވީރާއެކު އެ ފިލްމުގައި ލީޑު ރޯލު ކުޅެނީ ދެކުނު އިންޑިއާގެ އެކްޓްރެސް ސާރާ އަރްޖުނެވެ. ސާރާއަކީ ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ރާޖާ އަރްޖުންގެ ދަރިފުޅެވެ.
ރަންވީރާއި ސާރާގެ އިތުރުން އެ ފިލްމުގައި މުހިންމު ރޯލުތައް ކުޅެނީ ސަންޖޭ ދަތު، އާރު މަދަވަން، އަކްޝޭ ކަންނާ އަދި އަރްޖުން ރާމްޕާލެވެ.
"ދުރަންދަރު"އަކީ އިންޑިއާގެ ސުޕަ ސްޕައި އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިސަރު އަޖިތު ދޯވަލްގެ ހަޔާތަށް ބިނާކޮށް ގެނެސްދޭ އެކްޝަން ފިލްމެކެވެ.
"ދުރަންދަރު" ރިލީޒްކުރަނީ އަންނަ ޑިސެމްބަރު މަހު ފަހެއްގަ އެވެ.