މީޑިއާ ބިލާ ގުޅިގެން މަޖިލިސް ގެލަރީގައި ނޫސްވެރިން ހިމޭން އިހުތިޖާޖެއް ކޮށްފި
މީޑިއާ ބިލާ ގުޅިގެން މަޖިލިސް ގެލަރީގައި ނޫސްވެރިން ހިމޭން އިހުތިޖާޖެއް ކޮށްފި

ނޫސްވެރިކަން ރެގިއުލޭޓް ކުރުމާ އެކު ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގެ ބަހުސް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔައިރު ނޫސްވެރިން މަޖިލީހުގެ އިދާރާގެ ގެލަރީގައި ހިމޭން އިހުތިޖާޖެއް ކޮށްފި އެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި އެ ބިލުގައި ވަނީ އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނުގައި މަޖިލީހުގެ ރުހުމާ އެކު ތިން މެމްބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު ރައީސަށް އޮތް ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑަޅުއްވަނީ ބިލްގައިވާ ގޮތުން ރައީސެވެ.

އެ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކުރުމާ އެކު ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ. އަދި ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އާ ބިލުގައިވެ އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ ބިލްގެ ފުރަތަމަ ކިޔުން އިއްވައި ބަހުސް ފެށިއިރު، ބިލްގައި ބަޔާންކުރާ ކަންތައްތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން ބައެއް ނޫސްވެރިން ތިބީ މަޖިލިހުގެ ގެލަރީގަ އެވެ. އެ މީހުން ތިބީ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން އަނގަމަތީގައި މަލަން އަޅައިގެންނެވެ.

ނޫސްވެރިންނަށް ލިބިފައިވާ ގިނަ ބާރުތަކެއް ހިފަހައްޓާފައިވާ މި ބިލާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފަ އެވެ. ނޫސްތައް ބަންދުކޮށް ޖޫރިމަނާކޮށް ނޫސްވެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން އެ ބިލުގައި ހިމަނާފައިވުމަކީ އެކަމާ ދެކޮޅު ހަދާ ސަބަބުތައް ކަމަށް އެމްޖޭއޭ އިން ބުންޏެވެ.

އެމްޖޭއޭ އިން ބުނި ގޮތުގައި ބިލު ފަރުމާކޮށްފައި ވަނީ މީޑިއާތައް ރެގިއުލޭޓްކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސްގެ މުށުތެރެއަށް ޖަމާކޮށް މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެންގޮސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި ކަމަށް ދެކެ އެވެ. އެހެންވެ، އެއީ މީޑިއާގެ މިނިވަންކަން މަރާލުން ކަމަށް އެ ޖަމިއްޔާ އިން ދެކެ އެވެ.