19 އޯގަސްޓް 2025 - 12:19

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން، އެ ބިލް ދިރާސާ ކުރާ ކޮމިޓީ މަރުހަލާގައި ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި، އެންމެން އެއްބަސްވެވޭ ހައްލެއް ގެނެވޭނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވި ގޮތުގައި މީގެ ކުރިން ހަންނާނު ހުށަހެޅުއްވި ބިލު ބޭރުކޮށްލުމުން، އާ ބިލުގެ މަސައްކަތުގައި އޭނާ ވެސް ބައިވެރިވެވަޑައިގެން އެހީތެރިކަން ފޯރުކޮށްދެއްވި އެވެ.
މީޑިއާގެ ބައެއް ބޭފުޅުންނާ ވާހަކަ ދައްކަވައި، "ހިޔާލުތައް އެއްގަނޑަކަށް" ގެނެވޭތޯ މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ފަހުން މަޖިލިހަށް ހުށަހެޅުއްވީ ބައިނަލްއަގްވާމީ ވަރަށް ގިނަ މިންގަނޑުތަކާ އެކު އެކުލަވައިލި ބިލެއް ކަމަށެވެ.
އެހެންވެ، ނާޒިމް ވިދާޅުވީ މިހާރުގެ ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާގައި އެއާ ގުޅޭ ކަންބޮޑުވުމެއް އޮތް ނަމަ އެންމެންނަށް އެއްބަސްވެވޭ ހައްލެއް ގެނެވޭނެ ކަމަށާއި މިއީ އަމިއްލަ މެމްބަރަކު ހުށަހެޅުއްވި ބިލަކަށް ވާތީ އެ ފުރުސަތު ވަރަށް ބޮޑަށް ތަނަވަސްވާ ކަމަށެވެ.
ނާޒިމް ތުހުމަތު ކުރެއްވި ގޮތުގައި މީޑިއާތަކުން މިހާރު ފެނިވަޑައިގަންނަވަނީ އެއްވެސް ހިފެހެއްޓުމެއް ނެތި މީހުންގެ އަބުރަށް އަރައިގަންނަ މަންޒަރެވެ. އަދި އާންމު މަސްލަހަތު ގެއްލޭ ގޮތަށް މީޑިއާތަކުން އަމަލު ކުރަމުންދާ ކަމަށް ވިދާޅުވެ އެ އަށް ވުރެ ރަނގަޅު ގޮތެއް އޮތްތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މީޑިއާތައް މިހާރު ހިންގަމުން އަންނަ ގޮތަށް ފާޑުވިދާޅުވެ ނާޒިމް ވިދާޅުވީ ހުރިހާ މީޑިއާއަކަށް ވެސް ފައިނޭންސް ކުރަނީ އިޝްތިހާރުތައް ފަދަ އެއްޗެހިން ކަމަށާއި އެހެންވީމާ މީޑިއާއަކީ ވަކި ބައެއްގެ ދަށުވެފައި އޮންނަ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ.
މަޖިލީހަށް އަމިއްލަ މެމްބަރަކު އެ ބިލު ހުށަހެޅުއްވިޔަސް މަޖިލީހުގެ ތަޅުމުގައި ބިލަށް ބަހުސް ކުރެއްވި ހުރިހާ ޕީއެންސީގެ މެމްބަރުން ވެސް ވަނީ މީޑިއާ ކޮންޓްރޯލްކުރާ އެ ބިލަށް ތާއީދު ކުރައްވައިފަ އެވެ.
ބިލުގެ ބަހުސް މިއަދަށް ނިންމާލީ އިތުރަށް ދިރާސާކޮށް، މެމްބަރުންނަށް ބަހުސް ކުރައްވަން ފުރުސަތު ދިނުމުގެ ގޮތުން އަންނަ ދައުރުގައި ވެސް އެ ބިލުގެ ބަހުސް ކުރިއަށް ގެންދާ ގޮތަށެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ ބިލްގެ ފުރަތަމަ ކިޔުން އިއްވައި ބަހުސް ފެށިއިރު، ބިލްގައި ބަޔާންކުރާ ކަންތައްތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން ބައެއް ނޫސްވެރިން ތިބީ މަޖިލިހުގެ ގެލަރީގަ އެވެ. އެ މީހުން ތިބީ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން އަނގަމަތީގައި މަލަން އަޅައިގެންނެވެ.
އެ ބިލުގައި ވަނީ އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނުގައި މަޖިލީހުގެ ރުހުމާ އެކު ތިން މެމްބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު ރައީސަށް އޮތް ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑަޅުއްވަނީ ބިލްގައިވާ ގޮތުން ރައީސެވެ.
އެ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކުރުމާ އެކު ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ. އަދި ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އާ ބިލުގައިވެ އެވެ.