މި ބިލަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބޮޑު ނުރައްކަލެއް: އެމްއެމްސީ
މި ބިލަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބޮޑު ނުރައްކަލެއް: އެމްއެމްސީ

މީޑިއާ ކޮމިޝަނެއް އުފެއްދުމަށް މަޖިލީހަށް ހުށަހަޅެޅި ބިލް އޮތީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސްއެޅި، ނޫސްވެރިންނަށް ނުރައްކާވާ ގޮތަށް ކަމަށް މޯލްޑިވިއަން މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.

އެމްއެމްސީން ބުނީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅާފައިވާ ބިލުން މީޑިއާތައް ރެގިއުލޭޓް ކުރުމަށް މިހާރު މި އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމް އެއްކޮށް ބަދަލުކޮށް، އެއިރެއްގައި އޮންނަ ސަރުކާރަކަށް އަދި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ކަމަށެވެ.

އެ އިދާރާއިން ބުނީ ޒިންމާދާރު މިނިވަން ނޫސްވެރިކަމުގެ ވެއްޓެއް ރާއްޖޭގައި އޮތުމަށާއި މި ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެ ކައުންސިލުން އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ.

އެމްއެމްސީ އިން ބުނި ގޮތައި އެ ބިލުން އުފައްދާ ކޮމިޝަން އެކުލެވިގެންވާ ގޮތުން އަދި މެންބަރުން ވަކިކުރުމުގެ ބާރު ދީފައި އޮތް ގޮތުން މީޑިއާތައް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ހުރަސްއެޅެ އެވެ.

ނޫސްވެރިން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ އެއްވެސް މައުލޫމާތެއްގެ މަސްދަރު އެއްވެސް މީހަކަށް ހާމަ ކުރުމަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެ ބިލު އެކުލަވާފައިވަނީ އެ ހައްގުވެސް ނިގުޅައިގަނެވޭ ގޮތަށް ކަމަށް ބަޔާނުގައި ވެ އެވެ.

"މީޑިއާތަކަށް ފިޔަވަޅު އަޅާ ގޮތަށް ހިމަނާފައިވާ ބައެއް މާއްދާތަކުގައި ހިމަނާފައި އިބާރާތްތަކީ، ސާފު އިބާރާތްތަކަށް ނުވާތީ، އެ އިބާރާތްތައް ބޭނުން ގޮތަކަށް މާނަކޮށްގެން ނާޖާއިޒު މަންފާ ނެގޭނެ ގޮތަށް ފުރުސަތު ހުޅުވިގެން ދާނެ އެވެ. އަދި މީޑިއާތަކަށް ފިޔަވަޅު އެޅުމުގައި އެއްވެސް ކަހަލަ އަދުލުވެރިކަމެއް ނެތި ފިޔަވަޅު އެޅުމުގެ ދޮރު ހުޅުވި، ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލައެއް ސާބިތު ނުވަނީސް، އެ މީޑިއާއެއް ހުއްޓުވާލުމުގެ ބާރު މި އުފައްދާ ކޮމިޝަނަށް ބިލުން ދީފައިވެ އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެމްސީން ބުނީ، ގާނޫނުއަސާސީގެ ރޫހާ ވެސް ހިލާފަށް އޮތް މި ބިލަކީ، މިނިވަން ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި މިއީ ބުރަ މަސައްކަތުން ހޯދައިފައިވާ ނޫސްވެރިކަމުގެ މިނވަންކަން އެތައް އަހަރެއް ފަހަތަށް ގޮސް، ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ މިހާރު ލިބިފައި އޮތް ދަރަޖަ ވަރަށް ބޮޑަށް ވެއްޓިގެން ދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މީޑިއާ ކޮމިޝަނުގެ ބިލުގައިވާ ގޮތުން ކޮމިޝަނުން މީޑިއާއަކަށް އިސްލާހުކުރަން އަންގާ ކަމެއް އިސްލާހު ނުކޮށްފި ނަމަ 5،000ރ. އާއި 25،000ރ. އިން އެ މީޑިއާއެއް ޖޫރިމަނާ ކުރުމުގެ ބާރު އެބަ އޮތެވެ. އަދި ސުލޫކީ މައްސަލަތަކުގައި މީޑިއާތައް 5،000ރ. އާއި އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް އެބަ އޮތެވެ.

ހަތް މެންބަރުން ހިމެނޭ އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަނު ކުރަން މަޖިލީހަށް ނަން ފޮނުވަނީ ރައީސެވެ. އަދި ބާކީ ހަތަރު މެންބަރުން ހޮވަނީ މީޑިއާތަކުގެ މެދުގައި ނަގާ ވޯޓުންނެވެ. ކޮމިޝަނުގައި ގިނަ މެންބަރުން މީޑިއާތަކުން ނެގި ނަމަވެސް، އެކޮމިޝަނުގެ ރައީސް ކަނޑައެޅުމުގެ ބާރު ވެސް އޮތީ ރައީސަށެވެ.