19 އޯގަސްޓް 2025 - 09:21

މިި އަހަރު މެއި/ޖޫންގައި ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށާނެ އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ކުރި އިއުލާނުގައި ބުނީ އެސްއެސްސީ އަދި ކެމްބްރިޖް އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ މިއަދު މެންދުރު ފަހު 1:00 އިން ފެށިގެން ލިބޭނެ ކަމަށެވެ.
އަމިއްލަ ގޮތުން އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެ ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 1:30 ޑީޕީއީން ދޫކުރާނެ ކަމަށް ވެސް ބުންޏެވެ.
އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ދޫކުރާނީ އައިޑީކާޑު ގެންދިއުމުންނެވެ. ބަދަލުގައި މީހަކު ފޮނުވާ ނަމަ، ދަރިވަރުގެ އައިޑީކާޑާއި ހަވާލުވާ މީހާގެ އައިޑީކާޑު ގެންދަންޖެހެ އެވެ.
އެސްއެސްސީ އާއި ކެމްބްރިޖު އައިޖީސީއެސްސީ އިމްތިހާނު 260 ސެންޓަރަކުން 8،364 ދަރިވަރުން މި އަހަރުގެ އިމްތިހާނުގައި ބައިވެރިވި އެވެ.
މިހާރު ކުރިއަށްދާ ދިރާސީ އަހަރު ގްރޭޑް 10 ކިޔަވާ ކުދިން އޯލެވެލް އިމްތިހާނު ހަދާނީ އަންނަ އަހަރުގެ ފެބްރުއަރީ/ މާޗުގަ އެވެ. އަދި 9 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގަ އެވެ.
މިނިސްޓްރީން ވަނީ އަންނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން އޯ ލެވެލް އިމްތިހާނުތައް ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު/ ނޮވެމްބަރުގައި ބާއްވަން ނިންމައިފަ އެވެ.