18 އޯގަސްޓް 2025 - 13:05

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށް މާލޭގައި ހުންނަ ފުލުހުންގެ ކަސްޓަޑީގައި ބަންދުކޮށްފައި ހުއްޓާ އިއްޔެ މަރުވި ދިވެހި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.
ބަންދުގައި ހުއްޓާ މަރުވީ ގ. ޒާމިއާ، އަހުމަދު އަފްރާހު އެވެ.
އުމުރުން 48 އަހަރުގެ އަފްރާހުގެ ތަހުގީގު ބޭނުމަށް އޭނާ 30 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ހޮނިހިރު ދުވަހު ނެރުނު އަމުރާ ގުޅިގެން އޭނާ ބަހައްޓާފައި ހުރީ އަތޮޅުވެހީގަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އަފްރާހު ބަންދުކޮށްފައި ހުރި ގޮޅި ތެރެއަށް ވެއްޓިފައި އޮއްވައި ފެނުނީ އިއްޔެ ހެނދުނު 5:50 ހާއިރު އެވެ. ހަރަކާތް ހުއްޓިފައި އޮތްކަން ފާހަގަވެގެން، އައިޖީއެމްއެޗަށް އޭނާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެެވެ.
އެ މައްސަލާގައި ފުލުހުން ބުނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަ ށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަކު ޕޯސްޓްމޯޓަކަށް ފޮނުވޭނެ ވަކި ތާރީހެއް އަދި ނޭނގޭ ކަމަށް ބުންޏެވެ.
އަފްރާހް ބަންދުކުރީ މަސްތުވާތަކެއްޗަށް ދެވިހިފައިވާތީ އަވަހަށް ފަރުވާ ދޭން ޖެހޭ މީހަކަށް ވާތީ އެވެ. ކުށުގެ ރެކޯޑު ވެސް އޮންނަ އަފްރާހު ހައްޔަރުކުރި ދުވަހު ކުޑަކަމުދާ ތަކެތި ޓެސްޓު ކުރި ކަމަށާއި އެކި ބާވަތުގެ މަސްތުވާތަކެތި ބޭނުން ކޮށްފައި ހުރި ކަމަށް އެ އިން ދެއްކި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އަފްރާހުގެ މަރުގެ ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަނަށާއި އެންއައިސީއާ ވަނީ ހިއްސާކޮށްފަ އެވެ. އަދި ކަން ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.