17 އޯގަސްޓް 2025 - 15:56

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށް، މާލޭގައި ހުންނަ ފުލުހުންގެ ކަސްޓަޑީގައި ބަންދުކޮށްފައި ހުރި ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ ގ. ޒާމިއާ، އަހްމަދު އަފްރާހު، 48، އެވެ.
އަފްރާހުގެ ތަހުގީގުގެ ބޭނުމަށް އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ މެންދުރު 1:26 ގައި އަމުރު ކުރުމާ އެކު، ބަހައްޓަފައި ހުރީ އަތޮޅުވެހީގަ އެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، އަތޮޅުވެހީގައި އަފްރާހު ބަންދުކޮށްފައި ހުރި ގޮޅި ތެރެއަށް ވެއްޓިފައި އޮއްވައި ފެނުނީ ރޭ ފަތިހު 5:50 ހާއިރު ކަމަށެވެ.
އޭރު ވެސް އޭނާގެ ހަރަކާތް ހުއްޓިފައިވާކަން ފާހަގަ ކުރެވުމުން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
އަފްރާހުގެ ބަންދުގެ އަމުރުގައި ބުނެފައި ވަނީ އޭނާ ބަންދު ކުރީ މަސްތުވާތަކެއްޗަށް ދެވިހިފައިވާތީ އަވަހަށް ފަރުވާ ދޭން ޖެހޭ މީހަކަށް ވާތީ ކަމަށެވެ.
ކުށުގެ ރެކޯޑު ވެސް އޮންނަ އަފްރާހު ހައްޔަރުކުރި ދުވަހު ކުޑަކަމުދާ ތަކެތި ޓެސްޓު ކުރި ކަމަށާއި އެކި ބާވަތުގެ މަސްތުވާތަކެތި ބޭނުން ކޮށްފައި ހުރި ކަމަށް އެ އިން ދެއްކި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އަފްރާހުގެ މަރުގެ ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަނަށާއި އެންއައިސީއާ ވަނީ ހިއްސާކޮށްފަ އެވެ. އަދި ކަން ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.