17 އޯގަސްޓް 2025 - 16:17

ރަސްމާލޭގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ގްރޫޕުން އެތަނަށް މިއަދު ހިނގައްޖެ އެވެ.

ރަސްމާލޭގައި ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ފާހަގަކުރެއްވި ގޮތުގައި، އެއީ ޒަމާނީ ތަރައްގީއާ އެކު، ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ މަތީގައި މިހާރުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތެކެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޖީ ގްރޫޕުން ރަސްމާލެ އަށް ދާން ޖެހުނީ އެ ތަނުގެ ތަރައްގީއާ ބެހޭ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން، ސަރުކާރުން ބުނާ ސްޕީޑުގައި މަސައްކަތް ކުރިއަށް ގެންދޭތޯ ޔަގީން ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި އެންމެހާ ރައްޔިތުންނަށް ވަރަށް ބޮޑު އުއްމީދެއްގައި ރައީސް މުއިއްޒަށް ވޯޓު ދިނީ މި ތަނުން ގެވަޅު ލިބި، ފްލެޓް ލިބި މި ތަނުގައި ދިރިއުޅުމުގެ އުއްމީދުގައި. އަޅުގަނޑު ވެސް ﷲ އިރާދަކުރެއްވިއްޔާ ދިރިއުޅެން އަންނާނީ މި ތަނަށް، މިތަން ނިމުނުހާ އަވަހަކަށް،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަސްމާލެއަކީ ދިވެހިންގެ މުސްތަގުބަލާ ގުޅިފައިވާ ތަނަކަށް ވުމާއި އެ މަސައްކަތަށް ސަރުކާރުން ބޮޑު ހަރަދެއް ކުރާތީ، މަސައްކަތް ކުރިއަށް ގެންދާ ގޮތް މަޖިލިސް މެމްބަރުންނަށް ސާފުވާން ޖެހޭ ކަމަށެވެ.
މައުރޫފް ވިދާޅުވި ގޮތުގައި، ފުށިދިއްގަރު ފަޅު ހިއްކައިގެން ހަދާ ރަސްމާލޭގެ ހިއްކުނީ އަދި އެންމެ ސަތޭކައެއްހާ ހެކްޓަރުގެ ބިމެވެ. އެ ތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރަ އާއި އިނާޔަތްތައް ނުދޭކަން ވެސް ސައިޓުގައި ތިބި މީހުންނާ ސުވާލުކުރުމުން އެނގުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަޒިލް ވިދާޅުވީ ތަރައްގީގެ މި ކަހަލަ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ސަރުކާރުން ނުދޭތީ، އެހެން ގޮތްގޮތުން އެ މައުލޫމާތު ހޯދަން މަޖުބޫރު ވެފައިވާ ކަމަށެވެ.
ނާޒިލް ވިދާޅުވީ މި މަޝްރޫއަށް ފައިނޭންސް ކުރަނީ ކިހިނެއްކަން ސާފުކޮށްދީފައި ނުދޭ ކަމަށާއި ސަރުކާރުން ބުނި ތާރީހުތަކަށް މަސައްކަތް ނުނިންމޭ ކަމަށެވެ. އެކަމަކު، މިހާތަނަށް ދިޔައިރު ރަސްމާލެ ހިއްކުމުގެ އެންމެ 20 ޕަސެންޓު ވެސް ނުނިމޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ރަސްމާލެ އާބާދުކުރާނެ ކަމަށް ސަރުކާރުން ބުންޏަސް އެކަން ނުވާނެ ކަމަށް ނާޒިލް ވިދާޅުވެ އެވެ.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މި ދަތުރާ އެކު، ރަސްމާލޭގެ މަސައްކަތް ސަރުކާރުން އަވަސް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ސްޕީޑު މިހާރަށް ވުރެ އަވަސް ކޮށްގެން ނޫނީ މި ސަރުކާރުގެ ބާކީ އޮތް މުއްދަތުގައި ރަސްމާލޭގައި މީހުން އާބާދު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މި ދަތުރާ ގުޅިގެން މި އަށް ވުރެ އަދި ސްޕީޑު ބާރުކުރާނެ. އެހެންޏާ އެ ކަންކަން ވޭ، އިންތިހާބު ކައިރި ވީމާ އަވަސްވޭ ނޫނީ އަޅުގަނޑުމެން ޕްރޮޖެކްޓެއް ނުހިނގާ ވާހަކަ ކީމަ،" ފިއްޓޭ ވިދާޅުވި އެވެ.
ސަރުކާރުން ބައެއް މީޑިއާތަކުގައި މިއަދު ބުނި ގޮތުގައި، ރަސްމާލެ ތަރައްގީ ކުރުމަށް ފުށިދިއްގަރު ފަޅުން މިހާތަނަށް ވަނީ 129 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ. އެ މަޝްރޫއުގެ ދަށުން ޖުމްލަ 1،150 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމައިފަ އެވެ.
ރައީސް މުއިއްޒު ވަނީ ރަސްމާލެ ތަރައްގީކޮށް އެ ތަނުން 11،000 ގޯއްޗާއި 26،000 އަށް ވުރެ ގިނަ ފްލެޓު ދޫކުރާނެކަން އިއުލާން ކުރައްވައިފަ އެވެ. އެއީ 240،000 އަށް ވުރެ ބޮޑު އާބާދީއަކަށެވެ. ގެދޮރުވެރިކަމުގެ އިތުރުން ވިޔަފާރިތަކާއި އިންޑަސްޓްރިއަލް އެކި ބޭނުންތައް އަދި ޓޫރިޒަމްގެ ތަރައްގީއަށް ވެސް ބިން ދޭނެ އެވެ.
ރަސްމާލެއަކީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ޑިސެމްބަރު 18، 2023 ގައި ތަރައްގީކުރަން ފެށި ތަނެކެވެ. އެ މަސައްކަތް އަށް މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ސަރުކާރުން އަމާޒު ހިފި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަސައްކަތް ވަނީ ލަސްވެފަ އެވެ.
އެޗްޑީސީގެ ބެލުމުގެ ދަށުން ރަސްމާލެ ހިއްކަނީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން އާއި އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް ކުންފުންޏާ ހަވާލުކޮށްގެންނެވެ.