17 އޯގަސްޓް 2025 - 13:24

އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ނަމަށް ބަދަލުކޮށްފައިވާ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާތައް ހަވާލުކޮށްފައިވާ އިދާރާގެ އިސްވެރިޔާގެ ގޮތުގައި އަލަށް އުފެއްދި މަގާމަށް މީހަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކުރި އިއުލާނުގައި ބުނީ އީއާރުއޭގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ބަދަލުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާން ކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އެ އޮތޯރިޓީ ހިންގުމުގެ އެންމެ އިސްވެރިޔަކަށް ޗީފް އެޑްމިނިސްޓްރޭޓަރު ކިޔާ މަގާމެއް އުފައްދަން ރައީސް ނިންމެވި އެވެ.
ސީއެސްސީގެ އިއުލާނުގައި ބުނި ގޮތުގައި، އީއާރުއޭގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ އަސާސީ ޝަރުތުތަކީ؛
1. މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު، ސަރުކާރު، ޕަބްލިކް، ޕްރައިވެޓް، ގައުމީ، ބައިނަލްއަގުވާމީ، ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަ އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
2. މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު؛ ސަރުކާރު، ޕަބްލިކް، ޕްރައިވެޓް، ގައުމީ، ބައިނަލްއަގުވާމީ، ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަތަރު އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
އެ މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500ރ. ކަމަށާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000.00ރ. އާ އެކު ޖުމްލަ 35،500ރ. ލިބޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ކުރިން އީޕީއޭގެ އެންމެ އިސްމަގާމަކީ ޑިރެކްޓަރު ޖެނެރަލެވެ. އެ މަގާމުގައި މިހާރު ހުންނެވީ އިބްރާހިމް ނައީމެވެ.
އާ މަގާމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.
ރައީސް އިއުލާންކުރެއްވި ބަދަލާއެކު، ކުރިން ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގި އެ އިދާރާގެ ހައިސިއްޔަތު ބަދަލުވެ، މިހާރު އެ އިދާރާ ހިންގަނީ ސީދާ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބަދަލު ގެނައީ އީޕީއޭއިން މިހާތަނަށް ކުރަމުން އައި މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށް ވާތީ، އެ އިދާރާއިން ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާ ވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމަށެވެ. އަދި އެ އިދާރާގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގަ އެވެ.