ދިގަށް ރޮނގު ހުންނަ ހެދުމަކުން މީހާ ފެންނާނީ ހިކިކޮށް؟
ދިގަށް ރޮނގު ހުންނަ ހެދުމަކުން މީހާ ފެންނާނީ ހިކިކޮށް؟

އެންމެންހެން މަސައްކަތްކުރަނީ ހަށިގަނޑު ހިކިކޮށް ބަހައްޓާށެވެ. އެކަމަކު މިއީ އެހާ ފަސޭހަ ކަމަކަށް، ގިނަ މީހުންނަކަށް ނުވެ އެވެ. ހަށިގަނޑު ހުންނަ ވަރަށް ވުރެ ހިކިކޮށް ދެއްކުމަށް ބައެއް ސްޓައިލްތަކުގެ ހެދުން ލުމަކީ ވެސް ކޮށް އުޅޭ ކަމެކެވެ. ވަރަށް ކުރިންސުރެ ކިޔައި އުޅޭ ގޮތުގައި، ދިގަށް ރޮނގު ދަމާފައި ހުންނަ ފޮތީގެ ހެދުމެއް ލައިގެން ހުންނަ ނަމަ އެހެން މީހުންނަށް އެ މީހަކު ފެންނާނީ ހިކިކޮށެވެ. މިއީ ތެދެއްހެއްޔެވެ؟

"ސައިކޮލޮޖީ ޓުޑޭ" ގައި މިސާލެއްގެ ގޮތުން ދައްކާފައި ވަނީ ހުރަހަށް ރޮނގު ދަމާފައިވާ ހަތަރެސްކަން ގޮޅިއަކާއި ދިގަށް ރޮނގު ދަމާފައިވާ ހަތަރެސްކަން ގޮޅިއެކެވެ. އެއް ސައިޒެއްގެ މި ދެ ގޮޅިއަށް ބެލުމުން އެނގޭ ގޮތުގައި ހުރަސް ރޮނގުތައް ހުރި ގޮޅި ފެންނަނީ ދިގުކޮށް އަދި ހަނިކޮށެވެ.

އެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މި "އިލޫޝަން" 1925 ވަނަ އަހަރު ދެނެގެންފައި ވަނީ ހާމަން ވޮން ހެލްމޮޒް އެވެ. އޭނާ ގަބޫލުކުރެއްވި ގޮތުގައި މިހެން ހީވަނީ ހުރަސް ރޮނގުތަކެއް ހުރުމުން ގޮޅީގެ ބޮޑު ބައި ފުރިފައި ހުރި ކަމަށް ހީވުމާއި ތިރިން މައްޗަށް ބަލާއިރު ދިގު ކަމަށް ދައްކާތީ އެވެ. މިއާ ޚިލާފަށް ދިގަށް ރޮނގު ހުރި، ހަމަ އެއް ސައިޒުގެ ގޮޅި ފެންނަނީ އަނެއް ގޮޅިއަށް ވުރެ ފަލަކޮށް ކުރުކޮށެވެ.

ހެލްމޮޒް ވަނީ އޭނާގެ މި ހޯދުން ފެޝަންގެ ދާއިރާގައި ތަޖުރިބާކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ. އެގޮތުން، ވަކި ގޮތަކަށް ރޮނގު ހުންނަ ހެދުމެއް ލައިގެން ހުންނަ މީހެއްގެ ބައްޓަން އެހެން ގޮތަކަށް ފެނޭތޯ ނުބަލަ އެވެ. އެހެންވެ ފެޝަން ޑިޒައިނަރުން ވަނީ މި ތިޔަރީ މަސައްކަތްކުރާ މިންވަރެއް ދެނެގަތުމަށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފަ އެވެ. ހިޔާލު ތަފާތު މައްސަލައަކަށްވި އެވެ.

އެކަމަކު 2009 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ދެ ސައިކޮލޮޖިސްޓުން ކަމަށްވާ ޕީޓާ ތޮމްޕްސަން އާއި ކިރިއާކީ މައިކްލިޑޫ ވަނީ ތްރީޑީ އަންހެން މޮޑެލެއް ބޭނުންކޮށްގެން މިކަން ބަލައިފަ އެވެ. އެއް ސައިޒެއްގެ އެއް ބައްޓަމެއްގެ މި ދެ މޮޑެލްގެ ތެރެއިން އެއް މޮޑެލްގައި ބޭނުންކުރީ ހުރަސް ރޮނގު ހުރި ހެދުމެކެވެ. އަނެއް މޮޑެލް އަށް ދިގަށް ރޮނގު ހުރި ހެދުމެކެވެ. ނަތީޖާ ދެއްކީ ހެލްމޮޒް 1925 ގައި ބުނެފައިވާ ގޮތަަށެވެ. ދިގަށް ރޮނގު ހުރި ހެދުން ލެއްވި މޮޑެލް ފެންނަނީ ހިކިކޮށް ލޫޅާފަތިކޮށެވެ.

މި ދިރާސާއިން އެހެން ކަމެއް ވެސް ފާހަގަވި އެވެ. ދިގަށް ރޮނގު ހުރި ހެދުން ލެއްވި މޮޑެލް، ހުރަސް ރޮނގު ހުރި މޮޑެލްއާ އެއް ސައިޒެއްގައި ފެންނަނީ ދިގަށް ރޮނގު ހުރި މޮޑެލްގެ ސައިޒް ހަ ޕަސެންޓަށް ބޮޑުކޮށްލުމުން ކަމެވެ. މާނައަކީ ހުރަސް ރޮނގު ހުންނަ ހެދުމަކުން މީހާގެ ސަައިޒު ހަ ޕަސެންޓް ބޮޑުކޮށް އެހެން މީހުންނަށް ސިފަވުމެވެ.

އެކަމަކު އެހެން ބައެއް ދިރާސާތަކުގައި މީގެ އިދިކޮޅަށް ވެސް ނަތީޖާ ދައްކާފައި އެބަހުއްޓެވެ. އެއީ ހުރަސް ރޮނގުން ހިކިކޮށް ދައްކާ ކަމަށެވެ. އަދި ބައެއް ދިރާސާތަކުގައި ބުނަނީ ހެދުމުގައި ވަކި ގޮތަކަށް ރޮނގު ހުރުމަކުން ހަށިގަނޑުގެ ސިފަ ވަކި ގޮތަކަށް ނުފެންނަ ކަމަށެވެ. އެކަމަކު ގިނަ ދިރާސާތަކުގައި ބުނަނީ ދިގަށް ރޮނގު ހުންނަ ނަމަ ހިކިކޮށް ފެންނަ ކަމަށެވެ. އަދި ކަޅު ކުލައިގެ ހެދުމުން ވެސް މީހާ ހިކިކޮށް ދައްކާ ކަމަށް ދިރާސާތަކުގައި ބުނެ އެވެ.

ރަނގަޅީ ކޮން ދިރާސާއެއްތޯ ބަލަން އަމިއްލަ ތަޖުރިބާއެއް ކޮށްލަމާ ހިނގާށެވެ.