17 އޯގަސްޓް 2025 - 11:53

ބޭރުގެ ގައުމުތަކުގެ މީހުންނަށް ސައުދީ އަރަބިއްޔާގެ ރިއަލް އެސްޓޭޓް ޕްރޮޕަޓީތަކުގެ މިލްކުވެރިކަން ލިބޭ ގޮތަށް ގާނޫނު އިސްލާހުކޮށްފި އެވެ.
ސައުދީގެ ވަޒީރުންގެ މަޖިލީހަށް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ބޭރުގެ ވަކިވަކި ފަރުދުންނާއި، ކުންފުނިތައް އަދި އެންޖީއޯ ފަދަ ޖަމިއްޔާތަކަށް، ވަޒީރުންގެ މަޖިލީހުން ކަނޑައަޅާ ވަކި ސަރަހައްދުތަކެއްގައި ރިއަލް އެސްޓޭޓް ޕްރޮޕަޓީތަކުގެ މިލްކުވެރިކަން ލިބޭނެ އެވެ.
ނަމަވެސް، މައްކާ އާއި މަދީނާ ފަދަ ބައެއް ހާއްސަ ސަރަހައްދުތަކުން ރިއަލް އެސްޓޭޓް ޕްރޮޕަޓީތަކުގެ މިލްކުވެރިކަން ބޭރު މީހުންނަށް ދިނުމުގައި ވަކި ޝަރުތުތަކެއް އާ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ޝަރުތަކީ މައްކާ އާއި މަދީނާގައި ރިއަލް އެސްޓޭޓް ޕްރޮޕަޓީތަކުގެ މިލްކުވެރިކަން ހަމައެކަނި މުސްލިމުންނަށް ލިބޭ ގޮތަށް ހެދުމެވެ.
މިފަދަ މުއާމަލާތްތައް ހިންގާނީ ސައުދީގެ ޖެނެރަލް ރިއަލް އެސްޓޭޓް އޮތޯރިޓީގެ ދަށުންކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
މީގެ ހަ މަސް ދުވަސް ފަހުން އަމަލުކުރަން ފަށާ މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ސައުދީގައި އިންވެސްޓުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް މިހާރަށް ވުރެ ފަހި މާހައުލެއް ގާއިމުކޮށްދިނުން ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.