ރަޖްނީކާތުގެ "ކޫލީ"އަށް ތިން ދުވަހުން 300 ކްރޯޑް ރުޕީސް
ރަޖްނީކާތުގެ "ކޫލީ"އަށް ތިން ދުވަހުން 300 ކްރޯޑް ރުޕީސް

މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކުރި ރަޖްނީކާތުގެ "ކޫލީ"އަށް އެންމެ ތިން ދުވަހުން 300 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، "ކޫލީ"އަށް އިއްޔެ ނިޔަލަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 300 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ. އަދި އެއީ މި އަހަރު މިވަރުގެ ކާމިޔާބީއެއް ހޯދި ހަމައެކަނި ތަމަޅަ ފިލްމެވެ.

އިންޑިއާގެ ސިނަމާތަކުގައި ދައްކައިގެން އެ ފިލްމަށް މިހާތަނަށް ލިބިފައި ވަނީ 187 ކްރޯޑް ރުޕީސް އެވެ.

"ކުލީ" ރިލީޒްކުރުމުގެ ކުރިން ވިއްކި ޓިކެޓްތަކުން ދުނިޔޭގެ ބޮކްސް އޮފީހުގައި އެ ފިލްމަށް 110 ކްރޯޑް ރުޕީސް ލިބުނެވެ.

"ކޫލީ"އަކީ 350-400 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

އެކްޝަން ތުރިލާ އެ ފިލްމަކީ ރަން ވިއްކުމުގެ ވަގު ވިޔަފާރިކުރާ މީހެއްގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ.

"ކޫލީ"އަކީ މި އަހަރު ރިލީޒްކުރާ ރަޖްނީކާންތުގެ ފުރަތަމަ ފިލްމެވެ. އޭނާގެ އެންމެފަހުގެ ފިލްމު، 2023 ވަނަ އަހަރު ގެނެސްދިން "ޖެއިލާ"އަށް 600 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ދުނިޔޭގެ ބޮކްސް އޮފީހުގައި ލިބިފައިވެ އެވެ.

ބޮކްސް އޮފީހުގައި މި ފިލްމާއި ވާދަކުރަނީ މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކުރާ ރިތިކް ރޯޝަން އާއި އެންޓީއާރު ޖޫނިއާ ލީޑު ރޯލު ކުޅޭ ބޮލީވުޑްގެ އެކްޝަން ފިލްމު "ވޯ 2" އެވެ. އެ ފިލްމަށް ފުރަތަމަ ތިން ދުވަހު ވަނީ 100 ކްރޯޑް ރުޕީސް ލިބިފަ އެވެ.