"ސައްޔާރާ"ގެ ކާމިޔާބީއާއެކު އުންމީދަކީ ލޯބީގެ ފިލްމުތައް އިތުރުވުން: ކަރަން
"ސައްޔާރާ"ގެ ކާމިޔާބީއާއެކު އުންމީދަކީ ލޯބީގެ ފިލްމުތައް އިތުރުވުން: ކަރަން

"ސައްޔާރާ"ގެ ކާމިޔާބީއާއެކު އުންމީދަކީ ބޮލީވުޑްގައި އުފައްދާ ލޯބީގެ ފިލްމުތައް އަނެއްކާވެސް އިތުރުވުން ކަމަށް މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ބުނެފި އެވެ.

"ދަ ސްޓްރީމިން ޝޯ ޕޮޑްކާސްޓް"އަށް މިދިޔަ ބުދަ ދުވަހު ދިން އިންޓަވިއުއެއްގައި ކަރަން ބުނީ ބޮލީވުޑްގައި ބޮޑު ބަޖެޓުގެ އެކްޝަން ފިލްމުތައް ހަދާނެ ޑައިރެކްޓަރުން ވަރަށް މަދު ކަމަށެވެ. މިހާރު ވެސް ބޮލީވުޑްގެ ގިނަ އެކްޝަން ފިލްމުތަކަކީ ދެކުނު އިންޑިއާގެ ސިނަމާގެ ޑައިރެކްޓަރުން އުފައްދާ ފިލްމުތައް ކަމަށް އޭނާ ބުންޏެވެ.

ބޮލީވުޑްގައި ބޮޑު ބަޖެޓުގެ އެކްޝަން ފިލްމުތައް ހަދަން ފެށުނީ 2010 ހިސާބުގަ އެވެ. އޭގެ ކުރިން އެންމެ ހިނގީ ލޯބީގެ ފިލްމުތަކެވެ. އެކްޝަން ފިލްމުތަކަށް ލިބުނު ތަރުހީބު ބޮޑުވެ، ދެކުނު އިންޑިއާގެ ވަރަށް ގިނަ ޑައިރެކްޓަރުން ބޮލީވުޑް ފިލްމުތައް އުފެއްދި އެވެ. މިހާރު ވެސް އެންމެ ހިނގަނީ އެ ފިލްމުތަކެވެ.

އެކަމަކު، މިދިޔަ މަހު ރިލީޒްކުރި މޯހިތު ސޫރީގެ ބޮލީވުޑްގެ ލޯބީގެ ފިލްމު "ސައްޔާރާ"އަށް ލިބުނު ކާމިޔާބީ ވަނީ އެ މަންޒަރު އަނެއްކާވެސް ބަދަލުކޮށްލައިފަ އެވެ. ވައިއާރުއެފުން ޕްރޮޑިއުސްކުރި އެ ފިލްމަކީ މިހާރު ތާރީޚުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާގެ ލޯބީގެ ފިލްމެވެ.

މުޅިން އާ އެކްޓަރުން ކަމަށްވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ ލީޑު ރޯލު ކުޅުނު އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 551 ކްރޯޑް ރުޕީސް ލިބިފަ އެވެ.

"މޯހިތު ސޫރީއާ އަހަރެން ބައްދަލުވި އިރު އޭނާ ބުނި ދެކުނު އިންޑިއާގެ ވަރަށް ގިނަ ފިލްމު އުފެއްދުންތެރިން އޭނާއަށް ގުޅި ކަމަށް 'ސައްޔާރާ'އަށް ލިބުނު ކާމިޔާބީގެ ފަހުން. އެކަން އެނގުނީމަ ވަރަށް ހިތްހަމަޖެހުނު، އެއީ މީގެ ކުރިން އަހަރެމެން އެމީހުންނަށް އާންމުކޮށް ގުޅަނީ. އަހަރެމެން އަބަދުވެސް ގުޅާފައި އެމީހުންގެ ފިލްމުތަކުގެ މޮޅު ވާހަކަ މީގެ ކުރިން ދެއްކީ،" ކަރަން ބުންޏެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު ލޯބީގެ ފިލްމުތަކުގެ ތެރޭގައި ކަރަންގެ ފިލްމުތައް ހިމެނެ އެވެ.

"އަހަރެމެންނަކީ އަބަދުވެސް ވަރަށް ރަނގަޅަށް އެކަން [ލޯބީގެ ފިލްމު އުފެއްދުމުގެ ކަންކަން] ކުރަމުން އައި ބައެއް. މިއީ އަނބުރާ އެކަމަށް ދާންވީ ވަގުތު ކަންނޭނގެ، އެ ކަހަލަ ވާހަކަތައް ކިޔައިދޭން. އަހަރެމެންނަކީ އެއް ފިލްމެއްގައި ހުރިހާ ރަހައެއް ހިމަނައިގެން ގެނެސްދޭން އެނގޭ ބައެއް. އެހެންވީމަ، އަހަރެމެން ކުރަން މޮޅު ކަމެއް ކުރުން މާ ރަނގަޅު ކަންނޭނގެ،" ކަރަން ބުންޏެވެ.

ކަރަން ބުނީ "ސައްރާޔާ"އަށް ލިބުނު ކާމިޔާބީއަކީ އާ ހިތްވަރެއް ކަމަށް ދެކި، ބޮލީވުޑްގައި "ބޮލީވުޑްގެ އަސްލު ސްޓައިލު"ގެ ފިލްމުތައް އުފެއްދުން އަލުން ވެސް އިތުރުވާނެ ކަމަށް އޭނާ ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށެވެ.