ޣައްޒާ ސިޓީ ހިފުމުގެ ޕްލޭން ކުރިއަށް، ހޮސްޕިޓަލަކަށް ހަމަލާދީ ހަތް މީހަކު ޝަހީދުކޮށްލައިފި
ޣައްޒާ ސިޓީ ހިފުމުގެ ޕްލޭން ކުރިއަށް، ހޮސްޕިޓަލަކަށް ހަމަލާދީ ހަތް މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ މައި ސިޓީ ކަމަށްވާ ޣައްޒާ ސިޓީ ހިފަން އިޒްރޭލުން ކަނޑައަޅާފައިވާ ޕްލޭން ތަންފީޒުކުރުމަށް ހަމަލާތައް ދެމުން ދާއިރު އެ ސިޓީގެ އަލް އަހްލީ ހޮސްޕިޓަލަށް ހަމަލާދީ ހަތް މީހަކު ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީ ހިފަން މަސައްކަތްކުރާއިރު އެތަނުގެ އާންމުން ގަދަކަމުން އެ ސަރަހައްދުން ނެރެ ދެކުނުގެ ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ވެސް އިޒްރޭލުން ގެންދަނީ ކުރަމުންނެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ހަމަލާތައް ވަރުގަދަކޮށްފައި ވާއިރު ޣައްޒާގައި އާންމުވެފައިވާ ހައިހޫނުކަން އިތުރުވަމުންދާ ކަމަށާއި މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު 11 މީހަކު ހައިހޫނުކަމުގެ ސަބަބުން މަރުވެފައިވާ ކަމަށެވެ. މި އަދަދާ އެކު ހައިހޫނުކަމުގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 251 އަށް އަރައިފަ އެވެ. މީގެ ތެރޭގައި 108 ކުޑަކުދިން ހިމެނެ އެވެ.

ޣައްޒާގެ އެކި ހިސާބުތަކުގައި ދިން ހަމަލާތަކުގައި މަދުވެގެން 40 މީހަކު އިއްޔެ ވެސް ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ވަނީ ބުނެފަ އެވެ.

ޣައްޒާ ސިޓީ ހިފައި މުޅި ޣައްޒާ އިޒްރޭލުގެ ބާރުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ފަށާފައި ވާއިރު އިޒްރޭލުގެ ތެލް އަވީވްގައި އިއްޔެ ވެސް ވަނީ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކޮށްފަ އެވެ. އިޒްރޭލުގެ އާންމުން ގެންދަނީ ހަމަލާތައް ހުއްޓުމަކަށް ގެނެސް، ހަމާސްގެ އަތްދަށުވެފައި ތިބި އިޒްރޭލުގެ އަސީރުން މިނިވަންވާނެ އެއްބަސްވުމަކަށް އަވަހަށް ދިއުމަށް ގޮވާލަމުންނެވެ.

އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ހަމަލާ ދެމުން ދާއިރު މިހާތަނަށް ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު ވަނީ 61،827 އަށް އަރައިފަ އެވެ. މިދިޔަ 22 މަސް ދުވަސް ތެރޭ 155،000 އަށް ވުރެ ގިނަ މީހުން ވަނީ ހަމަލާތަކުގައި ޒަހަމްވެފަ އެވެ.