ކުޑަކުދިންނަށް ނުރައްކާ ބޮޑުކަމުން ގަތަރުގައި ރޯބްލޮކްސް މަނާކޮށްފި
ކުޑަކުދިންނަށް ނުރައްކާ ބޮޑުކަމުން ގަތަރުގައި ރޯބްލޮކްސް މަނާކޮށްފި

މަޝްހޫރު ގޭމް ޕްލެޓްފޯމް ރޯބްލޮކްސް އިން ކުޑަކުދިންނަށް ކުރިމަތިވާ ނޭދެވޭ ކަންކަމަށް ބަލައި ގަތަރުގައި އެ ޕްލެޓްފޯމް ބްލޮކް ކޮށްފި އެވެ.

ގަތަރުގައި އޮންލައިން އެޕް ސްޓޯރުތަކުން ރޯބްލޮކްސް ޑައުންލޯޑްކުރެވޭ ގޮތަށް އަދިވެސް ހުރި ނަމަވެސް ހޯމް ސްކްރީނުން ބޭރަށް ނުދެވި އަރަނީ "ނޯ ނެޓްވޯކް" ކަމަށެވެ. އަދި ގޭމުގެ ވެބް ވާޝަނަށް ވަންނަން އުޅުމުން "ދިސް ސައިޓް ކާންޓް ބީ ރީޗްޑް" ކަމަށް އަރަ އެވެ.

މިކަމާ ބެހޭ ގޮތުން ގަތަރުގެ ކަމާބެހޭ އިދާރާތަކުން އަދި ރަސްމީކޮށް ވާހަކަ ދައްކައިފައެއް ނުވެ އެވެ. އެކަމަކު ގޭމު ބްލޮކް ވެފައި މި ވަނީ ރޯބްލޮކްސްގައި ކުޑަކުދިންނަށް ނޭދެވޭ ކަންކަން ހިމެނުމާއި ކުޑަކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ނޭދެވޭ ކަންކަން ކުރާ މީހުންނާ މުއާމަލާތުކުރެވޭ މައްސަލައިގައި ފިޔަވަޅު އަޅަން ގަތަރުގައި ގޮވާލާ އަޑު ގަދަވެފައި ވަނިކޮށެވެ.

ވާޗުއަލް ދުނިޔެތައް އުފައްދައި އެކްސްޕްލޯކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޕްލެޓްފޯމެއް ކަމަށްވާ ރޮބްލޮކްސް އަށް ބެލެނިވެރިންގެ އިތުރުން އޮންލައިން ސޭފްޓީއަށް ވަކާލާތުކުރާ ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެ މީހުން ބުނާ ގޮތުގައި ނުރަނގަޅު ކޮންޓެންޓާއި އެކްސްޕްލޮއިޓޭޝަންގެ ޝިކާރައަކަށް ކުދިން މީގެ ތެރެއިން ހުށަހެޅެ އެވެ. ޗައިނާ، ތުރުކީ އަދި އޮމާން ފަދަ ބައެއް ގައުމުތަކުން މިހާރު ވެސް ވަނީ އެ ޕްލެޓްފޯމް މަނާކޮށްފަ އެވެ.

ރޮބްލޮކްސް އަކީ ދުވާލެއްގެ މައްޗަށް 88.9 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ، އެންމެ ބޮޑު އޮންލައިން ގޭމިން ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. ދުނިޔޭގެ ބޮޑެތި ބްރޭންޑްތަކުން ވެސް އަންނަނީ އެ ޕްލެޓްފޯމް ބޮޑެތި ކެމްޕެއިންތަކުގައި ބޭނުންކުރަމުންނެވެ.