16 އޯގަސްޓް 2025 - 12:29

އަދުލުއިންސާފަށް ހުރަސްއެޅުމުގެ ދައުވާއަށް އިއުތިރާފުވެފައިވާ، ހޮޓެލް ވިޔަފާރީގައި މަޝްހޫރު އަދި ރާއްޖޭގައި ވެސް ރިސޯޓްތައް ހިންގާ ބިލިއަނަރު އޮންގް ބެންގް ސެންގަށް ޖަލު ހުކުމެއްގެ ބަދަލުގައި ކުޑަ ޖޫރިމަނާއެއްގެ ހުކުމެއް އިއްޔެ އިއްވައިފި އެވެ.
ކުށަށް އިއުތިރާފުވިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން އިއްޔެ އަދަބު ކަނޑައެޅުމަށް ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ނިންމެވީ 79 އަހަރުގެ އޮންގް 30،000 ސިންގަޕޫރު ޑޮލަރު (23،400 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކުރުމަށެވެ.
އޮންގް ކުށަށް އިއުތިރާފުވި އަޑުއެހުމުގައި އޭނާގެ ވަކީލުން އޮންގަށް، ފަސޭހަ ނުވާ ބާވަތެއްގެ ކެންސަރެއް ޖެހިފައިވާ ކަމަށާއި އެހެންވެ ޖަލުގައި ހުންނަން ޖެހިއްޖެ ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބުނެފަ އެވެ. އެހެންވެ ޖަލު ހުކުމެއްގެ ބަދަލުގައި ބޮޑު ޖޫރިމަނާއެއް ކުރިޔަސް މައްސަލައެއް ނެތް ކަމަށް ދިފާއުން ބުންޏެވެ.
ސިންގަޕޫރަށް "ފޯމިއުލާ ވަން" ގެނައުމުގައި އެހީތެރިވި އޮންގުގެ މައްޗަށް ދައުވާކުރީ މިދިޔަ އަހަރު ސިންގަޕޫރުގެ އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އިސްވަރަންގެ މައްޗަށް ޖަލު ހުކުމެއް އައި ކޮރަޕްޝަންގެ މައްސަލައިގެ ތެރެއިންނެވެ. ސިންގަޕޫރުގައި އުޅޭ މެލޭޝިއާގެ މަހުޖަނެއް ކަމަށްވާ އޮންގުގެ މައްޗަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދައުވާ އުފުލީ ރިޝްވަތުގެ ތަހުގީގެއްގައި ހެކި ފޮރުވުމަށް އެސް އިސްވަރަން އަށް އެހީތެރިވެދިން މައްސަލައިގަ އެވެ.
ތަހުގީގުން ހާމަވެފައިވާ ގޮތުގައި 2017 ވަނަ އަހަރުގެ ސިންގަޕޫރު ފޯމިއުލާ ވަން ގްރޯން ޕްރީގެ ޓިކެޓާއި ޕްރައިވެޓް ޖެޓެއްގެ ދަތުރުތަކާއި ބިޒްނަސް ކްލާހުގެ ދަތުރުތަކާއި ލަގްޒަރީ ހޮޓަލެއްގައި ހުރުމަށް ހަރަދުކޮށްދިނުން ފަދަ އަގުބޮޑު ހަދިޔާތައް އޮންގް ވަނީ އިސްވަރަން އަށް ދީފަ އެވެ.