ކުޅިވަރުގެ ސްކޮލާޝިޕްތަކުގެ ބޭނުން ނުހިފި އިސްރާފަކަށް، ގިނަ އެތުލީޓުން "ގެއްލިއްޖެ"
ކުޅިވަރުގެ ސްކޮލާޝިޕްތަކުގެ ބޭނުން ނުހިފި އިސްރާފަކަށް، ގިނަ އެތުލީޓުން "ގެއްލިއްޖެ"

ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރުގައި ވެސް ވިދާލާނެ ކަމަށް، ގިނަ ބަޔަކު އުއްމީދު ކުރި ޒުވާން ދުވުންތެރިޔާ މަރިޔަމް ރޫޔާ އަލީ އަށް މިދިޔަ އަހަރު ލިބުނު ޓްރޭނިން ސްކޮލާޝިޕްގައި އޭނާ އުދުހިގަތީ އެވެ. ރާއްޖޭގެ އެހެން ދުވުންތެރިޔަކަށް އޭނާ އަތު ނުލެވޭހާ ބާރުމިނުގަ އެވެ.

ކުޅިވަރުގެ ސްކޮލާޝިޕްތަކުގެ ބޭނުން ނުހިފި އިސްރާފަކަށް، ގިނަ އެތުލީޓުން "ގެއްލިއްޖެ"
ކުޅިވަރުގެ ސްކޮލާޝިޕްތަކުގެ ބޭނުން ނުހިފި އިސްރާފަކަށް، ގިނަ އެތުލީޓުން "ގެއްލިއްޖެ"

ޓްރޭނިން ސްކޮލާޝިޕްގައި ރޫޔާ ތަމްރީނު ފެށީ ސްޕްރިންޓް ލެޖެންޑް މަޝްހޫރު އުސައިން ބޯލްޓް ނިސްބަތްވާ ޖެމެއިކާގަ އެވެ. އެ ގައުމުގެ އެތުލެޓިކްސް އެޑްމިނިސްޓްރޭޓިވް އެސޯސިއޭޝަނުގެ މުބާރާތްތަކުގައި މިދިޔަ އަހަރުގެ މޭ މަހު ވާދަކޮށް، ރާއްޖޭގެ 100 މީޓަރުގެ ސްޕްރިންޓް ރެކޯޑް ދެ ފަހަރަށް މުގުރައިލި އެވެ. އުނދަގޫ އެ ރެކޯޑް އޭނާ އެންމެ ފަހުން މުގުރައިލީ 12 ސިކުންތަށް ވުރެ އަވަހަށެވެ. ރޫޔާ ހޯދަމުން އައި ކުރިއެރުންތަކާ އެކު ރާއްޖޭގެ އެތުލެޓިކްސްގެ ތަޖުރިބާކާރުން އުއްމީދު ކުރީ ސްޕްރިންޓުން ރާއްޖެ އަށް ރަން މެޑަލް ގެނެސްދޭނެ ފުރަތަމަ އަންހެން ދުވުންތެރިޔާ އަށް ރޫޔާ ވާނެ ކަމަށެވެ.

ކުޅިވަރުގެ ސްކޮލާޝިޕްތަކުގެ ބޭނުން ނުހިފި އިސްރާފަކަށް، ގިނަ އެތުލީޓުން "ގެއްލިއްޖެ"
ކުޅިވަރުގެ ސްކޮލާޝިޕްތަކުގެ ބޭނުން ނުހިފި އިސްރާފަކަށް، ގިނަ އެތުލީޓުން "ގެއްލިއްޖެ"

އެކަމަކު، މިހާރު އޭނާ ކޮބާ ހެއްޔެވެ؟ ވާދަވެރި ރޭސްތަކުން ނުފެނެ އެވެ. އެތުލެޓިކްސްގެ ޓްރެކުން ރޫޔާ ގެއްލިއްޖެ އެވެ. އުއްމީދީ އެތުލީޓަށް ލިބުނު ސްކޮލާޝިޕްގައި އޭނާ ހޯދި ކުރިއެރުން ފަހަތަށް އޮބާލައިފި އެވެ.

ކުޅިވަރުގެ ސްކޮލާޝިޕްތަކުގެ ބޭނުން ނުހިފި އިސްރާފަކަށް، ގިނަ އެތުލީޓުން "ގެއްލިއްޖެ"
ކުޅިވަރުގެ ސްކޮލާޝިޕްތަކުގެ ބޭނުން ނުހިފި އިސްރާފަކަށް، ގިނަ އެތުލީޓުން "ގެއްލިއްޖެ"

މިއީ އެންމެ އެތުލީޓެއްގެ ވާހަކަ އެވެ. އެކި އިދާރާތަކުން ސްޕޮންސާޝިޕްގެ ގޮތުގައި ސްޕޯޓްސް ޓްރޭނިން ސްކޮލާޝިޕް ލިބުނު ދުވުންތެރިން، ފެތުންތެރިން، ކުޅުންތެރިން ގެއްލުނީ އެވެ. މައްސަލައަށް އެޑްރެސް ނުކުރެވުނެވެ.

ކުޅިވަރުގެ އިސް ހިންގުންތެރިޔަކު ވިދާޅުވިގޮތުގައި އެހެން ވާން ޖެހުނީ ކުޅިވަރު ސްކޮލާޝިޕް މޮނިޓާ ނުކުރެވުމުންނެވެ. ހަރުދަނާ އުސޫލުތަކެއްގެ ތެރެއަށް ނުފެއްތުމުންނެވެ.

ރިޓާޔާ ކުރަން ތައްޔާރަށް ތިބި އެތުލީޓުންނަށް ވެސް ސްކޮލާޝިޕް ދީފައި އެބަހުއްޓެވެ. ބައެއް އެތުލީޓުން މިހާރު ރިޓާޔާ ވެސް ކޮށްފި އެވެ. މިއީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއަށް ނުފެއްތި އޮތުމުން ދިމާވާ މައްސަލަ އެވެ.

ކުޅިވަރުގެ އިސް ހިންގުންތެރިޔާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ކުޅިވަރު ޓްރޭނިން ސްކޮލާޝިޕް ޕްރޮގްރާމް "އަރުތަ" އިގެ ފުރަތަަމަ ދުވަސްކޮށް އެ ޕްރޮގްރާމް ދިޔައީ ރަނގަޅަށެވެ. އެކަމަކު އެ ސަރުކާރުގެ ދައުރު ނުނިމެނީސް، ގެނައި ބަދަލުތަކާ އެކު ބޮއްސުންލީ އެވެ.

ކުޅިވަރުގައި މަސައްކަތް ކުރާ އެހެން ބޭފުޅަކު ވިދާޅުވީ "އަރުތަ" ބަދަލުވީ ފަސޭހައިން ބޭނުން ގޮތަށް ކުޅެލޭވެ އެއްޗަކަށެވެ. އޭނާ ތުހުމަތު ކުރި ގޮތުގައި ބައެއް އެތުލީޓުންނަށް އަރުތައިގެ ސްކޮލާޝިޕް ދިނީ ނުފޫޒު ގަދަ މީހުންގެ ދަރިންނަށް ބަލައިގެންނެވެ.

"މުއްސަނދިންގެ ދަރިންގެ ކިބައިގައި ވެސް ޕޮޓެންޝިއަލް ހުރިއްޔާ ހަމަ ދޭންވީ. އެކަމަކު އެބަހުރި ސްކޮލާޝިޕް ދީފައި، ނުފޫޒު ގަދަ މީހެއްގެ ދަރިޔަކު އެއް މުބާރާތަކުން މާ ރަނގަޅަށް ޕާފޯމް ކުރީމާ. އެކަމަކު ދެން ޖެހިގެން އަންނަ މުބާރާތުގައި ޕާފޯމެއް ނުކުރެވުނު،" އޭނާ ބުންޏެވެ.

"ދެން އަނެއްކާ ނުފޫޒު ގަދަ އަނެއް ބެލެނިވެރިޔާ ގުޅާފައި އެބަ ބުނޭ. 'ބަލަ އޭނާ އަށް ވުރެ ރަނގަޅު ކުދިން ތިއްބައި ފުރަތަމަ ވެސް އޭނަ އަށް ހޭ ދޭންވީ.' އާނ.. ދެން އެ ދިނީ އެ ގުޅި މީހާގެ ދަރިޔަށް. މިހެން ދިޔަ ކަމަކަމަށް އަރުތަ ވީ."

ކުރިން ވާހަކަ ދެއްކި ކުޅިވަރުގެ އިސް ހިންގުންތެރިޔާ ވިދާޅުވި ގޮތުގައި އަރުތައިގެ ސްކޮލާޝިޕް އެސޯސިއޭޝަނަށް ނޭނގި އެ ކުޅިވަރު ނިސްބަތްވާ އެތުލީޓަށް ދޭން ނިންމާފައި ވެ އެވެ.

"އެސޯސިއޭޝަނުން ބުނާ ބައެއް ކުދިންނަށް ނުދޭ ވާހަކައެއް ނޫން. އެކަމަކު ބައެއް ފަހަރު އެބަހުރި އެސޯސިއޭޝަނާ ނުބައްސައި ދީފައި އެސޯސިއޭޝަނަށް މި ފޮނުވާނީ ފައިސާ، މިވެނި އެތުލީޓަކަށް އަރުތަ ދޭން ނިންމާފައިވާ ކަމަށް ބުނެ. އެހެންވީމާ އެ އެތުލީޓަށް އެ ފައިސާ ހަރަދު ކުރާށޭ ކިޔާފައި. އޭރު އެސޯސިއޭޝަނަކަށް ނޭނގޭ މިވެނި ކުއްޖާ އަށް ސްކޮލާޝިޕް ދޭން ނިންމި ކަމެއް ވެސް،" އޭނާ ވިދާޅުވި އެވެ.

ސްކޮލާޝިޕްގައި ފޮނުވާނެ އެތުލީޓުން ކަނޑައެޅުމުގައި އެންމެ ރަނގަޅު އެތުލީޓުން ކުޅިވަރުގެ އިދާރާތަކަށް ދެނެނުގަނެވޭކަން އެތުލެޓިކްސް ކޯޗަކު ފާހަގަކުރި އެވެ. އޭނާ ބުނީ ގިނަ ފަހަރު އެންމެ އުއްމީދީ އެތުލީޓް ބަހައްޓާފައި އެސޯސިއޭޝަނުން ފޮނުވަނީ އެސޯސިއޭޝަނުގެ ކޯޗުންގެ "ފޭވަރިޓް އެތުލީޓް" ކަމަށެވެ.

"ބޮޓްސްވާނާގައި ޖެމެއިކާގައި ޓްރޭނިން ހެދި އިރު ވެސް އިމްޕްރޫވެއް ނުވޭ. ކުޅުދުއްފުށީގެ ވެލި ޓްރެކްގައި ތަމްރީނު ހަދާ އެތުލީޓް އެއްވަނަ އެބަ ހޯދާ ސްކޮލާޝިޕްގައި ބޮޓްސްވާނާ އަށް މޮރޮކޯ އަށް އިންޑިއާ އަށް ޖެމެއިކާ ފޮނުވި އެތުލީޓް ބީޓްކޮށްލާފައި،" ތަޖުރިބާކާރު އެތުލެޓިކްސް ކޯޗު ބުންޏެވެ.

އޭނާ ބުނީ ސްކޮލާޝިޕްގައި ތަމްރީނުތަކަށް އެތުލީޓުން ފޮނުވުމަށް ފަހު، ވާނުވާ އެސޯސިއޭޝަނުން ނުބަލާ ކަމަށެވެ.

"އެ ކުދިންނަށް ރަނގަޅަށް ޓްރޭނިން ފޯރުކޮށްދޭތޯ ވެސް ނުބަލާ. ޖެމެއިކާއޭ ބޮޓްސްވާނާއޭ ބުނީމަ ދެން ރަނގަޅުވާނެ ކަމަށް ގަބޫލު ކޮށްގެން ތިބެނީ. އެކަމަކު އެތުލީޓުންގެ ފެންވަރަށް ކުރިއެރުމެއް ނާދޭ،" އޭނާ ބުންޏެވެ.

އިންޑިވިޖުއަލް ޓްރޭނިން ސްކޮލާޝިޕްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެތުލީޓަކީ، ދުވުންތެރިޔާ ހަސަން ސާއިދެވެ. އޮލިމްޕިކްސްގެ މަރުހަލާއެއް ކާމިޔާބު ކުރި ދިވެހި ދިވެހި ފުރަތަމަ އެތުލީޓަކީ އޭނާ އެވެ. ރާއްޖޭން ވާދަކުރާ ގޭމްސްތަކުގެ ތެރެއިން ދެ ގޭމްސްއިން ރަން މެޑަލް ހޯދި އެވެ.

ދުނިޔޭގެ އޮލިމްޕިކް ކައުންސިލުގެ ސްކޮލާޝިޕްގައި ޖެމެއިކާގައި ސާއިދު ހޯދި ކުރިއެރުން އެހެން އެތުލީޓުންނަށް ތަކުރާރު ނުކުރެވުނެވެ.

ދިވެހި ފުރަތަމަ އޮލިމްޕިކްސް ޓީމުގެ ހިމެނުނު އޭރުގެ އެއްވަނަ ދުވުންތެރިޔާ ޑރ. ހުސައިން ހަލީމް (ކުޑަ ހުސެން) ބުނީ ސާއިދުގެ ޓްރޭނިން ސްކޮލާޝިޕް ކާމިޔާބުވީ، އޭނާގެ ވެސް މަސައްކަތާއި އޮލިމްޕިކް ކޮމިޓީން ވެސް އޭނާގެ ޓްރޭނިން ގާތުން ބެލުމުން ކަމަށެވެ.

"ސާއިދު ވެސް ޑިސިޕްލިން ވީމަ އޭގެ ފައިދާ ފެނުނުނީ. އަދި އޮލިމްޕިކް ކޮމިޓީން ވެސް ވަރަށް ގާތުން އޭނާ އަށް ހާއްސަ ސަމާލުކަމެއް ދިގެން އޮބްޒާވް ކުރި،" ހުސައން ބުންޏެވެ.

ނަމަވެސް ސާއިދުގެ ޓްރޭނިން ސްކޮލާޝިޕްގެ ހަތަރު އަހަރު ނިމުމުން ރާއްޖޭގެ ކުޅިވަރު އިދާރާތަކުން އޭނާގެ އަތުން ދޫކޮށްލި އެވެ. އައިސީސީގެ ޓްރޭނިން ސްކޮލާޝިޕް ނިމުމުނު ފަހުން ސަރުކާރުގެ ހަރަދުގައި ބޭރުގެ ތަމްރީނުތަކަށް ދިގު މުއްދަތަކަށް ސާއިދު އަނެއްކާވެސް ފޮނުވާލެވުނު ނަމަ އެ އަށް ވުރެ ބޮޑެތި ކާމިޔާބު ވެސް އޭނާ އަށް ހޯދުނީސްކަމަށް ކުޅިވަރުގެ ތަޖުރިބާކާރުން ދެކެ އެވެ.

ސްކޮލާޝިޕްގައި އެތުލީޓަށް ހަރަދު ކުރަން އެސޯސިއޭޝަނުގެ އެކައުންޓަށް ޖަމާކުރާ ފައިސާ މިސް މެނޭޖްކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ބައެއް އެސޯސިއޭޝަންތަކަށް އަމާޒުވެފައި ވެ އެވެ. އަރުތަ އާއި ކުޅިވަރުގެ އެހެނިހެން ސްކޮލާޝިޕްތައް ވެސް ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. އަރުތައިގެ ސްކޮލާޝިޕްގެ އިތުރުން އެހެން އިދާރާތައް މެދުވެރިކޮށް ވެސް ދޭ ސްކޮލާޝިޕަށް އެތުލީޓުން ނެގުމަށް ކޮމިޓީއެއް އޮތުން މުހިންމުކަން ކުޑަ ހުސައިން ފާހަގަ ކުރި އެވެ.

"ކުޅިވަރު ބެކްގްރައުންޑް އަދި ކުޅިވަރު ދާއިރާއިން ކިޔވައިގެން ތިބި، މިސާލަކަށް ރައްޒާގު [ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުރައްޒާގު އިބްރާހިމް]. ހާނިމްމެން ކަހަލަ ބޭފުޅުން،" އެކަމަށް ހާއްސަކޮށް ކޮމިޓީއެއް އުފައްދާ ނަމަ ކޮމިޓީގެ މަސްއޫލިއްޔަތުގެ ގޮތުގައި ކުރެވިދާނެކަންކަން ކުޑަ ހުސައިން ކިޔައި ދިނެވެ.

"އެ ކޮމިޓީން ޖެހޭނެ އޮބްޒާވް ވެސް ކުރަން، އެތުލީޓުންގެ ޓްރޭނިން ދާ ގޮތް. ސްކޮލާޝިޕްތަކަށް އެތުލީޓުން ނެގުމުގައި އުސޫލުތަކެއް ވެސް އެކުލަވާލަން ޖެހޭނެ."

ސްކޮލާޝިޕް ދިނުމުގައި އުސޫލުތަކުގެ ގޮތުގައި ހިމަނަން ޖެހޭ ކަމަށް އޭނާ އަށް ފެންނަ ކަންކަން ވެސް ކުޑަ ހުސައިން ކިޔައި ދިނެވެ.

"ކުއްޖަކަށް ނުކިޔެވޭ ގޮތަކަށް އެއްވެސް ކުއްޖަކު ޓްރޭނިން ސްކޮލާޝިޕަށް ނުފޮނުވަންވީ. ސްކޮލާޝިޕްގައި ފޮނުވާ ގައުމުތަކުގައި ކިޔެވެން ހުރިތޯ އެ ކަމަށް ހާއްސަކޮށް އުފައްދާ ކޮމިޓީން ބަލަން ވެސް ޖެހޭނެ. އެފަދަ ފުރުސަތުތައް ހުރި ގައުމަކަށް ފޮނުވަން ޖެހޭނީ ވެސް،" ހުސައިން ބުންޏެވެ.

އޭނާ ބުނިގޮތުގައި، ކިޔަވަން ފުރުސަތު ލިބޭ ގޮތަށް ޓްރޭނިން ސްކޮލާޝިޕްގައި ޒުވާން އެތުލީޓުން ފޮނުވަން ޖެހޭނީ އެ ކުއްޖެއްގެ މުޅި ދިރިއުޅުން ކޮޅަށް ނަގައިދިނުމަށްޓަކަ އެވެ.

އެކަމަކު ބޭރުގައި ކިޔަވަމުން، ކުޅިވަރުގެ ތަމްރީނުތަކަށް އިސްކަން ދެވިދާނެތޯއާ މެދު ސުވާލު އުފެއްދީ ކުރިން ވާހަކަ ދެއްކެވި ކުޅިވަރުގެ އިސް ހިންގުންތެރިޔާ އެވެ.

އޭނާ ވިދާޅުވީ ސްޕޯޓްސް ޓްރޭނިން ސްކޮލާޝިޕް ނަމަ އިސްކަން ދޭން ޖެހޭނީ ތަމްރީނުތަކަށެވެ.

"މިހާރު ވެސް ފުލްޓައިމްކޮށް ބޭރުގައި ކިޔަވަމުންދާ ކުދިންނަށް އެބަ ހުރި ޓްރޭނިން ސްކޮލާޝިޕް ދީފައި. އެކަމަކު އެ ކުދިންނަކަށް ތަމްރީނުތަކެއް ގަވާއިދަކުން ނުހެދޭ،" އޭނާ ވިދާޅުވި އެވެ.

ކުޅިވަރުގެ ތަޖުރިބާކާރު އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ކުޅިވަރުގެ ތަމްރީނު ސްކޮލާޝިޕް ރަނގަޅު ކުރެވޭނީ ސްޕޯޓްސް މިނިސްޓްރީ ވެސް ހަރުދަނާ ވެގެންނެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމުތައް މަދުކުރުން ހިމެނެ އެވެ.

"އެކަމަކު އެ މަގާމުތަކުގައި ތިބި ކިތައް މީހުންނަށްތޯ ކުޅިވަރު އެޑިއުކޭޝަނާއި ނޮލެޖް ލިބިފައި ހުރީ. އޭގެ ތެރޭގައި ވެސް ގާބިލު ބޭފުޅުން ނެތެކޭ ނޫން. އެކަމަކު ގިނަ މީހުންގެ ހާލަތު މި ބުނީ،" އޭނާ ބުންޏެވެ.

"އެހެންވީމަ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ސްޓްރޯންގް ސްޕޯޓްސް މިނިސްޓްރީއެއް ބިނާ ކުރުން. އޭރުން ތިބުނި މައްސަލަ ވެސް ހައްލު ވާނީ."

ކޮންމެ ސްކޮލާޝިޕަކީ ވެސް ގައުމުގެ ކުރިމަގަށްޓަކައި މީހުން ބިނާކުރަން ދައުލަތުގެ ފައިސާ އިން ކުރާ ބޮޑު އިންވެސްޓެކެވެ. އެކަމަކު ކުޅިވަރުގެ މި ސްކޮލާޝިޕްތައް ހަރުދަނާ ނުކުރެވުމުން އެތުލީޓުންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެ އެވެ.

ސްކޮލާޝިޕެއްގައި ބޭރަށް ފޮނުވި އެތުލީޓުން ކުޅިވަރު ދޫކޮށްލާފައި ކުޅިވަރުގެ ދަނޑުން ފައިބައިގެން ގޮސްފައި ވުމަކީ ވަކިން ކުޑަ ދެރައެއް ނޫނެވެ. އެހެންވެ، ސްކޮލާޝިޕްތަކަށް ކުރި ހޭދަ ވެސް ވީ ބޭކާރު އެއްޗަކަށެވެ. އޭގެ ބަދަލު ވެސް ހޯދޭނެ ގޮތެއް ނެތެވެ. މިކަން އިސްލާހުކޮށް ހަރުދަނާ ކުރަން ޖެހެ އެވެ. އެހެން ނޫނީ ކުޅިވަރު ދާނީ ހަމަ ފަހަތަށެވެ.