ކައްދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން ދުވަސްވީ މީހާ މަރުވެއްޖެ
ކައްދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން ދުވަސްވީ މީހާ މަރުވެއްޖެ

ލ. ކައްދޫގައި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެން މީހާ މަރުވެއްޖެ އެވެ.

މިރޭ 7:30 ވާން އުޅެނިކޮށް އެ އެކްސިޑެންޓު ހިނގީ ކައްދޫ އެއާޕޯޓު ކައިރިން ޒިބްރް ކްރޮސް އިން މަގު ހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ.

އެ ހާދިސާގައި ފަރުދާދެމުން އައީ ގަވާއިދުން މަގު ހުރަސް ކުރަން އުޅުނު އުމުރުން ދުވަސްވީ އަންހެންމީހާ އާއި އޭނާގެ މާމަ ދަރިފުޅުގެ އިތުރުން ސައިކަލު ދުއްވަން އިން ފިރިހެން މީހާ އާއި އެ ސައިކަލު ފަހަތުގައި އިން އަންހެން މީހާ އަށެވެ.

އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން އަންނަނިކޮށް، ލ. މާވަށު، މަރިޔަމް މޫސާ މީގެ ކުޑައިރުކޮޅެއް ކުރިން މަރުވެފައިވާ ކަމަށް މާވަށު ކައުންސިލް ރައީސް އަހުމަދު މޫސާ "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.

އެކްސިޑެންޓުގައި އަނިޔާވި ބާކީ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ނަމަވެސް އެ މީހުންގެ އުމުރާއި ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.