15 އޯގަސްޓް 2025 - 14:48

ބޮލީވުޑްގެ އެކްޓްރެސް ބިޕާޝާ ބާސޫއަށް މަލާމާތް ރައްދުވާ ގޮތަށް އޭނާގެ ހަށިގަނޑަށް ފާޑުކިޔާފައިވާ ބޮލީވުޑްގެ އެކްޓްރެސް މުރްނާލް ޓާކުރް އެކަމަށް އިއްޔެ މާފަށް އެދިއްޖެ އެވެ.
މުރްނާލް މަޝްހޫރުވި ހިންދީ ޑްރާމާ "ކުމްކުމް ބާގްޔާ" ކުޅުނު ދުވަސްވަރު އޭނާ އާއި އެ ޑްރާމާގެ އެހެން އެކްޓަރާއެކު މީޑިއާއަކަށް ދީފައިވާ އިންޓަވިއުއެއްގެ ތަންކޮޅެއް ވައިރަލްވީ މިދިޔަ ހަފުތާގަ އެވެ.
ކަސްރަތު ކުރުމާ ގުޅޭ ގޮތުން އެ އިންޓަވިއުގައި އެ ދެމީހުންގެ މެދުގައި ދެކެވުނު ވާހަކައެއްގެ ތެރެއިން އޭނާ ވަނީ ބިޕާޝާގެ ހަށިގަނޑު ހުންނަ ގޮތަށް ފާޑުކިޔައިފަ އެވެ.
"ކަލޭ ބޭނުންވަނީ 'މަސްކިއުލާ'ކޮށް ހުންނަ އަންހެން ކުއްޖަކާ އިންނަންތަ؟ އެހެންވިޔާ ގޮސް ބިޕާޝާއާ އިނދޭ. ބުނަން، އަހަރެން ބިޕާޝާއަށް ވުރެ މާ ރަނގަޅު ވާނެ، އޯކޭ،" މުރްނާލް ބުންޏެވެ.
މި ވީޑިއޯ ވައިރަލްވުމުން ގިނަ ބަޔަކު ވަނީ މުރްނާލަށް ފާޑުކިޔައިފަ އެވެ. އެއީ، މުރްނާލަކީ "ބޮޑީ-ޝޭމިން"އާ ދެކޮޅަށް ވަރަށް ގިނައިން ވާހަކަދައްކާ މީހަކަށްވެ ހުރެ މި ކަހަލަ ވާހަކައެއް ދައްކާފައި ވާތީ އެވެ.
މުރްނާލް އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ މިއީ އޭނާގެ ފުރާވަރުގައި، ކަންކަން ރަނގަޅަށް ނޭނގި ހުރެ ދެކެވިފައިވާ ވާހަކަތަކެއް ކަމަށެވެ. މީހެއްގެ ހަށިގަނޑު ހުންނަ ގޮތަށް ފާޑުކިޔައި މަލާމަތްކުރުމަކީ އޭނާ ގަސްތުގައި ކުރާނެ ކަމެއް ނޫން ކަމަށް ބުންޏެވެ.
"އުމުރުން 19 އަހަރުގައި، ފުރާވަރުގައި އަހަންނަށް ވަރަށް މޮޔަ އެއްޗެހި ބުނެވިފައި ހުރީ. އަހަރެން ބުނާ އެއްޗެއް މާ ބޮޑު ކަމަކަށްވެ، ބަޔަކު ދެރަވެދާނެ ކަމަކަށް އޭރު ނުވިސްނޭ. އެކަމަކު އެހެން ވެއްޖެ، އެކަމަށްޓަކާ އަހަރެން ވަރަށް ބޮޑަށް މާފަށް އެދެން،" މުރްނާލް ބުންޏެވެ.
"މީހެއްގެ ހަށިގަނޑު ހުންނަ ގޮތަށް މަލާމަތްކުރުމަކީ އަހަރެންގެ ނިޔަތެއް ނޫން. އެއީ އެ އިންޓަވިއުގައި ޖެހި ސަކަރާތުގެ ތެރެއިން ބުނެވުނު އެއްޗެއް، އެހެން އެކަން ވެގެން ނުވާނެ. އޭރު ވިސްނައިގެން ވާހަކަ ދެއްކުނު ނަމައޭ މިހާރު ހިތަށް އަރާ. މިހާރު އަހަރެން ވެސް ގަބޫލުކުރަނީ ރީތިކަމަކީ ވަކި ގޮތަކަށް މީހާ ހުރެގެންވާ ކަމެއް ނޫންކަން."
މި ވީޑިއޯ ވައިރަލްވި ފަހުން ބިޕާޝާ ވެސް ވަނީ އޭނާގެ އިންސްޓާގްރާމް ސްޓޯރީގައި ޕޯސްޓެއްކޮށްފަ އެވެ. ސީދާ މި މައްސަލައާ ގުޅޭ ގޮތުން އެއްޗެއް ބުނުމުގެ ބަދަލުގައި ބިޕާޝާ ހިޔާރުކުރީ ކަސްރަތުކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ މަސައްކަތްކުރާ އަންހެނުންނަށް ހިތްވަރުދިނުމުގެ މެސެޖެއް އެ ޕޯސްޓު މެދުވެރިކޮށް ދިނުމަށެވެ.