ފުލުހުންގެ ތަހުގީގަށް ހިފެހެއްޓި ފައިސާތަކެއްގެ ތެރެއިން ގިނަ އަދަދެއްގެ ޑޮލަރު "ގެއްލުނު" މައްސަލައެއް ބަލަން ފަށައިފި
ފުލުހުންގެ ތަހުގީގަށް ހިފެހެއްޓި ފައިސާތަކެއްގެ ތެރެއިން ގިނަ އަދަދެއްގެ ޑޮލަރު "ގެއްލުނު" މައްސަލައެއް ބަލަން ފަށައިފި

މީގެ ހަ އަހަރު ކުރިން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ތަހުގީގަށް ހިފެހެއްޓި ފައިސާތަކެއްގެ ތެރެއިން، ގިނަ އަދަދެއްގެ ޑޮލަރު ގެއްލުނު މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ހިފެހެއްޓި ފައިސާގެ ޖުމްލައިގެ ފަރަގެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

"30،000 ޑޮލަރުގެ ފަރަގެއް ފާހަގަކުރެވިފައިވޭ،" ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ބަލަމުންދާ ކަމަށް ފުލުހުން މިރޭ ބުންޏެވެ.

ފުލުހުން ބުނީ، އެ ފައިސާ ބަހައްޓާފައިވާ ތަނުން، ހަލާކުވެފައިވާ ނޫޓުތަކެއް ވެސް ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ، ފޮރެންސިކް ފުލުހުން މެދުވެރިކޮށް އެކަން ވެސް ބަލަމުންދާ ކަމަށެވެ.

ނަމަވެސް، މި ފައިސާތައް ހިފަހައްޓާފައިވަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ.