14 އޯގަސްޓް 2025 - 21:47

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމާއި އަނިޔާވެރިކަމާ ދެކޮޅަށް "ގައުމީ ބޮޑު އެއްވުން"ގެ ނަމުގައި އެއްވުމެއް ބާއްވަން ނިންމައިފި އެވެ.
އެ އެއްވުން އިންތިޒާމްކުރާ ކޮމިޓީން ބުނިގޮތުގައި މާދަމާ ހަވީރު 4:30ގައި އެއްވުން ފަށާނީ މާލޭގެ މާފަންނު ސްޓޭޑިއަމްގަ އެވެ. އެއްވުމުގައި ބައިވެރިވާން ބޭނުންވާ މީހުން ހަވީރު 4:00 އަށް އެ ސަރަހައްދަށް ޖަމާވުމަށް އެ ކޮމިޓީން އިލްތިމާސްކުރި އެވެ.
ފަލަސްތީނަށްޓަކައި ބާއްވާ އެއްވުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށް ކޮމިޓީން އިލްތިމާސްކުރެ އެވެ. އަދި އެ ކޮމިޓީން ހަމަޖައްސާފައިވާ އިންތިޒާމްތަކަށް ހުރިހާ މީހުންނަށް ވެސް ކަމޭހިތުމަށް އެދިފައިވެ އެވެ. އެއްވުމުގައި ބޭނުން ކުރާނެ ސާމާނު ވެސް ފޯރުކޮށްދޭނީ ކޮމިޓީންނެވެ.
އެއްވުމުގެ ތެރޭގައި ރާއްޖޭގައި އުޅޭ ބޭރުގެ އެއްވެސް ޑިޕްލޮމެޓުންނަށް އުނދަގޫވާނެ ކަމެއް ނޫނީ އަނިޔާއެއްވެދާނެ ކަމެއް ނުކުރުމަށް ވެސް ކޮމިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ. އެ ސަރަހައްދުގައި އަލިފާން ފަދަ ތަކެތި ބޭނުން ނުކުރުމަށާއި އެމްބިއުލާންސް ފަދަ އުޅަނދުތަކަށް އުނދަގޫ ނުވާނެ ގޮތަށް ސައިކަލް ޕާކްކުރަން ވެސް އެދިފައިވެ އެވެ.
އެއްވުން އިންތިޒާމްކޮށްފައިވަނީ އަންހެންނާއި ފިރިހެނުން ވަކިން ތިބޭ ގޮތަށެވެ.
ރާއްޖޭގައި ފަލަސްތީނުގެ ހައްގުގައި އެއްވުމެއް ބާއްވަން ނިންމާފައިމިވަނީ، އިޒްރޭލުގެ އިސްތިއުމާރު މުޅި ޣައްޒާއަށް ފުޅާކުރުމާ ދެކޮޅަށް، ގައުމީ ފެންވަރުގައި މާދަމާ ތެދުވުމަށް ހަމާސް ޖަމާއަތުން ކަނޑައަޅައި، އިއުލާނުކުރުމާ ގުޅުވައިގެންނެވެ.