14 އޯގަސްޓް 2025 - 16:35

ހުޅުމާލޭގައި ނުނިމި ދިގުލައިގެން ގޮސްފައިވާ ހައުސިން ޕްރޮޖެކްޓުތަކުގެ މަސައްކަތްތަކުގެ އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު މިއަދު ބައްލަވާލައްވައިފި އެވެ.
އެޗްޑީސީން ބުނީ އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ "ރީތިގަސް" އެޕާޓްމަންޓްސް އާއި "ދަ ގާޑަންސް" އެޕާޓްމަންޓްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު، ސައިޓަށް ވަޑައިގެން ޒުހައިރު މިއަދު ބައްލަވާލައްވާފައިވާ ކަމަށެވެ.
ހުޅުމާލޭގައި ހިންގާ މިފަދަ އެހެން ޕްރޮޖެކްޓުތަކުގެ މަސައްކަތް ބައްލަވާލެއްވުމަށް ވެސް، މެނޭޖިން ޑިރެކްޓަރު ކަމަށް މިދިޔަ މަހު އައްޔަންކުރި ޒުހައިރު ވަޑައިގަންނަވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އާރުޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި ޒުހައިރު އެޗްޑީސީގެ އެމްޑީގެ މަގާމަށް މިދިޔަ ޖުލައި 30 ވަނަ ދުވަހު އައްޔަން ކުރެއްވުމާ އެކު، މިހާރު ގެންދަވަނީ އެ ކުންފުނީގެ ކަންކަން ބައްލަވައި، ބައެއް ފިޔަވަޅުތައް އަޅުއްވަން ފައްޓަވައިފަ އެވެ. އޭގެ ތެރޭގައި އެތެރޭގެ ބައެއް "މައްސަލަތައް" އަދި ގޮތެއް ނުނިމި ދިގުލައިގެން ގޮސްފައިވާ ބައެއް ކަންކަން ހިމެނޭ ކަމަށް ވެ އެވެ.
ހުޅުމާލެ 1 ގައި ކުރިއަށް ގެންދާ، ރީތިގަސް ހައުސިން ޕްރޮޖެކްޓްގައި ހިމެނެނީ އެއް ކޮޓަރި އާއި ދެ ކޮޓަރި އާއި ތިން ކޮޓަރި އަދި ހަތަރު ކޮޓަރީގެ 459 އެޕާޓްމަންޓެވެ. އެ ޕްރޮޖެކްޓްގެ ދަށުން 14 ބުރީގެ ތިން ޓަވަރު އަޅަ އެވެ. އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަޝްރޫއު ފެށިޔަސް ފައިސާގެ ދަތިކަމާ ހުރެ އެ މަޝްރޫއު ދިގުލައިގެން ދިޔައީ އެވެ.
ނަމަވެސް، އެޗްޑީސީއާ އެކު ފަހުން ހެދި ސެޓުލްމަންޓް އެގްރީމަންޓަކާއެކު އެ މަސައްކަތް ވަނީ އަވަސްކޮށްފަ އެވެ.
ހުޅުމާލޭ 1 ގައި ހަދާ "ދަ ގާޑަންސް" ޕްރޮޖެކްޓަކީ ޖާހު އިންވެސްޓްމަންޓާ ހަވާލުކޮށްގެން 2017 ވަނަ އަހަރު ފެށި މަސައްކަތެކެވެ. ނަމަވެސް، ބުނި މުއްދަތަށް މަސައްކަަތް ނުނިންމައި އަދި އެޗްޑީސީން ހަމަޖައްސައިދިން އިތުރު ލުއިތަކަށް ވެސް ތަބާ ނުވުމުން، އެންމެފަހުން ވަނީ ޖާހުއާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފަ އެވެ.
"ދަ ގާޑަންސް" އެޕާޓްމަންޓްތަކުގެ ނުނިމި ހުރި މަސައްކަތް ކުރަން އެޗްޑީސީން މި އަހަރު ވަނީ އާރުސީސީއާ ހަވާލުކޮށްފަ އެވެ.
"ދަ ގާޑަންސް" ގައި 2+1 އާއި 3 އަދި 3+1 ގެ ޖުމްލަ 83 އެޕާޓްމަންޓް ހުންނާނެ އެވެ. އޭގެ ގިނަ ތަންތަން ވަނީ ވިކި ހުސްވެފަ އެވެ.